މަޖިލިސް އިންތިހާބު މާޗު މަހު ބާއްވަން ތައްޔާރު ވަނީ

ރައްޔިތުން މަޖިލީހުގެ ޗެމްބަރު އެތެރެ --- ފޮޓޯ/ ރައްޔިތުން މަޖިލިސް

ރައްޔިތުންގެ މަޖިލީސް އާ ދައުރަކަށް އިންތިހާބު ކުރުމަށް ފެށޭ އަހަރުގެ މާޗު މަހު އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވާން ފަށައިފި އެވެ.

މިހާރު މަޖިލީހުގައި ތިއްބަވަނީ 85 މެމްބަރުންނެވެ. މާޗު މަހު ބާއްވާ އިންތިހާބުގައި ދާއިރާތައް އިތުރުވެގެންދާނެ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމް މިއަދު ވިދާޅުވީ މަޖިލިސް އިންތިހާބު މާޗު މަހުގެ ފަހުކޮޅު ބާއްވަން ތައްޔާރީތައް ވަމުންދާ ކަމަށެވެ. އެގޮތުން އެ އިންތިހާބާ ގުޅޭ މަޝްވަރާތައް ޕާޓީތަކާ އެކު ކޮށްފައިވާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ. އެ ބައްދަލުވުމުގައި ޕީޕީއެމް ނޫން ހުރިހާ ޕާޓީއަކުން ބައިވެރިވި ކަމަށް އަކްރަމް ވިދާޅުވި އެވެ.

"އޭގެ އިތުރުން އަޅުގަނޑުމެން މިއަދު މި ބައްދަލު ކުރީ މާލޭ ދާއިރާގެ މަޖިލިސް މެމްބަރުންނާއި އެއީ އެބޭފުޅުންގެ ހިޔާލު ހުރިގޮތެއް ހޯދަން. އެއީ ބަދަލު މި އަންނަނީ މާލޭ ދާއިރާއަށް ކަމަށް ވާތީ." އަކްރަމް ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވީ ބަދަލު އަންނަނީ މާލޭ ދާއިރާއަށް އެކަނި ކަމަށެވެ. އެ ބަދަލުގެ ތެރޭގައި ދާއިރާގެ ނަންތަކަށް ބަދަލުއައުން ވެސް އެކަށީގެންވާ ކަމަށް އަކްރަމް ވިދާޅުވި އެވެ.

ދާއިރާތަކަށް އަންނަ ބަދަލުތައް ނޮވެމްބަރު މަހުގެ ކުރީކޮޅު އިއުލާނު ކުރާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.

މަޖިލީޙުގެ ޖަލްސާތައް ނުބާއްވާތާ މިހާރު ދެ މަސް ދުވަސްވެއްޖެ އެވެ. ޖަލްސާތައް ނުބާއްވާ ސަބަބެއް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އަންގަވާފައެއް ނުވެ އެވެ.

މިދައުރުގައި މަޖިލީހުގެ 85 މެމްބަރުން ތިއްބެވި ނަމަވެސް 12 މެމްބަރުން މަޖިލީހަށް ނުވަދެވޭ ގޮތް ހަދާފައިވާތީ އިދިކޮޅު ގިނަ މެމްބަރުން ގިނަ ޖަލްސާތަކުގައި ބައިވެރިވެ ވަޑައިގެންފައެއް ނުވެ އެވެ.

comment ކޮމެންޓް