ގިނަ ދިވެހި ފިލްމުތަކަކުން ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ ފިލްމީ ތަރި އަހުމަދު ނިމާލްގެ ވާހަކަ އަކަށް އޭނާ ޑައިރެކްޓްކުރާ އާ ފިލްމުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށް ދާކަމަށް ހަބަރުތައް ބުނެފިއެވެ.
ފިލްމުގެ ޕްރޮޑިއުސަރަކީ ކާކު ކަމެއް އަދި ނޭނގެއެވެ. ފިލްމުގެ މައިގަނޑު ކާސްޓުންނަކީ ވެސް ކޮބައިކަން އަންގާފައި ނުވާއިރު ފިލްމަށް ކިޔާ ނަން ވެސް އޮތީ އަދި ސިއްރު ކޮށްފައެވެ.
ކާސްޓުން އިއުލާނު ނުކުރި ނަމަވެސް އެ ފިލްމުން މިހާރު ފިލްމީ ދާއިރާގައި ހުރި އެންމެ ޑިމާންޑް ބޮޑު ބަތަލާ މަރިޔަމް އައްޒައާއި އަބްދުﷲ މުއާޒުގެ އިތުރުން ޖުމައްޔިލް ނިމާލް ފެންނާނެ ކަމުގެ އަޑުތައް މީގެ ކުރިން ވަނީ އަރާފައެވެ.
މީގެ ކުރިން "ސަން" އަށް ދިން އިންޓަވިއުއެއްގައި ނިމާލް ބުނީ، ފިލްމުގެ ތަފްސީލްތައް މީޑިއާ ތަކަށް ދިނުމަށް ހާއްސަ ހަފްލާއެއް ބާއްވާނެ ކަމަށެވެ. އަދި އެ ހަފްލާގެ ތެރެއިން ފިލްމުގެ ނަމާއި އެހެން އިތުރު އެއްޗެހި ވެސް އެނގިގެން ދާނެ ކަމަށެވެ.
އެ ފިލްމުގެ މަންޒަރުތައް އަވަށްޓެރި ސްރީ ލަންކާގެ އިތުރުން ނޫނު އަތޮޅުގެ ރަށެއްގައި ނަގާފައިވާއިރު މިހާރު ފިލްމުގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިޔަށް ދާކަމުގެ ހަބަރުތައް ދަނީ ލިބެމުންނެވެ. އަދި އެ ފިލްމުގެ އަންނަ އަހަރު ސިނަމާ ތަކަށް ގެންނާނެ ކަމުގެ އުންމީދު ވެސް ބޮޑެވެ.
ފިލްމު "އަނިޔާ" އަށް ފަހު ނިމާލް ޑައިރެކްޓްކުރާ ފުރަތަމަ ފިލްމު ގައި ހިމެނޭ އަމިއްލަ ރާގުގެ ލަވަ އެއްގެ މަސައްކަތް ލަވަކިޔުންތެރިޔާ އަބްދުލް ހަންނާނު އާއެކު ކޮށްފައި ވާކަމަށް ނިމާލް ބުންޏެވެ.
އެ ފިލްމު ވާނީ ނިމާލް އާއި ޖުމައްޔިލް އެކުގައި ފެނިގެންދާނެ ފުރަތަމަ ފިލްމަށެވެ.