ޕީޕީއެމްގެ އެއްވުންތަކުގައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާ ބެހޭ ގޮތުން ދައްކާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށާއި، އެފަދަ ވާހަކަތައް ދައްކައި، ކޮމިޝަނުގެ މެމްބަރުންގެ އަބުރާ ބެހޭ ފަރާތްތަކުގެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅަން ނިންމާފައިވާކަމަށް ކޮމިޝަނުގެ މެމްބަރު އަދި ތަރުޖަމާނު އަހްމަދު އަކްރަމް ވިދާޅުވިއެވެ.
މިރޭ ސަންގުޓީވީގައި ވާހަކަދައްކަވަމުން އަކްރަމް ވިދާޅުވީ މި ފެށޭ ހަފްތާ ތެރޭގައި ޕީޕީއެމްއާ ދެކޮޅަށް އީސީގެ މެމްބަރުންގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މި ހާފްތާގެ ތެރޭގައި އެ އެއްވުންތަކުގެ ތެރޭގައި އަޅުގަނޑުމެންނަށް [އީސީގެ މެމްބަރުންނަށް] ނިސްބަތްކޮށް ދައްްކާ ވާހަކަތަކާ މެދު ތަހުގީގުކޮށްދިނުމަށް އެދި ދައުވާކޮށްދިނުމަށް އެދި ސިވިލް ކޯޓަށް ވެސް ހުށަހަޅާނަން."
މިކަމާ ގުޅޭގޮތުން އިތުރަށް މައުލޫމާތު ދެއްވަމުން އަކްރަމް "ސަން"އަށް ވިދާޅުވީ ސިވިލް ކޯޓަށް ކޮމިޝަނުގެ މެމްބަރުން މައްސަލަ ހުށަހަޅާނީ ފަރުދީ ހައިސިއްޔަތުން ކަމަށެވެ.
އޭނާ ވިދާޅުވީ އެ ޕީޕީއެމްގެ އޮފީސް ކުރިމަތީގައި ކުރިއަށް ގެންދާ އެއްވުމުގައި ދައްކާ ވާހަކަތައް ޗެނަލް 13އިން ލައިވް ކުރަމުންދާތީ ޗެލަން 13އަށް ފިޔަވަޅު އެޅުމަށް އެދި ބްރޯޑްކާސްޓިން ކޮމިޝަނަށްވެސް މައްސަލަ ހުށަހަޅާފައިވާނެ ކަމަށެވެ.
"މުޒާހަރާކުރަމުން ގެންދަނީ ގާނޫނާ ހިލާފަށް"
ޕީޕީއެމްގެ އެއްވުންތަކަކަކީ ގާނޫނާ ހިލާފު އެއްވުންތަކެއް ކަމަށާއި އެކަމާ ގުޅިގެން އެ ޕާޓީއަށް ސިޓީއެއް ވެސް ފޮނުވާފައިވާނެކަމަށް އަކްރަމް ވިދާޅުވިއެވެ. އަދި އެކަން ހުއްޓުވުމަށް ފުލުހަށްވެސް ސިޓީއަކުން އެދިފައި ވާނެކަމަށް އޭނާ މިރޭ ވިދާޅުވިއެވެ.
ޕީޕީއެމްގެ އެއްވުންތަކަކީ "މައުލޫމާތު ދޭ ސެޝަންތަކެއް" ކަމަށް އެ ޕާޓީއިން ބުނާ އިރު އަކްރަމް ވިދާޅުވީ ސުލްހަވެރިކޮށް އެއްވެ އުޅުމުގެ މިނިވަންކަމާ ބެހޭ ގާނޫނުގެ އެއްވަނަ އިސްލާހުގައި ވަނީ މާލޭގައި "އެއްވެސް ބާވަތުގެ އެއްވުމެއް" ކަމާ ބެހޭ ފަރާތްތަކުގެ ހުއްދައަކާ ނުލައި ކުރާނަމަ އެއީ މުޒާހަރާއެއް ކަމަށެވެ.
އޭނާ ވިދާޅުވީ އެ އެއްވުންތައް ބާއްވަނީ ޕީޕީއެމްއިންކަން އެނގެން އެބައޮތް ކަމަށާއި އެހެންކަމުން އެކަން އިސްލާހުކުރަން ޕީޕީއެމްއަށް ވަކި މުއްދަތެއް ދީ ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ. އަދި އެ މައްސަލަ ބެލުމަށް އެދި ފުލުހުންނަށް ސިޓީއެއްވެސް ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެއްވެސް މެމްބަރަކު ކަޅުފައިސާގައި ނުޖެހޭ"
މީގެ އިތުރުން އަކްރަމް މިރޭ ވިދާޅުވީ އީސީގެ އެއްވެސް މެމްބަރަކީ އެއްވެސް މީހެއްގެ ނުފޫޒަކަށް ތަބާވާނެ ބައެއް ނޫން ކަމަށެވެ. އަދި އެއްވެސް މެމްބަރަކު ކަޅުފައިސާއެއްގައި ޖެހިފައި ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑެއް ގަބޫލެއް ނުކުރަން އިލެކްޝަން ކޮމިޝަންގެ އެއްވެސް މެމްބަރަކު ރިޝްވަތުގެ ފައިސާގައި ޖެހިފައިވާ ކަމަކަށް، އަދި ގާނޫނާ ހިލާފު ކަމަކަށް އަރައިގަނެފައިވާ ކަމަކަށް،" އޭނާ ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ގައުމުން ބޭރަށް ވަޑައިގަތީ ގައުމުގައި ހިނގައި ދިޔަ ބައެއް ކަންތައްތަކުގެ ސަބަބުން ކަމަށާއި އަދި ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ފަދަ ޒަރޫރީ ހާލަތްތައް ދިމާވެގެން ކަމަށެވެ.
"އިލެކްޝަންސް ކޮމިޝަންގެ އެއްވެސް މެމްބަރަކު އެއްވެސް ގައުމެއްގެ ހިމާޔަތަށް އެދިފައި ނުވާނެ،" އަކްރަމް ވިދާޅުވިއެވެ.