އިންވެސްޓްމަންޓް ފޯރަމަށް ސައޫދީން ކުރި އުންމީދުތައް ފެނަށް!

ރިޔާޟް (އޮކްޓޯބަރ 24): "ދަ ފިއުޗާ އިންވެސްޓްމަންޓް އިނިޝިއޭޓިވް 2018"ގެ ނަމުގައި ސައޫދީން ފެށި އިންވެސްޓްމަންޓް ފޯރަމަށް ކުރި އުންމީދުތަށް ދަށަށް ގޮސްފައިވީ ނަމަވެސް އެ ފޯރަމުން މަދުވެގެން 50 ބިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓްތައް ސައޫދީއަށް ލިބޭނެ ކަމުގެ އުންމީދު އަދިވެސް އެބައޮތް ކަމަށް އެގައުމުގެ މަސްއޫލުވެރިން ވިދާޅުވެއްޖެއެވެ.

އެ ފޯރަމްގެ ކަންތައްތަކުގައި އިސްކޮށް އުޅުއްވާ ސައޫދީ މަސްއޫލުވެރިން ވިދާޅުވީ ސައޫދީ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ މަރާގުޅިގެން ހުޅަނގުގެ ގިނަގައުމުތަކުން އެ ފޯރަމް ބޮއިކަޓްކުރުމުން ފޯރަމް ބަލިކަށިވެގެން ދިޔަ ކަމަށް ގަބޫލު ކުރައްވާ ކަމަށާ އެހެންނަމަވެސް އެ ފޯރަމުން މަދުވެގެން 50 ބިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓްތައް ލިބޭނެކަމުގެ އުންމީދު އަދިވެސް އެބައޮތް ކަމުގައެވެ.

މި ފޯރަމްގެ ބޭނުމަކީ ސައޫދީގެ އިގްތިސާދު ތެލަށް ބަރޯސާވުން ކުޑަކުރުމަށް އެގައުމުން ފަށާފައިވާ އިގްތިސާދީ އިސްލާހީ ޕްރޮގްރާމަށް ބޭނުންވާ ބޭރުގެ އިންވެސްޓްމަންޓްތައް ހޯދުމެވެ. މި ފޯރަމްގެ އިފްތިތާޙީ ޖަލްސާގައި ވާހަކަ ދައްކަވަމުން ސައޫދީ މާލީ ވަޒީރު މުހައްމަދުލްޖަދްޢާން ވިދާޅުވީ ސައޫދީ އިގްތިސާދު ތެލަށް ބަރޯސާވުން ކުޑަކުރުމުގެ ޕްރޮގްރާމަކީ ކާމިޔާބު ކަމާއެކު ކުރިޔަށް ގެންދާ ޕްރޮގްރާމެއްކަމަށާ އެޕްރޮގްރާމް ތަންފީޒުކުރުމުގެ ގޮތުން ބާއްވާ އިންވެސްޓްމަންޓް ފޯރަމްވެސް ކާމިޔާބު ވާނެކަމަށް އުންމީދު ކުރައްވާކަމުގައެވެ.

ނަމަވެސް ސައޫދީ ހަކަތައާބެހޭ ވަޒީރު ޚާލިދް އަލްފާލިޙް ވަނީ ޖަމާލް ޚާޝުގްޖީގެ މަރާގުޅިގެން ސައޫދީއަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެފައިވާ ކަމަށާ މިއީ ސައޫދީ އަށް ނާޒުކު ދުވަސްތަކެއް ކަމަށް އެއްބަސްވެ ވަޑައިގެން އެކަމުން ސަލާމަތްވާނެ ގޮތެއް ސައޫދީން ހޯދަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

ސައޫދީގެ އިގްތިސާދުގެ 85 އިންސައްތަ ތެލަށް ބަރޯސާވެފައިވާއިރު ތެލަށް ބަރޯސާވުން ދެބައިކުޅަ އެއްބަޔަށް ކުޑަކޮށް ސައޫދީ މުޖްތަމައު މިހާރަށްވުރެ ބޮޑަށް ހުޅުވާލައި ގައުމަށް އިސްލާޙީ ބަދަލުތައް ގެނައުމުގެ ޕްރޮގްރާމެއް އެކުލަވާލައި އޭގެ ދަށުން 2016 ވަނައަހަރު އެގައުމުގެ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާންވަނީ ސައޫދީ "ވިޝަން 2030"ގެ ނަމުގައި ތަސައްވުރެއްވެސް އިޢްލާންކުރައްވާފައެވެ. ބިން ސަލްމާން 2016 ވަނައަހަރު އެޕްރޮގްރާމާއި "ވިޝަން "2030" އިއްލާންކުރެއްވީ އިގްތިސާދީ އަދި އިސްލާޙީ ރަނގަނޅު މަގްސަދުތަކެއްގައި ކަމަށް އެދުވަސްވަރު ބެލެވުނު ނަމަވެސް އޭނާގެ އަމަލުތައް ހުންނަގޮތުން އިސްލާޙީ ޕްރޮގްރާމާއި "ވިޝަން "2030" އިއްލާންކުރެއްވީ އޭނާގެ އަމިއްލަ ސިޔާސީ ބޭނުމެއްގައި ކަމަށް ގިނަ ފަރާތްތަކުން ގެންދަނީ ތުހުމަތުކުރަމުންނެވެ.

ޚާއްސަކޮށް ބޭރު ގައުމުތަކުގައި ހަރަކާތްތެރިވާ ސައޫދީ އިދިކޮޅު ފަރާތްތަކުން ބުނަނީ މުހައްމަދު ބިން ސަލްމާން އިގްތިސާދީ އިސްލާޙީ ޕްރޮގްރާމާއި "ވިޝަން "2030" އިއްލާންކުރެއްވީ ސައޫދީގައި މިހާތަނަށް އޮތް އުސޫލުތަކާ ޚިލާފަށް ސައޫދީ ރަސްކަމަށް އިސްވެ ވަޑައިގަތުމަށް ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައި ކަމުގައެވެ.

ޑާވޯސް އޮފް ދަ ޑެޒާޓް"ގެ ނަމުން މަޝްހޫރުވެފައިވާ އެ ފޯރަމް އިންތިޒާމް ކުރަނީ ސައޫދީ އަރަބިއާގެ ސޮވެރިން ވެލްތު ފަންޑުންނެވެ. ރިޔާޟްގައި ހުންނަ ރިޒްކާލްޓަން ހޮޓަލުގައި އިއްޔެ އިފްތިތާހްކުރި އިންވެސްޓްމަންޓް ފޯރަމްގައި ދުނިޔޭގެ ބައެއްގައުމުތަކުގެ މާލީ ވަޒީރުންނާ ދުނިޔޭގެ ބޮޑެތި ކުންފުނިތަކާއި މާލީ މުއައްސަސާތަކާ އަދި ބޭންކްތަކުގެ އިސް މަސްއޫލުވެރިން ބައިވެރިވެ ވަޑައިގެންނެވި ނަމަވެސް 20 ގައުމަކުންނާއި ފަނަރަވަރަކަށް މުއައްސަސާއިންވަނީ އެ ފޯރަމް ބޮއިކަޓްކޮށްފައެވެ.

މި ފަރާތްތަކުން ފޯރަމް ބޮއިކަޓް ނުކުރިނަމަ އަދި ޚާޝުގްޖީގެ އަވަރާކޮށްލި ޖަރީމާގެ ފަހަތުގައިވާ ކަމުގެ ތުހުމަތު ސައޫދީ އިސް ބޭފުޅުންގެ މައްޗަށް ކުރެވިފައިނުވާނަމަ މި ފޯރަމުން 200 ވަރަކަށް ބިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓެއް ސައޫދީއަށް ލިބޭނެ ކަމަށް ތަޖްރިބާކާރުން ލަފާކުރައްވާފައި ވެއެވެ.

ޚާޝުގްޖީގެ އަވަރާކޮށްލި ޖަރީމާއާ ގުޅިގެން ސައޫދީއަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެފައިވާއިރު މުހައްމަދު ބިން ސަލްމާން ވަނީ އިންވެސްޓްމަންޓް ފޯރަމްގައި އޭނާ ދެއްވުމަށް ހަމަޖެހިފައިވާ ޚިތާބުވެސް އެންމެ ފަހުވަގުތު ކެންސަލް ކުރައްވާފައެވެ. ފޯރަމް ކުރިޔަށްދާ ރިޒްކާލްޓަން ހޮޓަލަށް ބިންސަލްމާން ވަޑައިގެންނެވުމަށްފަހު 15 މިނިއްޓުވެސް ނުވަނީސް އޭނާވަނީ އެތަނުން ނުކުމެ ވަޑައިގެންފައެވެ.

ޖަމާލް ޚާޝުގްޖީ އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލާފައިވާއިރު އެކަންކުރީ ދުރާލައި ރާވައިގެން ކަމަށާ އަދި އެޖަރީމާ ހިންގީ އެކަމަށްޓަކައި ސައޫދީ ސަރުކާރުން ފޮނުވި 15 މީހުންގެ މައްޗަށް އެކުލެވޭ ޓީމަކުން ކަމަށް ތުރުކީގެ ރައީސް ރަޖަބްތައްޔިބު އުރުދުޣާން ވަނީ ތުހުމަތު ކުރައްވާފައެވެ. އަދި އެއީ އިންތަންބޫލްގައި ހުންނަ ސައޫދީ ކޮންސުލޭޓް ތެރޭގައި ހިނގި ޒުވާބެއްގެ ތެރޭގައި ހިނގި ކަމެއްކަމަށް ބުނެ ސައޫދީން ދައްކާފައިވަނީވެސް ދޮގު ވާހަކަތަކެއް ކަމަށް އުރުދުޣާން ވަނީ ވިދާޅުވެފައެވެ. އުރުދުޣާންވަނީ އެ ޖަރީމާގެ ފަހަތުގައިވާ ސައޫދީ މަސްއޫލުވެރިން ދެނެގަނެ އެބޭފުޅުންގެ މައްޗަށް ފިޔަވަޅުއެޅުމަށްވެސް ސައޫދީ ރަސްގެފާނަށް ގޮވާލައްވާފައެވެ.

ޚާޝުގްޖީ އަވަހާރަކޮށްލައި އޭނާގެ ހަށިގަނޑު ކުދިކޮށް ކޮށާލި ޖަރީމާގެ ތުހުމަތު ސީދާ ގޮތެއްގައި ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިންސަލްމާންގެ މައްޗަށް ނުކުރެއްވި ނަމަވެސް އުރުދުޣާންގެ ވާހަކަ ހުރީ ނުސީދާ ގޮތެއްގައި އެގޮތަށް ކަމަށް މުރާސިލުން ބުނެއެވެ. (އަލްޖަޒީރާ، ނޫސްއެޖެންސީތައް)

comment ކޮމެންޓް