ބޮޑުތަކުރުފާނުމަގުގައި ހުރި ރުއްގަސް ކެނޑުމުން ހައުސިން މިނިސްޓްރީ ޖޫރިމަނާކޮށްފި

ބްރިޖާ ގުޅިފައިވާ މާލޭގެ ބޮޑުތަކުރުފާނު މަގު: އެ މަގުގައި ހުރި ރުށް ގަސް ގަވާއިދާ ހިލާފަށް ކަނޑާފައިވާތީ ހައުސިން މިނިސްޓްރީ ވަނީ ޖޫރިމަނާ ކޮށްފައި ---ފޮޓޯ: މުއިއްޒު

މާލޭގެ ބޮޑުތަކުރުފާނުމަގު ނުވަތަ ރިންގް ރޯޑުގައި ތާރު އަޅައި ފުޅާ ކުރުމަށް، އެ މަގުގައި ހުރި ރުއް ގަސް ގަވާއިދާ ހިލާފަށް ކަނޑާފައިވާތީ، އެންވާރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ(އީޕީއޭ) އިން ހައުސިން މިނިސްޓްރީ ޖޫރިމަނާ ކޮށްފިއެވެ.

އީޕީއޭއިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މާލޭގެ ދެކުނު ފަރާތާއި އިރުމަތި ފަރާތުން ވަށައިގެން އިންދާފައި ހުރި ރުއްގަސްތައް ހައުސިން މިނިސްޓްރީން ކަނޑާފައިވަނީ ރުއްގަސް ކެނޑުމާއި އުފުރުމާއި، ކޮނެގެން ނެގުން އަދި އެއް ރަށުން އަނެއް ރަށަށް ގެންދިއުމާބެހޭ ގަވާއިދުގެ ދަށުން އީޕީއޭއިން ނަގަން ޖެހޭ ހުއްދަ ނެގުމެއްނެތި ކަމަށެވެ.

އީޕީއޭގެ ގަވާއިދާ ހިލާފަށް ހުއްދަ ނެތި ރުއް ގަސް ކަނޑާފައިވާތީ 191،250 (އެއްލައްކަ ނުވަދިހަ އެއްހާސް ދުއިސައްތަ ފަންސާސް) ރުފިޔާއިން ހައުސިން މިނިސްޓްރީ ވަނީ ޖޫރިމަނާ ކޮށްފައެވެ. އަދި އެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އީޕީއޭއިން ވަނީ ހައުސިން މިނިސްޓްރީއަށް އަންގާފައެވެ.

މާލޭގެ ވަށައިގެންވާ "ރިންގް ރޯޑް" (ބޮޑުތަކުރުފާނު މަގު) ތާރު އަޅައި ފުޅާކުރުމަށް އެ ތަނުގައި ހުރި ގަސްތައް ކަނޑާފައި --- ސަން ފައިލް ފޮޓޯ: އަހްމަދު މުޖްތަބާ

ރުއް ގަސް ކެނޑުމުގެ އިތުރުން ރިންގް ރޯޑް ހެދުމުގެ މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު (އީއައިއޭ) ހެދުމެއް ނެތި، އަދި ތިމާވެށީގެ ގޮތުން ނިންމި ގޮތުގެ ލިޔުން ހޯދުމެއް ނެތި ކަމަށް ވެސް އީޕީއޭއިން ވަނީ ބުނެފަ އެވެ. އަދި އެއީ ހައުސިންއިން އެކަން ކުރި ފުރަތަމަ ފަހަރު ކަމަށްވާތީ 20،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށް އީޕީއޭގެ ބަޔާނުގައި ވެއެވެ.

ހަމަ އެއާއެކު ފުވައްމުލަކު ރިންގް ރޯޑު ހެދުމުގައި، ތިމާވެށީގެ ގޮތުން ނިންމި ގޮތުގެ ލިޔުމާއި ހިލާފަށް ހައުސިން މިނިސްޓްރީން މަޝްރޫއު ކުރިއަށް ގެންގޮސްފައިވާތީ، އަދި އެ ކުށް ތަކުރާރުކޮށްފައިވާތީއާއި އެކު 60،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށް އީޕީއޭގެ ބަޔާނުގައި ވެއެވެ. އަދި އެ ދެ ޖޫރިމަނާވެސް އެއްމަސް ތެރޭގައި އީޕީއޭއަށް ދެއްކުމަށް ހައުސިން މިނިސްޓްރީއަށް ވަނީ އަންގާފައެވެ.

ބިމުން ފެން ނަގައި ފެން ބޭރުކުރުމުގެ ގަވައިދާ ހިލާފުވެފައި ވާތީ މީގެ ތިން ދުވަސް ކުރިންވެސް އީޕީއޭއިން ވަނީ ހައުސިންގ މިނިސްޓްރީ 50،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އަދި އެފަދަ މައްސަލައެއްގައި އެމްޑަބްލިއުއެސްސީވެސް 55،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވެއެވެ.

comment ކޮމެންޓް