ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ، 80،ގެ ހިތުގެ މައްސަލައެއް ދިމާވެ، ކޮލަމްބޯގެ ނަވަލޯކާ ޕްރައިވެޓް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.
ޑެއިލީ މިރާ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރާޖަޕަކްސައަށް މި ސިއްހީ މައްސަލަ ދިމާވީ މިއަދު ހެނދުނު ކިރުލަޕޯނޭގައި ހުންނަ އޭނާގެ ގެކޮޅުގައި ހުންނަވަނިކޮށެވެ. އަދި ވަގުތުން ހޮސްޕިޓަލަށް ގެންގޮސް، ހާއްސަ ޑޮކްޓަރުންގެ ޓީމަކުން އަންނަނީ އޭނާއަށް ފަރުވާދެމުންނެވެ.
އާއިލާއާ ގާތް ފަރާތްތަކާ ހަވާލާދީ އެ ނޫހުން ބުނެފައިވާ ގޮތުގައި، ފާއިތުވި ދުވަސްތަކުގައިވެސް ރާޖަޕަކްސަ ވަނީ ސިއްހީ އެކި ޓެސްޓުތަކެއް ހައްދަވާފައެވެ. ނަމަވެސް އޭނާގެ މިހާރުގެ ހާލަތާ ގުޅޭ އިތުރު ތަފުސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ރާޖަޕަކްސައަށް ސިއްހީ މައްސަލަތަކެއް ދިމާވެ ހޮސްޕިޓަލުގައި އެނދުމަތިކޮށްފައިވާއިރު، އޭނާގެ އަނބިކަނބަލުން ޝިރަންތީ ރާޖަޕަކްސަ ވަނީ ހައްޔަރުކޮށްފައެވެ. ޝިރަންތީ ހައްޔަރުކުރުމުގެ ކުރިން ކޯޓަށް ހުށަހެޅި ކަފާލާތުގެ މައްސަލަ ކޯޓުން ބޭރުކޮށްލުމާ ގުޅިގެން އޭނާ ވަނީ ބަންދުކޮށްފައެވެ. ޖަލު ބަންދުގައި ހުންނެވިއިރު ބަންދުގެ މުއްދަތު ހަމަވާނީ މާދަމާއަށެވެ.
މީގެ އިތުރުން، ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން ވަނީ 100 މިލިއަން ރުޕީސްގެ މުދާ ހިފަހައްޓާފައެވެ. އޭގެ ތެރޭގައި ޖިމްއަކާއި، ޓޫރިސްޓު ބަންގަލޯއެއްގެ އިތުރުން ލަގްޒަރީ އެޕާޓްމަންޓެއް ހިމެނޭ ކަމަށް ޑެއިލީ މިރާގެ ރިޕޯޓުތަކުގައި ބުނެފައިވެއެވެ. އަދި ނޭޝަނަލް ސޭވިންގްސް ބޭންކް (އެންއެސްބީ) ގެ ކުރީގެ ޗެއާމަން ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ.
ރާޖަޕަކްސަގެ ދޮށީ ދަރިކަލުން އަދި އިދިކޮޅު ސްރީލަންކާ ޕޮޑުޖަނަ ޕެރަމުނަ ޕާޓީގެ މެންބަރު ނަމާލް ރާޖަޕަކްސަ ވެސް ރިޝްވަތުގެ ވަކި މައްސަލަތަކެއްގައި މިދިޔަ މަހު ހަތަރު ވަނަ ދުވަހުން ފެށިގެން ހުންނެވީ ކޮލަމްބޯ ރިމާންޑް ޖަލުގައެވެ. އޭނާ ދޫކޮށްލީ މި ފަހަކުންނެވެ.
ނަމާލްގެ މައްޗަށް ތުހުމަތުކުރެވެނީ ސްރީލަންކަން އެއާލައިންސްއަށް އެއާބަސް ގަތުމުގައި ހިންގި ކޮރަޕްޝަނާއި ކްރިޝް ހޮޓެލްސް ޕްރޮޖެކްޓާ ގުޅޭ ރިޝްވަތުގެ މައްސަލަތަކެއްގައެވެ.