މެމްބަރު ސައުދުﷲގެ ގޮނޑި ނުގެއްލޭކަމަށް ހުކުމްކޮށްފި

ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީގެ ގޮނޑި ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

ސައުދުﷲގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އޭނާ މަޖިލީހުގައި ތަމްސީލް ކުރަމުންދާ ތިނަދޫ އުތުރު ދާއިރާގެ ގޮނޑި ނުގެއްލޭ ކަމަށް ހުކުމް ކޮށްފައިވަނީ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

މިއަދު އިއްވި ހުކުމުގައި ބުނެފައިވަނީ ޕާޓީ ބަދަލުކުރުމުން މެންބަރުކަން ގެއްލޭ ގޮތަށް މިދިޔަ އަހަރުގެ ޖުލައި 13 ވަނަ ދުވަހު، އެންޓި ޑިފެކްޝަން ގާނޫނު ފާސްކުރުމުގެ ކުރިން ސައުދުﷲ ޕީޕީއެމުން ވަކިވުމަށް އެދި ސިޓީ ފޮނުވާފައިވާކަން ދެ ފަރާތުގެ ވާހަކަތަކުން އެގެން އޮންނަ ކަމަށެވެ.

އަދި މެންބަރަކު ވަކިވުމަށް އެދި ސިޓީ ފޮނުވާ ހިސާބުން އެ މެންބަރަކު ޕީޕީއެމެން ވަކިވާނެކަން އެ ޕާޓީގެ އަސާސީ ގަވާއިދުގައި ސަރީހަ އިބާރާތުން ބުނެފައިވާކަމަށްވެސް ހުކުމުގައި ވެއެވެ.

އެގޮތުން ޖުލައި 10 ވަނަ ދުވަހު ޕީޕީއެމުން ވަކިވުމަށް ސިޓީ ފޮނުވައި ޖެހިގެން އައި ދުވަހު އެކަން އިލެކްޝަނަށް އަންގައި ޕީޕީއެމްގެ ދަފްތަރުން ސައުދުﷲގެ ނަން އުނިކޮށް ދިނުމަށް އެދިފައިވާކަންވެސް އެނގެން އޮންނަ ކަމަށް ހުކުމުގައި ވެއެވެ.

ސައުދުﷲގެ އިތުރުން ގޮނޑި ނުގެއްލޭ ކަމަށް މިއަދު ހުކުމް ކޮށްފައިވަނީ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މުހައްމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާންގެ އިތުރުން ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދެވެ.

comment ކޮމެންޓް