ބޭރުގެ ބާރުތަކުން ދަނީ އިސްލާމީ ޒައީމުން އަޒުލު ކުރަމުން: ޑިފެންސް މިނިސްޓަރު

3 ނޮވެމްބަރު 2018: ކަޅުތުއްކަލާ ކޮށީގައި ބޭއްވި ނަސްރުގެ ދުވަހުގެ ހާއްސަ ޖަލްސާގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް

ބޭރުގެ ބާރުގަދަ ގައުމުތަކުން އިސްލާމީ ގައުމުތަކުގެ ހަރުދަނާ ޒައީމުން އަޒުލު ކުރަމުންދާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ނަސްރުގެ ދުވަހުގެ ހާއްސަ ޖަލްސާ ޝަރުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ މިޒަމާނުގައި ބޭރުގެ ބާރުތަކުން ގައުމުތައް އަޅުވެތި ކުރުމަށް ކުރާ އެންމެ ބޮޑު ކަމަކީ ގައުމުގެ ދާހިލީ ކަންތައްތަކުގެ ތެރެއަށް ނުފޫޒު ފޯރުވައި ގައުމުގެ ގާނޫނީ ވެރިކަން ބަދަލު ކުރުމަށް ވާގިވެރިވުން ކަމަށެވެ. އަދި އެކި ފަހަރު އެކަމަށް އެކި އުކުޅު ގެންގުޅޭ ކަމަށް ވިދާޅުވި އެވެ.

"ހުޅަނގުގެ ޑިމޮކްރެސީއާ ހައްގުތަކުގެ ވާހަކަ ދައްކައިގެން. ހުދުމުހުތާރު ކަމާ އަނިޔާވެރިކަމާ މިނިވަކަން ކުޑަވުމުގެ ބަހަނާތައް ދައްކައިގެން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިނިވަން އިސްލާމީ ގައުމުތަކަށް އެ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ވަރު މާ ބޮޑު ކަމަށެވެ. އަދި އިރާގާ ލީބިޔާ އަކީ އެކަމުގެ މިސާލެއް ކަމަށް ވިދާޅުވި އެވެ.

"ބޮޑެތި ގައުމުތައް އަޑީގައި ތިބެގެން، ދުނިޔޭގެ އިސްލާމީ ހަރުދަނާ ޒައީމުން އަޒުލު ކުރަމުން ގެންދަނީ މި ދެންނެވި އުކުޅުތައް ބޭނުންކޮށްގެން މި ދެންނެވި ގޮތުގެ މަތިން،"

3 ނޮވެމްބަރު 2018: ކަޅުތުއްކަލާ ކޮށީގައި ބޭއްވި ނަސްރުގެ ދުވަހުގެ ހާއްސަ ޖަލްސާގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް

މިނިސްޓަރު ވިދާޅުވީ ނޮވެމްބަރު ތިނެއްގެ ހަމަލާ އަކީ ޒާތީ ތައައްސަބުން ފުރިގެންވާ ދިވެހި ހާއިނުންތަކެއް ބޭރުގެ ނިރުބަވެރި ޖަމާއަތަކާ ގުޅިގެން، ދިން ހަމަލާއެއް ކަމަށެވެ. އަދި އެ ހަމަލާގެ ސަބަބުން ދިވެހިންތަކެއް ޝަހީދުވެގެން ދިޔަ އިރު އެކަމަކީ މޮޅިވެރިކަމުގެ ސާލެއް ދިވެހިރާއްޖެއަށް ފެތުރިގެން ދިޔަ ދުވަހެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެހެން ވުމާ އެކު 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހަކީ ރާއްޖޭގެ މިިނިވަންކަމާއި އިސްތިގުލާލުގައި ރެނދު އެޅިގެން ދިޔަ ދުވަހެއް. ބިރުވެރިކަމާއި ނާމާންކަމާއި މޮޅިވެރިކަމުގެ ސާލެއް މުޅި ދިވެހި ރާއްޖޭގައި ފެތުރިގެން ދިޔަ ދުވަހެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އަދި ގައުމުގައި އުދުވާނީ ހަމާލަތައް ކުރިމަތިވެ ހަމަނުޖެހުން ހިނގާފައި ވަނީ ވެރިކަން ބޭނުންވެގެން އުޅޭ ފަރާތްތަކުގެ މެދުގައި އުފެދޭ ފިތުނަވެރިކަމުގެ ތެރެއިން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ދިވެހި ރާއްޖޭގެ ތާރީހަށް ނަޒަރު ހިންގާއިރު، ގައުމުގެ މިނިވަން ކަމާ އިސްތިގުލާލަށް ނުރައްކާވެ، ގައުމުގައި ހަމަނުޖެހުން ހިނގައި، އަދި އުދުވާނީ ހަމަލާތައް ރާއްޖެއަށް ކުރިމަތިވެފައި ވަނީ ވެރިކަމުގެ ކޮއިލުގެ ތެރޭގައި ނުވަތަ ވެރިކަން ކުރާ ހާންދާނުގެ ތެރޭގައި، ނުވަތަ އެ ނޫންވެސް ގޮތަކުން ވެރިކަމަށް ބޭނުންވެފައިވާ ފަރާތްތަކާ ދެމެދުގައި އުފެދޭ ފިތުނަވެރިކަމުގެ ތެރެއިން."

އެ ހަމަލާއިން ރާއްޖެ ސަލާމަތް ކުރުމަށްޓަކައި ދިވެހި ސިފައިން ވަރަށް ބޮޑު ޖިހާދެއް ވެފައިވާ ކަމަށެވެ. އަދި އެ ދުވަހު ރާއްޖެ ސަލާމަތް ކުރުމަށްޓަކައި ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް ހިކުމަތްތެރި މަސައްކަތްތަކެއް ކުރެއްވި ކަމަަށް މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވަނީ އެ ދުވަހު އަވަށްޓެރި އިންޑިއާގެ ފަރާތުން ވެސް އަވަސް އެހީތެރިކަން ލިބިގެން ދިޔަކަން ފާހަގަ ކުރައްވާފަ އެވެ. އަދި އެ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާ ކުރައްވާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ ނިމިގެން މިދާ ރިޔާސީ ދައުރުގައި ވެސް ގިނަ ނިރުބަވެރި ހާދިސާތަކެއް ހިނގާފައިވާ ކަމަށެވެ. އަދި އެ ހާދިސާތަކުން ގައުމު ސަލާމަތް ކުރެއްވުމަށްޓަކައި ރައީސް އަބްދުﷲ ޔާމީން ބެހެއްޓެވި ހިކުމަތާއި ކުރެއްވި މަސައްކަތްތަކަށްޓަކައި ޝުކުރު އަދާ ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަދި ސިޔާސީ ނުފޫޒަކަށް ނުޖެހި ދިވެހި ސިފައިން ވެސް ވަނީ ގައުމު އަނދަވަޅަކަށް ވެއްޓި ދިޔަ ނުދީ ހިމާޔަތް ކޮށްފައި ކަމަށް ވިދާޅުވެ މިނިސްޓަރު ވަނީ ސިފައިންނަށް ވެސް ޝުކުރު އަދާ ކުރައްވާފަ އެވެ.

comment ކޮމެންޓް