ކުރިޔަށް އޮތް ތަނުގައި ފިލްމު ކުޅޭނީ އަހަރަކު ފިލްމެއް ނޫނީ ދެ ފިލްމެއް ކަމަށާއި ކޮންމެ އަހަރަކުވެސް ވަކި ލިމިޓަކަށް ފިލްމު ކުޅެން ނިންމާފައި ވާކަމަށް މަޝްހޫރު ފިލްމީތަރި އަލީ ސީޒަން ބުނެފިއެވެ.
މިފަހަކަށް އައިސް ފިލްމު ތަކުން މަދުން ފެންނަނީ ކީއްވެތޯ "ސަން" އިން ކުރި ސުވާލަށް ޖަވާބުދެމުން ސީޒަން ބުނީ، ކުރިން އަަހަރެއްގެ ތެރޭގައި ގިނަ ފިލްމު ތަކެއްގެ މަސައްކަތް ތަކެއް ކުރިޔަސް ކުރިޔަށް އޮތް ތަނުގައި އެ ކަމަށް ބަދަލެއް ގެންނަން ނިންމާފައިވާ ކަމަށެވެ. އަދި ދެން އަހަރަކު ކުޅޭނީ ފިލްމެއް ނޫނީ ދެ ފިލްމެއް ކަމަށް އޭނާ ބުންޏެވެެ.

"އަހުޝަމް" ގެ ޕޯސްޓަރެއްގަައިި ސީޒަން...
"އެއްބަޔަކު ހުރިހާ ފިލްމެއްވެސް ކުޅެގެން ނުވާނެތާ، އަލަށް ނުކުންނަން ބޭނުންވާ ކުދިންނަށް ފުރުސަތު ދޭން ބޭނުންވާތީ ދެން ފިލްމު ކުޅޭނީ ވަކި ލިމިޓެއްގެ ތެރެއިން،" ފިލްމު އެވޯޑު ހަފްލާތަކުން ގިނަ އެވޯޑުތައް ވެސް އުފުލާލާފައިވާ ސީޒަން ބުންޏެވެ.
ސީޒަން ވަނީ ބެލުންތެރިންގެ މެދުގައި މަގުބޫލުވެގެން ދިޔަ ފިލްމު ތަކުން މޮޅު އެކްޓިން ދައްކައި ބެލުންތެރިންގެ ހިތްތައް ކަތިލާފައެވެ. އޭނާ މިހާތަނަށް ކުޅެފައިވާ ފިލްމުތައް އިނގިލިން ގުނާލެވޭހާ ގިނައެވެ.
އިތުރަށް ވާހަކަ ދައްކަމުން ސީޒަން ބުނީ، ފިލްމު ކުޅުން ލިމިޓް ކުރި ނަމަވެސް ފިލްމީ ދާއިރާއިން ދުރަށް ނުދާނެ ކަމަށާއި ފިލްމު ކުޅުން ހުއްޓާނުލާނެ ކަމަށެވެ. މިހާރު އޭނާ އަކީ ޑައިރެކްޓަރެއްގެ އިތުރުން ޕްރޮޑިއުސަރެއް ވެސް މެއެވެ.

"ނޯޓީ ފޯޓީ" ގެ ޕޯސްޓަރެއްގައި ސީޒަން...
"ފިލްމު ކުޅުން ހުއްޓާލާކަށް ހިތަކު ނެތް، ފިލްމީ ދާއިރާގެ ކޮންމެ ވެސް ހިސާބެއްގަ އިރާދަކުރެއްވިއްޔާ އަބަދުވެސް މަސައްކަތް ކުރާނަން،" ވީޑިއޯ ލަވަތަކުން ވެސް ފެނިފައިވާ ސީޒަން ބުންޏެވެ.
ސީޒަން ކުޅެފައިވާ މަގުބޫލު ފިިލްމުތަކަށް ބަލައިލާއިރު "ހިތް ޔާރާ ދީފާ، "ކަރުނަވީ ބޭވަފާ"، "ޖިންނި"، "ހަނދުކޭތަ"، "މިހަށިން ފުރާނަ ދަންދެން"، "ދިންވޭނުގެ ހިތާމާގައި"، "މާފެއް ނެތް" އަދި "ނޯޓީ ފޯޓީ" ފަދަ ފިލްމުތައް ހިމެނެއެވެ. އަންނަ އަހަރަށް ލަސްވެފައި އޮތް ފިލްމު "ފޯޓީ ޕްލަސް"ގައި ވެސް ސީޒަން ފެންނާނެއެވެ.