ރޯހިތުގެ ފިލްމަކަށްް ރިތިކް!

ރިތިކް އާއި ރޯހިތް...

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ރޯހިތު ދަވަންގެ ކުރިޔަށް އޮތް ފިލްމަށް ކުޅަދާނަ އެކްޓަރު ރިތިކް ރޯޝަން ސޮއިކޮށްފައެވެ.

ވަރުން ދަވަންގެ ބޭބެ ރޯހިތު ޑައިރެކްޓްކުރަން ނިންމާފައިވާ އެ ފިލްމުގެ މާ ގިނަ ތަފްސީލް ތަކެއް އަދި ހާމަކޮށްފައެއް ނުވެއެވެ. އެ ފިލްމު ވާނީ ރޯހިތު ޑައިރެކްޓްކުރާ ތިން ވަނަ ފިލްމަށެވެ.

ސާޖިދު ނަދިއަދްވާލާ ޕްރޮޑިއުސް ކުރާ ފިލްމު ވެގެންދާނީ ވަރަށް މަޖާ މަންޒަރުތަކެއް ހިމެނޭ "މަސާލާ ފިލްމަކަށް" ކަމަށް ބައެއް ހަބަރުތަކުން ބުނެއެވެ.

ދެހާސް އެގާރަ ވަނަ އަހަރު "ދޭސީ ބޯއި" އިން ޑައިރެކްޝަން ފެށި ރޯހިތުގެ ތިން ވަނަ ފިލްމަށް ރިތިކް ސޮއި ކޮށްފައިވާއިރު އޭނާ މިހާރު އަންނަނީ ސިދާތު އާނަންދު ޑައިރެކްޓްކުރާ ފިލްމެއްގެ މަސައްކަތް އިޓަލީގައި ކުރަމުންނެވެ.

ރޯހިތުގެ ފިލްމެއް އެންމެ ފަހުން ނެރުނީ 2016 ވަނަ އަހަރުއެވެ. އެއީ ކޮއްކޮ ވަރުންއާއި ޖޯން އަބްރަހަމް ލީޑު ރޯލު ކުޅުނު މޮޅު ފިލްމު "ދިޝޫމް" އެވެ.

ރިތިކް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިދިޔަ އަހަރު ނުކުތް ފިލްމު "ގާބިލް" އިންނެވެ. ދެން ރިތިކްގެ އަންނަން އޮތް ފިލްމަކީ އަންނަ އަހަރު ޖެނުއަރީ 25 ގައި ރިލީޒްކުރާ ފިލްމު " ސުޕަ 30" އެވެ.

comment ކޮމެންޓް