އީސީގެ ނަމުގައި ކުރީގެ މުވައްޒަފުންނަށް ދަނީ ބިރު ދައްކަމުން: އީސީ

22 ޖުލައި 2018: އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ---- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އިލެކްޝަންސް ކޮމިޝަންގެ ނަމުގައި އެ ކޮމިޝަނުގައި މަސައްކަތް ކުރި މުވައްޒަފުންނަށް ބިރު ދައްކަމުންދާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އީސީއިން މިއަދު ބުނީ ރިޔާސީ އިންތިޚާބު ގެ މަސައްކަތާ ގުޅިގެން، އިލެކްޝަންސް ކޮމިޝަނުގައި ވަގުތީގޮތުން މަސައްކަތް ކުރި ބަޔެއް މުވައްޒަފުންގެ ފޯނަށް އިލެކްޝަންސް ކޮމިޝަނުގެ ނަމުގައި ގުޅައި، ބަޔެއް މުވައްޒަފުން އިލެކްޝަންސް ކޮމިޝަނުގެ ޢިމާރާތާ ހަމަޔަށް ގެނެސް، އެ މުވައްޒަފުންނަށް އޮޅުވާލައިގެން، އެހެން ތަންތަނަށް ގެންގޮސް، އެފަދަ މުވައްޒަފުންނާ އިލެކްޝަންސް ކޮމިޝަނުގެ ނަމުގައި ސުވާލުކޮށް، ބިރުދައްކައި ހަދަމުން ގެންދާ ކަމަށެވެ.

އޭގެ އިތުރުން އެ ކޮމިޝަނުގެ ބަޔެއް މުވައްޒަފުންނާއި، މެންބަރުންނަށާއި، ޢާއިލާތަކަށްވެސް ބިރުދައްކަމުން ގެންދާ ކަމަށް އެ ކޮމިޝަނުން ވަނީ ފާހަގަކޮށްފަ އެވެ.

"މި ކަމަކީ، ސިޔާސީ ޕާޓީއަކުން ނުވަތަ ޕާޓީއަކަށް ތާއީދުކުރާ ސިޔާސީ ވަކިބަޔަކު އިސްވެ ތިބެގެން ކުރާ ކަމަކަށްވީނަމަވެސް، މިފަދަ ޢަމަލުތަކަކީ، ޤާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ޤާނޫނު)ގެ 7 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރާ ޚިލާފު، އަދި ޑިމޮކްރެސީ އާ ވަރަށް ބީރަށްޓެހި، ވަރަށް ނާތަހުޒީބު ޢަމަލަކަށްވާތީ، މި ފަދަ ޢަމަލުތައް އިލެކްޝަންސް ކޮމިޝަނުން ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަމެވެ." އިލެކްޝަންސް އިން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވި އެވެ.

މުވައްޒަފުންގެ ފަރާތުން މަޢުލޫމާތެއް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަން ބޭނުންނަމަ، އެކަން އެފަދަ މުވައްޒަފުންނަށް އަންގާނީ، ރަސްމީ ގޮތުން، ކޮމިޝަނުގެ ލިޔުމަކުން ނުވަތަ ކޮމިޝަނުގެ ފޯނު ލައިނަކުން ކަމުގައިވެވެސް އީސީ އިން ބުންޏެވެ.

ޤާނޫނުއަސާސީ ގެ 24 ވަނަ މާއްދާއިން، އެ ކޮމިޝަނުގެ މުވައްޒަފުންނަށާއި، މެންބަރުންނަށް ލިބިދީފައިވާ ޒާތީ ދިރިއުޅުމުގެ ޙައްޤަށް އަރައި ނުގަތުމަށް އީސީއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

comment ކޮމެންޓް