ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު މަގާމުން ދުރުކޮށްފިނަމަ އެ މަގާމަށް ވާދަކުރަން ނިންމާފައިވާ ކަމަށް މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ 51 މެމްބަރުންގެ ސޮޔާއެކު މިހާރުވަނީ މަޖިލީހަށް ވައްދާފައެވެ. ސޮއިކުރި މެމްބަރުންގެ ތެރޭގައި ޕީޕީއެމް އަދި އެމްޑީއޭއަށް ނިސްބަތްވާ މަޖިލިސް މެމްބަރުންވެސް ހިމެނެއެވެ.
އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަސީހު މަޖިލީހުގެ ރައީސްކަމުން ބޭރުކޮށްފިނަމަ އެ މަގާމަށް ވާދަކުރަން ނިންމަވައިގެން ހުންނެވި ކަމަށެވެ.
އަދުރޭ އެ ޓްވީޓް ކުރެއްވުމާއެކު އަދުރޭއާ އެއްކޮށް މަސައްކަތް ކުރައްވާ މެމްބަރުންގެ ތެރެއިން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްއާއި މާފަންނު ދެކުނު ދާއިރާއިގެ މެމްބަރު އަބްދުﷲ ރިފާއު އަދި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފްވެސް ވަނީ އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައެވެ.
މަޖިލީހުގެ ރައީސްކަމަށް ގެންނަން ޖޭޕީން ބޭނުން ވަނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއެވެ. އަދި އެހެން ޕާޓީތަކުގެ ހިޔާލު ހުރިގޮތެއް އެކަމުގައި ފާޅެއް ނުކުރެއެވެ.
މަސީހާ ދެކޮޅަށް ސޮއިކުރި ޕީޕީއެމް މެމްބަރުން
- ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމް ރަޝާދު
- އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އިބްރާހިމް
- ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު
- ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު
- އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް
- ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު
- ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން
- މަޑަވެލި ދާއިރާގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދު
- ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއު
- ވެލިދޫ ދާއިގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދު
- މާވަށު ދާއިރާގެ މެމްބަރު އަހުމަދު އަޒްހާން ފަހުމީ
- ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އައްސަދު
- ގުރައިދޫ ދާއިރާގެ މެމްބަރު ހުސައިން މަނިކު ދޮންމަނިކު
- ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު
މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ހުށަހަޅާތާ 14 ދުވަހުގެ ތެރޭގައި މަޖިލީހުގެ ރައީސް ޖަވާބުދާރީވާން ޖެހޭނެއެވެ. އަދި މަޖިލީހުގެ ވޯޓަށް އަހާނީ ޖަވާބުދާރީވުމަށް ފަހުއެވެ.
މީގެ ކުރިން ދެ ފަހަރެއްގެ މަތިން މަސީހުގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ވެއްދިއެވެ. އޭގެ ތެރެއިން ފުރަތަމަ ފަހަރު ވޯޓަށް އަހާފައި ވަނީ ރޯލްކޯލްކޮށް ވޯޓު ނަގައިގެންނެވެ. ދެވަނަ ފަހަރު މަސީހުގެ އިތުބާރު ނެތްކަަމަށް ސޮއިކުރި ޕީޕީއެމްގެ މެމްބަރުން ވަނީ ޕާޓީން ވަކިކޮށްފައެވެ.