އިންތިޚާބުގެ މައްސަލައިގެ ބަޔާންތަކުގައި ސޮއިކޮށްފި

އިންތިހާބުގެ މައްސަލާގައި ރައީސް ޔާމީނުގެފަރާތުން ވަކާލާތު ކުރައްވާ ވަކީލުން --- ސަން ފޮޓޯ: އަހުމަދު އަވްޝަން

ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ފަރާތުން ސުޕްރީމު ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ދީފައިވާ ބަޔާންތަކުގައި ވަކީލުން ސޮއިކޮށް ނިމިއްޖެ އެވެ.

މި މައްސަލައަށް ތަދައްޚުލުވެފައިވާ އިދިކޮޅު ކޯލިޝަންގެ ވަކީލު ހިސާން ހުސައިން "ސަން" އަށް ވިދާޅުވީ މައްސަލައިގެ ބަޔާންތަކުގައި އިއްޔެ ސޮއިކޮށް ނިމިފައިވާ ކަމަށެވެ. މި މައްސަލާގައި ވަކާލާތު ކުރެއްވި ހުރިހާ ބޭފުޅުން ވެސް ވަނީ ބަޔާންތަކުގައި ސޮއިކުރައްވައިފަ އެވެ.

އިންތިޚާބާ ގުޅޭ ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވާއިރު ދެން އޮންނާނީ މި މައްސަލައިގެ ހުކުމް އިއްވުމެވެ. މައްސަލައިގެ ހުކުމް އިއްވާނެ ދުވަހެއް ސުޕްރީމު ކޯޓުން އިއުލާނުކޮށްފައެއް ނުވެ އެވެ. މި މައްސަލައިގެ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ނިންމާފައި ވަނީ މައްސަލާގައި ރައީސް ޔާމީނުގެ ފަރާތުން ހުށަހެޅުއްވި ސިއްރު ހެކި ބަލައި ނުގަތުމަށެވެ.

އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އިލެކްޝަންސް ކޮމިޝަން ތަމްސީލު ކުރައްވާ ވަކީލު ހުސެއިން ޝަމީމް ވިދާޅުވީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައިވާ މައްސަލަ ބިނާކޮށްފައި ވަނީ އިހުތިމާލުތަކެއްގެ މައްޗަށް ކަމަށެވެ. އަދި ހަގީގަތް ނަފީ ކުރުމަށް އިހުތިމާލުތަކެއް ބޭނުން ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު އިއްތިހާދު ތަމްސީލު ކުރައްވާ ވަކީލު ހިސާން ހުސެއިން ވިދާޅުވީ ރައީސް ޔާމީންގެ ފަރާތުން ވަކާލާތު ކުރައްވާ ފަރާތްތަކުން ބާޑަން އޮފް ޕްރޫފް ފުރޮޅާލަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ މައްސަލަ ހުށަހެޅި އިރު މައްސަލައާ އެކު އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.

މައްސަލަ ރައްދުވާ ފަރާތް ކަމުގައިވާ އިލެކްޝަންސް ކޮމިޝަނާއި އިދިކޮޅު އިއްތިހާދުގެ ފަރާތުން އެދިފައި ވަނީ އިންތިހާބު ބާތިލު ކުރަން ޖެހޭ އަދި ތަހުގީގު ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ކަނޑައެޅުމަށެވެ.

ރައީސް ޔާމީންގެ ވަކީލު އައްބާސް ޝަރީފް ވިދާޅުވީ އިންތިހާބާ ބެހޭ ގާނޫނުގެ ދަށުން އިންތިހާބު ބާތިލު ކުރެވޭނީ ނަތީޖާއަށް އަސަރު ކުރާ ފަދަ ކަމެއް ހިނގައިގެން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ އިރު، މައްސަލަ ހުށަހެޅުއްވީ އިންތިހާބު ރިގް ކުރެވޭ ގޮތަކަށް ކަންތައް ކޮށްފައި އޮތުމުން، މައްސަލަ ދުސްތޫރުގެ ދަށުން ބާތިލު ކުރުމަށް ކަމަށެވެ.

comment ކޮމެންޓް