ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމަށް ހުށަހެޅި މައްސަލައިގައި ސޮއިކުރި 51 މެމްބަރުންގެ ތެރޭގައި ވެރިކަންކުރާ ޕީޕީއެމްގެ 14 މެމްބަރެއްވެސް ސޮއިކޮށްފިއެވެ.
މިއަދު މަޖިލީހަށް ހުށަހެޅީ މަސީހުގެ އިތުބާރުގެ މައްސަލާގައި ސޮއިކުރި މެމްބަރުންގެ ތެރޭގައި ރައީސް ޔާމީނާ ގާތް ގުޅުމެއް އޮންނަ ފަރާތްތައްވެސް ހިމެނެއެވެ. އަދި އިންތިހާބުން ރައީސް ޔާމީން ނާކާމިޔާބުވެ ވަޑައިގަތުމަށް ފަހު ޕީޕީއެމުން ބޭއްވި އެއްވުންތަކުގައި ބައިވެރިވި މެމްބަރުންވެސް ހިމެނެއެވެ.
ސޮއިކުރި މެމްބަރުންގެ ތެރޭގައި ހިމެނެނީ ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދާއި، މަޑަވެލި ދާއިރާގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދާއި، ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދުގެ އިތުރުން ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީންވެސް ހިމެނިވަޑައިގަންނަވައެވެ.
މަސީހާ ދެކޮޅަށް ސޮއިކުރި ޕީޕީއެމް މެމްބަރުން
- ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމް ރަޝާދު
- އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އިބްރާހިމް
- ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު
- ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު
- އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް
- ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު
- ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން
- މަޑަވެލި ދާއިރާގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދު
- ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއު
- ވެލިދޫ ދާއިގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދު
- މާވަށު ދާއިރާގެ މެމްބަރު އަހުމަދު އަޒްހާން ފަހުމީ
- ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އައްސަދު
- ގުރައިދޫ ދާއިރާގެ މެމްބަރު ހުސައިން މަނިކު ދޮންމަނިކު
- ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު
ޖުމްލަ 51 މެމްބަރުން ސޮއިކޮށްފައިވާއިރު އޭގެ ތެރޭގައި ސުޕްރީމް ކޯޓުގައި މައްސަލަ އޮތް އަށް މެމްބަރުން ނުހިމެނެއެވެ.
މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ހުށަހަޅާތާ 14 ދުވަހުގެ ތެރޭގައި މަޖިލީހުގެ ރައީސް ޖަވާބުދާރީވާން ޖެހޭނެއެވެ. އަދި މަޖިލީހުގެ ވޯޓަށް އަހާނީ ޖަވާބުދާރީވުމަށް ފަހުއެވެ.
މީގެ ކުރިން ދެ ފަހަރެއްގެ މަތިން މަސީހުގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ވެއްދި އެވެ. އޭގެ ތެރެއިން ފުރަތަމަ ފަހަރު ވޯޓަށް އަހާފައި ވަނީ ރޯލްކޯލްކޮށް ވޯޓު ނަގައިގެންނެވެ. ދެވަނަ ފަހަރު މަސީހުގެ އިތުބާރު ނެތްކަަމަށް ސޮއިކުރި ޕީޕީއެމްގެ މެމްބަރުން ވަނީ ޕާޓީން ވަކިކޮށްފައެވެ.