ފިލްމީ ދާއިރާގައި ފައުޒިއްޔާގެ 33 އަަހަރު، ހިތްވަރުގަދަ ކަނބަލެއް!

ދިވެހި ފިލްމު "ހައްދު"ގެ ޕޯސްޓަރެއްގައި ފައުޒިއްޔާ އަދި އައްޒަ....

އަބަދުވެސް ޝައުގުވެރިކަން ހުންނަނީ ފެހުމުގެ ދާއިރާ އަށެވެ. އެއީ ވެސް ނުލާހިކު ކުރާ ހިތުން ކުރަމުން އަންނަ މަސައްކަތެކެވެ. ފެހުމުގެ ދާއިރާއިން ކޯސްތަކެއް ހަދާފައި ނެތް ނަމަވެސް އެންމެ ކުރިން ވެސް އެމަސައްކަތަށް ހުންނަ ޝައުގެއްގެ ބޮޑުކަމުން ކުރަނީ އެވެ. މިއީ މަޝްހޫރު އަދި ކުޅަދާނަ ފިލްމީ ތަރި ފައުޒިއްޔާ ހަސަންގެ އަސްލު ކެރިޔަރުގެ ވާހަކައެވެ.

އުމުރުން ސާދަ ފަނަރަ އަހަރުގައި އަމިއްލަ އަށް ފަހަން ދަސްކޮށް އެ މަސައްކަތް ކުރަން ފެށިއެވެ. ކުޅަދާނަ ކަނބަލެކެވެ. ފައުޒިއްޔާ ދެކެނީ ފިލްމީ ދާއިރާ އަކީ އޭނާގެ ދެވަނަ ކެރިޔަރުގެ ގޮތުގައެވެ. ފިސާރި އެކްޓަރެކެވެ.

ފައުޒިއްޔާ އާއި ފިލްމީ ތަރި ނިއުމާ އަދި ކުރީގެ ޑައިރެކްޓަރ ފައްތާހް...

ފެހުމުގެ ވާހަކަ ބާއްވާފައި ފުރަތަަމަ ޖެހިލާނީ ފައުޒިއްޔާގެ ފިލްމީ ކެރިޔަރުގެ ވާހަކަ ތަކަށެވެ. ފިލްމީ ދާއިރާގައި މިހާރު ގުނަމުން ދަނީ 33 ވަނަ އަހަރެވެ. ޅަދުވަހުގައި ފެށި އެ މަަސައްކަތް ވަނީ ގިނަ ބަޔަކު ބަލައިގަނެފައެވެ. ފައުޒިއްޔާ ބުނަނީ އުމުރުން ހަތް ވަރަކަށް އަހަރުގައި ފިލްމީ ކަން ކަމަށް ލޯބި ހުންނަ ކަމަށެވެ.

"އަސްލު ފިލްމީ ކަން ކަމަށް އަޅުގަނޑު ކުޑަ އިރު (އުމުރުން 7 އަހަރު) ގައިވެސް ވަރަށް ޝައުގުވެރިކަން ހުރޭ، އޭރު ބޭނުން ވެސް ވޭ ފިލްމު ކުޅެން، އެކަމު އޭރު ހޮބީ އެއްގެ ގޮތަށް ވެސް ކޮށް އުޅުނީ ފެހުން،" ގިނަ އަދަދެއްގެ ފިލްމު ތަކުން ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ ފައުޒިއްޔާ "ސަން" އަށް ކިޔައިދިނެވެ.

ފުރަތަމަ ފެނިގެންދިޔައީ "ސިދާ" ކިޔާ ފިލްްމަކުންނެވެ. 'ހާލަތު އަދު މިވަނީ" ލަވަ އިންނަ ފިލްމޭ ބުނުމުން އިނގޭނެއެވެ. އެއަށްފަހު ފައުޒިއްޔާގެ އެކްޓިން ޕްރޮޑިއުސަރުނަށް ކަމުދާން ފެށީއެވެ. ފުރުސަތުތައް ލިބެމުން ދިޔަ ވަރަކަށް އޭނާ ދިޔައީ އެ މަސައްކަތުގައި ޝާމިލުވަމުންނެވެ.

ފައުޒިއްޔާގެ އުމުރުން 25 އަހަރުގައި...

"އަޅުގަނޑަށް ސީދާ ބުނެލަން ދަތި މިހާތަނަށް އައި އިރު ކުޅެވުނު ފިލްމުގެ އަދަދު ބުނަން، ވަރަށް ގިނައިން ފިލްމު ކުޅެވިއްޖެ، ލަވަ ވެސް ހުންނާނެ ކުޅެވިފަ،" އުމުރުން މިހާރު 75 އަހަރުގެ ފައުޒިއްޔާ ބުންޏެވެ.

ފައުޒިއްޔާ ބުނީ، ކޮންމެ ޑައިރެކްޓަރަކު ބުނި ނަމަވެސް އޭނާ މަސައްކަތް ކޮށްދޭ ކަމަށާއި ފިލްމީ ދާއިރާގައި ވަކި މީހަކަށް ޒާތީ ވުމެއް ނުބާއްވާނެ ކަމަަށެވެ. ފުރަތަމަ ފިލްމީ ކަންކަމުގައި އުޅެން ފެށީ ވަޒީފާ ވެސް އަދާ ކުރަމުންނެވެ. ވަރަށް ފަހަކުން ވެސް ފައުޒިއްޔާ އަކީ ފިލްމު ސެންސަރު ބޯޑުގެ މެންބަރެކެވެ. ކަސްޓަމްގައި ވެސް އެނާ ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރިއެވެ.

ފައުޒިއްޔާ ފެނިގެންދަ ލަވަ "ހާލަތު އަދު މިވަނީ"...

ފައުޒިއްޔާ ވަނީ ރާއްޖޭގައި މަޝްހޫރު ވެގެން ދިޔަ ގިނަ ފިލްމު ތަކުގައި މުހިއްމު ރޯލުތައް ކުޅެފައެވެ. އެގޮތުން ފާހަގަކޮށްލެވޭ ބައެއް ފިލްމުގެ ތެރޭފައި "ހައްދު"، "ޔޫސުފް"، "އިރުއޮސްމުން" އަދި "ދޮން ކަމަނަ" ފަދަ ފިލްމުތައް ހިމެނެއެވެ. އެންމެ ފަހުން އޭނާ ފެނިގެން ގޮސްފައިވަނީ އަމްޖަދު އިބްރާހީމް ޑައިރެކްޓްކޮށް މި އަހަރު ކުރީކޮޅު ސިނަމާއަށް ގެނައި "ރޭވުމުން" އިންނެވެ. އަދި ރާއްޖޭގައި އުފެދުނު މަޝްހޫރު ކޮމީޑިއަން މުހައްމަދު އަބްދުﷲ(މުހައްމާ) ގެ ކުރު ފިލްމުތަކުން ވެސް އޭނާ ވަނީ ފެނިފައެވެ.

ފިލްމުތަކުން މަގުބޫލުކަން ހޯދަމުން އަންނަނިކޮށް އޭނާ އަށް ޖެހުނީ އިންޑިއާގެ ޖަލެއްގައި ތިން އަހަރު ކެތް ކުރާށެވެ. ނަމަވެސް އެއީ 1994 ވަނަ އަހަރުއެވެ. އެއާ އެކު އޭނާ ފިލްމުތަކުން ފެނިލުން މަޑުޖެހި ބަންދުވީއެވެ. ނުހައްގުން ޖަލެއްގައި ބަންދުކުރުމުގެ ސަބަބުން އޭނާގެ އެތަށް އުފާ ތަކެއް ގެއްލި ޖިސްމާނީ ގޮތުން ވެސް ލިބުނު އެތަށް އަނިޔާ އަކަށް ކެތްކުރަން ޖެހުނު ކަމަށް އޭނާ ބުންޏެވެ. ދަރިފުޅުގެ ކިޔެވުން ގެއްލި، ހައްގުތަކުން މަހުރޫމު ކުރުމުން ލިބުނު ގެއްލުމުގެ ބަދަލު އަނބުރާ އިންޑިއާއިން ހޯދަދޭން ޖެހޭން ކަމަށް ފައުޒިއްޔާ ވަނީ ބުނެފައެވެ.

ފައުޒިއްޔާ ފަހަން އިންދަ ނަގާފައިވާ ފޮޓޯ އެއް...

ފައުޒިއްޔާ ބުނަނީ، އޭނާ ފިލްމީ ދާއިރާގައި މަސައްކަތް ކުރަނީ، އެއްގޮތަކަށް ވެސް އެވޯޑްތަކަށް ބޭނުން ވެގެން ނޫން ކަމަށާއި ކުޑައިރުއްސުރެވެސް އޮތް ބޮޑު ޝައުގެއްގެ ބޮޑުކަމުން އެ މަސައްކަތް ކުރަނީ ކަމަށެވެ. އަދި މިހާރު އެވޯޑުތައް ދޭ ގޮތާމެދު ފައުޒިއްޔާ ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން އެވޯޑަކީ އަމިިއްލަ ނަން ހުށަހަޅައިގެން އަޅުގަނޑުގެ އަމިއްލަ މޮޅު ވާހަކަ އަމިއްލަ އަަށް ދައްކައިގެން ދޭން ޖެހޭ އެއްޗެއް ކަމަކަށް، އަޅުގަނޑު މަސައްކަތް ކުރަނީ އެވޯޑަކަށް ވެސް ނޫން،" ފައުޒިއްޔާ ބުންޏެވެ.

ފައުޒިއްޔާގެ އަސްލު ކެރިޔަރު ފެހުމުގެ ދާއިރާއަށް ބަލައިލަމާތޯއެވެ. އަދިވެސް މި މަސައްކަތް ކުރަނީ ފަރުވާތެރިކަމާއެކުއެވެ. ނަމަވެސް ވިޔަފާރިއެއްގެ އުސޫލުން މި މަސައްކަތް ކުރުމުގެ ހިޔާލެއް އޭނާގެ ނެތެވެ.

ފައުޒިއްޔާ ގެ އެންމެ ފަހުން ރިލީޒްވި ފިލްމު "ރޭވުމުން" ގެ ޕޯސްޓަރެއް...

"އަޅުގަނޑު ކުރިން ފެހީ އަމިއްލަ އެއްޗެހި، ދެން ރައްޓެހިންގެ ހެދުން ވެސް ފަހައިދީ އުޅެން، ބައެއް މީހުން ދޭނެ ރުފިޔާ ވެސް، ވަކި އަގެއް ކިޔާގެންނެއް ނޫން މި މަސައްކަތް ކުރަނީ، އަދި ވިޔަފާރިއެއްގެ އުސޫލަކުންވެސް ނޫން،" ތިން ދަރިންނާއި ދެ މާމަދަރިން ހުންނަ ފައުޒިއްޔާ ކިޔައިދިނެވެ.

އޭނާ ފިލްމީ ދާއިރާއިންވެސް ދުރަށް ދިޔުމުގެ ވިސްނުމެއް ނެތެވެ. މިހާރުވެސް އަންނަނީ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އަދި ފެހުމެއް ވެސް ހުއްޓުމެއް ނެތެވެ. އޭނާ ބޭނުންވަނީ އަމިއްލައަށް ކޮންމެ މަސައްކަތެއްވެސް ކޮށްގެން ފައިސާ ހޯދުމެވެ. އުމުރުން ދުވަސް ވިޔަސް އެހެންގޮތަކަށް ބުނާ ނަމަ ހަމަ އެއްވަނައެވެ.

comment ކޮމެންޓް