ލަންކާގެ ބޮޑު ހައުސިން މަޝްރޫއެއް ޗައިނާ އަތުން ނަގައި އިންޑިއާއަށް

ސްރީލަންގެ ރައިސް ސިރިސޭނާ(ކ) އަދި ބޮޑުވަޒީރު ރަނިލް(ވ).-- ފޮޓޯ: ރޮއިޓާސް

ކުރިން ޗައިނާގެ ކުންފުންޏަކަށް 300 މިލިއަން ޑޮލަރަށް ދޭން ނިންމި ލަންކާގެ ބޮޑު ހައުސިން މަޝްރޫއެއް އިންޑިއާގެ ކުންފުންނަކަށް ދޭން ލަންކާ ސަރުކާރުން ނިންމައިފި އެވެ.

މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި، ޗައިނާގެ ޗައިނާ ރެއިލްވޭ ބެއިޖިން އިންޖިނިއަރިން ގްރޫޕުން ވަނީ، ލަންކާގެ އުތުރުގައި ހުންނަ ޖަފްނާގައި 40000 ގެ އެޅުމުގެ 300 މިލިއަން ޑޮލަރުގެ ބިޑެއް ކާމިޔާބުކޮށްފަ އެވެ. އެ މަޝްރޫއަށް ޗައިނާގެ އެކްޒިމް ބޭންކުން ފަންޑު ކުރާ ގޮތަށް އޮތީ ހަމަޖެހިފަ އެވެ.

އެހެން ނަަމަވެސް ޗައިނާގައި ކޮންސްޓްރަކްޝަނަށް ބޭނުންކުރާ ކޮންކްރީޓުގެ ބަދަލުގައި ލަންކާ މީހުން ބޭނުން ކުރާ ފަދަ އެޅިގަލުން ގެ އަޅަން ރައްޔިތުން ޑިމާންޑު ކުރަން ފެށުމުން އެ މަޝްރޫއު ވަނީ ހުއްޓާލާފަ އެވެ.

އެހެން ނަމަވެސް، ބުދަ ދުވަހު ލަންކާ ސަރުކާރުގެ ސްޕޯކްސްޕާސަން ރަޖިތާ ސެނަރަތުނެ ވިދާޅުވީ 28000 ގެ އެޅުމަށް އިންޑިއާގެ އެންޑީ އެންޓަޕްރައިސްއާ ލަންކާގެ ދެ ކުންފުންޏަކާ ހަވާލު ކުރުމަށް އެގައުމުން ނިންމާފައިވާ ކަމަށެވެ. އެ މަސައްްކަތް ހަވާލުކޮށްފައި ވަނީ 210 މިލިއަން ޑޮލަރަށެވެ.

އޭނާ އިތުރަށް ބުނީ އެ މަޝްރޫއުގެ ދަށުން ޖުމްލަ 65000 ގެ އެޅުމަށް ނިންމާފައިވާ އިރު މުސްތަގުބަލުގައި ގެ އެޅުމަށް އެހެން ކުންފުނިތަކާ ވެސް ހަވާލު ކުރާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ޗައިނާގެ ކުންފިނިތަކަށް ވެސް ފުރުސަތު ލިބިދާނެ ކަމުގެ އިޝާރާތެއް އޭނާ ދެއްވި އެވެ.

ލަންކާ ސަރުކާރުން ހައުސިން މަޝްރޫއު އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްފައި މިވަނީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯޑިއާ ބައްދަލު ކުރަން މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށެވެ. އެ ދެ ބޭފުޅުން ނިއު ދިއްލީގައި ބައްދަލު ކުރައްވާނީ ހޮނިހިރު ދުވަހު އެވެ.

ޗައިނާ އިން ހަރަދުކޮށްގެން ލަންކާގައި ހިންގި ބޮޑެތި މަޝްރޫއުތަކުގެ ސަބަބުން ލަންކާ މިހާރު ވަނީ ދަރަނިވެރިވެފަ އެވެ.

comment ކޮމެންޓް