ޖިންސީ ގޯނާކޮށްގެން ގޫގަލްއިން 48 މުވައްޒަފުން ވަކިކޮށްފި

ގޫގަލްގެ ސީއީއޯ ސުންދަރު ޕައިޗާއި

ޖިންސީ ގޯނާކޮށްގެން ގޫގަލްއިން އެ ކުންފުނީގެ 48 މުވައްޒަފަކު ވަކިކޮށްފިއެވެ.

ގޫގަލްގެ ސީއީއޯ ސުންދަރު ޕައިޗާއީ ވަނީ ޖިންސީ ގޯނާކުރި މައްސަލައިގައި 48 މުވައްޒިފުން ވަޒީފާއިން ވަކިކުރިކަން ޔަގީންކޮށްދީފައެވެ.

އެމެރިކާގެ މަޝްހޫރު ނޫސްް ނިއުޔޯކްޓައިމްސްއިން ދާދި ފަހުން ޝާއިއުކުރި ރިޕޯޓެއްގައި ބުނީ ޖިންސީގޯނާގެ ތުހުމަތު ކުރެވުނު ގޫގަލްގެ މަތީ މަގާމުތަކުގައި ތިބި ތިން ބޭފުޅުންގެ މައްސަލަތައް އޮއްބާލުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި އެ ތިން ބޭފުޅުންނަށް "އެކްޒިޓް ޕެކޭޖް"ގެ ގޮތުގައި މިލިއަނުން ފައިސާ ދީފައިވާ ކަމަށްވެސް އެ ނޫހުން ބުންޏެވެ.

ނިއު ޔޯކްޓައިމްސްގެ ތުހުމަތުތަކާ ގުޅިގެން ސުންދަރު ވަނީ އެ ކުންފުނީގެ މުވައްޒިފުންނަށްް މެއިލްއެއްވެސް ފޮނުވައިފައެވެ. އީމެއިލްގައި ބުނެފައިވާ ގޮތުގައި ވަަޒީފާއިން ވަކިކުރި މުވައްޒިފުންގެ ތެރޭގައި 13 ސީނިއާ މެނޭޖަރުން ފެންވަރުގެ މުވައްޒިފުންވެސް ހިމެެނެއެވެ.

އޭގެ އިތުރުން އެ މެއިލް ވަނީ، ޖިންސީ ގޯނާގެ މައްސަލައެއް އުޅޭނަމަ އެ ކުންފުނީގައި ގާއިމްކޮށްފައިވާ ވަސީލަތައް ބޭނުންކޮށްގެން އެކަން މެނޭޖްމަންޓްގެ ސަމާލުކަމަށް ގެނައުމަށް ގޮވާލައިފައެވެެ.

ޖިންސީ ގޯނާގެ މައްސަލަތައް ހައްލުކުރުމުގެ ގޮތުން ގޫގަލްއިން ވަނީ އެ ކުންފުނީގެ ޕޮލިސީތައްވެސް މުރާޖާކޮށްފައެވެ. އާ ޕޮލިސީގެ ދަށުން ދެ މީހަކުު ރައްޓެހިވެގެން އުޅޭނަމަ އެކަން އެކުންފުންޏަށް އަންގަންވެސް ޖެހެއެވެ.

މަސްދަރު: ރޮއިޓާސް

comment ކޮމެންޓް