އެންޓި ޑިފެކްޝަން ގާނޫނަކީ ގާނޫނު އަސާސީއާ ޚިލާފު ގާނޫނެއް: ނަޝީދު

ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު: ފޮޓޯ/ މަޖިލިސް

އެންޓި ޑިފެކްޝަން ގާނޫނަކީ ގާނޫނު އަސާސީއާ ޚިލާފު ގާނޫނެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެންޓި ޑިފެކްޝަން ގާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލަށް މަޖިލީހުގެ ތަޅުމުގައި ބަހުސްކުރައްވަމުން ނަޝީދު ވިދާޅުވީ ސުޕްރީމު ކޯޓުން ޖުލައި 13ގައި ނެރުނު އަމުރަކީ ގާނޫނު އަސާސީގެ ތަރަހައިގެ ތެރެއިން ނެރުނު ހުކުމެއްކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"އެކަމާ ގުޅިގެން އަޅުގަނޑަށް ވިސްނޭ ގޮތް ހަތަރު ފަހަރެއްގެ މަތިން ވާހަކަ ދެއްކިން،" ނަޝީދު ވިދާޅުވި އެވެ.

ގޮނޑި ގެއްލުނު މެންބަރުންނާ ދޭތެރޭ ކަންކުރެވިފައި ވަނީ ރަނގަޅަށް ނޫންކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. ގާނޫނީ ދާއިރާގައި ފުންނާބު އުސް ވަކީލު ވިދާޅުވީ ސަރުކާރުގެ މެންބަރެއްގެ ގޮތުގައި ހުންނަވައި ސަރުކާރުގެ ކަންކަމަށް ފާޑު ނުކީ ނަމަވެސް މެންބަރުންނާ ގުޅުން ހުރި ކަންތަކުގައި ހިޔާލު ފާޅުކުރައްވާފައިވާނެ ކަމަށެވެ.

"މަޖިލީހުގެ މެންބަރުންނަށް އޭރު ވެގެންދިޔަ ކަންތަކަކީ އަޅުގަނޑު ގަބޫލު ކުރި ކަންތަކެއް ނޫން. އެކަމާ ގުޅިގެން އަޅުގަނޑު ހުންނާނީ ވާހަކަ ވެސް ދައްކާފައި،" އިތުރަށް ކުރެވޭނެ ކަމެއް އޭރު ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގޮނޑި ގެއްލޭނެ ހާލަތްތައް ގާނޫނު އަސާސީގެ 74 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިރު ގޮނޑި ގެއްލޭނެ އިތުރު ހާލަތްތައް އިތުރު ކުރެވޭނީ ގާނޫނު އަސާސީއަށް ބަދަލު ގެނެސްގެން ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެންޓި ޑިފެކްޝަން ގާނޫނު އެއްކޮށް އުވާލަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

comment ކޮމެންޓް