އަބުރުގެ ގާނޫނު އުވާލާއިރު، ޖޫރިމަނާތަކާ މެދު ގޮތެއް ކަނޑައަޅަން ޖެހޭ: ސުއޫދު

ކުރީގެ އެޓާނީ ޖެނެރަލް ހުސްނުއްސުއޫދު --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލް ފާސްކުރާ އިރު، އެ ގާނޫނުގެ ދަށުން ކޮށްފައިވާ ޖޫރިމަނާތަކާ މެދު އަމަލުކުރާނެ ގޮތެއް ކަނޑައަޅަން ޖެހޭ ކަމަށް ކުރީގެ އެޓާނީ ޖެނެރަލް ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.

ސުއޫދު މިއަދު "ސަން" އަށް ވިދާޅުވީ އަބުރުގެ ގާނޫނު އުވާލާއިރު، ކޮށްފައިވާ ޖޫރިމަނާތަކަށް ވާނެގޮތެއް ކަނޑަނާޅައިފި ނަމަ ގާނޫނީ މައްސަލަތަކެއް ނުކުންނާނެ ކަމަށެވެ.

"އެހެންވީމާ އެ ގާނޫނު ]އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު] އުވާލަން ފާސްކުރާއިރު ޖޫރިމަނާތަކާ މެދު އަމަލުކުރާނެ ގޮތެއް ކަނޑައަޅަން އެބަޖެހޭ،" ސުއޫދު ވިދާޅުވި އެވެ.

އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން އެންމެ ގިނަ އިން ޖޫރިމަނާކޮށްފައި ވަނީ ރާއްޖެ ޓީވީ އެވެ. ރާއްޖެ ޓީވީގެ އިތުރުން ސަންގު ޓީވީ އާއި ވީޓީވީ އާއި ޓީވީއެމް ވެސް ޖޫރިމަނާކޮށްފައިވެ އެވެ.

އަބުރުގެ ގާނޫނު އުވާލުމަކީ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައިދެކެވެ. އެ ގާނޫނު އުވާލަން މަޖިލީހަށް ހުށަހެޅުއްވީ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދެވެ.

ޝާހިދު ވިދާޅުވީ އެ ގާނޫނަކީ ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާއި ގާނޫނީ ހަމަތަކާ އުސޫލުތަކާ ތައާރުޒުވާ ގާނޫނެއް ކަމަށެވެ. އަދި އެ ގާނޫނު އެކުލަވާލާފައި ވަނީ ގަނޫނު އަސާސީގެ އެތައް މާއްދާތަކުން ލިބިދޭ ބާރު ކެނޑޭ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް