ގައުމީ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފުރަތަމަ ސެމީ ފައިނަލުގައި ރޭ ކުޅުނު މެޗުން ޕޮލިސް ކްލަބް ބަލިކޮށް، މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ސިފައިންގެ ކްލަބް ހޯދައިފިއެވެ.
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު މެޗުން ފޯރިގަދަ ކުޅުމަކަށް ފަހު ސިފައިން މޮޅުވީ 3-2 ސެޓުންނެވެ.
އެ މެޗުގެ ފުރަތަމަ ސެޓު ޕޮލިހުން ގެންދިޔައީ ތަފާތު ބޮޑު ކޮށެވެ. ޕޮލިހުން ވަރުގަދަ ކުޅުމެއް ދައްކައި އެ ސެޓު ގެންދިޔައީ 25-12 އިންނެވެ.
ފުރަތަމަ ސެޓު ގެެއްލުނު ނަމަވެސް ސިފައިން ދެ ވަނަ ސެޓުގައި ކުޅުން ރަނގަޅުކުރި އެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ސެޓު ސިފައިން ގެންދިޔައީ 25-18 އިންނެވެ.
ދެވަނަ ސެޓު ގެއްލުމާއެކު ފުލުހުން ދެން ނުކުތީ އާ ހިތްވަރަކާ އެކުއެވެ. އެގޮތުން އެ ޓީމުން ވަނީ ތިން ވަނަ ސެޓު 25-19 އިން ގެންގޮސްފައެވެ.
ފުލުހުންނަށް ދެ ސެޓު ލިބިފައިވި ނަމަވެސް، ފަހު ކޮޅުގައި އެ ޓީމަށް ގޯސްތަކެއް ހެދެން ފެށި އެވެ. އެހެން ނަމަވެސް، ސިފައިންވަނީ ކުރިން ހެދުނު ގޯސްތައް ރަނގަޅުކޮށް ފަހު ދެ ސެޓުގައި ވަރުގަދަ ކުޅުމެއް ދައްކާފަ އެވެ. ސިފައިން ފަހު ދެ ސެޓު ގެންދިޔައީ 22-25 އަދި 12-15 އިންނެވެ.
ފައިނަލުގައި ސިފައިންނާ ދެކޮޅަށް ކުޅޭ ޓީމެއް އެނގޭނީ މިރޭ ޕޮލިސް ސެމީން މޮޅުވި ހުޅުމާލެ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ މެޗަށް ފަހު އެވެ. ހުޅުމާލެއާ ދެކޮޅަށް އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ޕޮލިސް ވަނީ މޮޅުވެފަ އެވެ. މި ދެ ޓީމު މިރޭ ބައްދަލު ކުރާ މެޗު ފަށާނީ 20:30 ގަ އެވެ.
މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އަންނަ ބުދަ ދުވަހުގެ ރޭއެވެ.