ރައީސް ޔާމީން ފިއްލަވަން އުޅުއްވާ ކަމަށް ބުނާތީ ޕީޕީއެމުން ރުޅިގަދަ ވެއްޖެ

ޕީޕީއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ތެރެއިން --- ފޮޓޯ: ޕީޕީއެމް / ޓްވިޓާ

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ފިއްލަވަން އުޅުއްވާ ކަަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަމުން ދާތީ ޕީޕީއެމްގެ ބައެއް މެމްބަރުންނާއި އިސްވެރިން އެކަމާ ނުރުހުން ފާޅުކޮށްފި އެވެ.

އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުން ރައީސް ޔާމީން މަސައްކަތްޕުޅު ކުރައްވަނީ ފިއްލަވައިގެން ރާއްޖޭން ބޭރަށް ވަޑައިގަންނަވާށެވެ. އެކަމަަށް ތުހުމަތުކޮށް ރޭ އިދިކޮޅު ޕާޓީތަކުގެ ފަރާތުން ވަނީ ފުލުހަށް މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ.

ޕީޕީއެމުން ރޭ ބޭއްވި މުޒާހަރާގައި ޕީޕީއެމްގެ ނައިބު ރައީސް އަދި މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ރައީސް ޔާމީން ފިއްލަވާ ވާހަކަ ދައްކަނީ "ހަދާނެ ގޮތެއް ކުރާނެ ކަމެއް ނޭނގިގެން" ކަމަށެވެ.

"ރައީސް ޔާމީން ފިއްލަވައިގެން ވަޑައިގަންނަން އެބައުޅުއްވައޭ ކިޔައިގެން ފަތުރަމުންދާ ވާހަކަތައް. ރައީސް ޔާމީނަކީ ގައުމު ދޫކުރައްވާ ވަޑައިގަންނަވާނެ ބޭފުޅެއް ނޫން. އެމަނިކުފާނަކީ އެއަށް ވުރެ މިގައުމުދެކެ މާބޮޑަށް ލޯބިވެވަޑައިގަންނަވާ ބޭފުޅެއް." އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ ދިވެހި ގައުމަށް ޓަކައި ވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ކޮންމެ ގުރުބާނީއެއް ރައީސް ޔާމީން ވެވަޑައިގަންނަނާވެކަމާ މެދު ޝައްކުކުރަން ދިވެހި ރައްޔިތުންނަށް ޖާގައެއް ނޯންނާނެ ކަމަށެވެ.

ރައީސް ޔާމީން ފިއްލަވަން އުޅުއްވާ ކަމަށް ބުނެ ފުލުހުންގެ އިދާރާއަށް މައްސަލަ ހުށަހެޅުއްވި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް ވެސް އަދުރޭ ވަނީ ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވައިފަ އެވެ.

"ހަސަން ލަތީފާއި އަދި އެނޫން މީހުން ޕޮލިހަށްގޮސްގެން އެއުޅެނީ އެއްވެސް ހާލެއްގައި ހަގީގަތެއް އޮވެގެނެއް ނޫން. ރައީސް ޔާމީނަށް ތާއީދުކުރައްވާ ބޭފުޅުންގެ ހިތްތަކުގައި އެމަނިކުފާނާ ދޭތެރޭ ޝައްކާއި ވަހުމް އުފެއްދުމަށް ޓަކައި. އެމަނިކުފާނަށް އޮތް އިހުތިރާމާއި ލޯބި ގެއްލުވާލުމަށް ޓަކައި،" އަދުރޭ ވިދާޅުވި އެވެ.

ރައީސް ޔާމީން ނުފިއްލަވާނެ ކަމުގެ ހެއްކަކީ މިއަދު އެމަނިކުފާނުގެ އަނބިކަނބަލުން ރާއްޖެ ވަޑައިގަތުން ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ. ރައީސް ޔާމީން ފިއްލަވަން ބޭނުންފުޅުވާ ނަމަ މެޑަމް ފާތުން ގައުމަށް ވަޑައިގަންނަވަންވީ ކީއްކުރަންތޯ އަދުރޭ ސުވާލު ކުރެއްވި އެވެ.

ޕީޕީއެމްގެ ކައުންސިލް މެމްބަރު ހީނާ ވަލީދު ރޭ ޗެނަލް 13ގެ ޕްރޮގްރާމެއްގައި ވިދާޅުވީ ރައީސް ޔާމީނަކީ ގައުމުން ފިއްލަވައިގެން ވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށެވެ.

މީގެކުރިން ފަހަރެއްގައި ބައެއް ލީޑަރުން ބައެއް ކަންތައްތައް ދިމާވެގެން ގައުމުން ފިއްލަވައިގެން ވަޑައިގެންފައި ތިބި ނަމަވެސް ރައީސް ޔާމީނަކި ފިއްލަވާނެ ބޭފުޅެއް ނޫން ކަމަށް ހީނާ ވިދާޅުވި އެވެ.

"ސަޕޯޓަރުންނަށް އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެންގެ ރައީސުލްޖުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަކީ ފިއްލަވައިގެން ވަޑައިގަންނަވާ ކަހަލަ ބަލިކަށި ބޭފުޅެއް ނޫނޭ. އެބޭފުޅާގެ ހިތްވަރުހުންނާނެއޭ." ހީނާ ވިދާޅުވި އެވެ.

އިދިކޮޅު ޕާޓީތަކުން ރޭ ފުލުހަށް މައްސަލަ ހުށަހަޅީ "ތަހުގީގުތައް ނުނިމެނީސް" ރައީސް ޔާމީން ރާއްޖެ ދޫކުރައްވައި ފުރުން ހުއްޓުވުމަށް އެދި އެވެ.

"ގާނޫނުގެ ތެރެއިން ރައީސް ޔާމީން ފުރައިވަޑައިނުގެންނެވޭ ގޮތަށް ރައީސް ޔާމީން ހިފެހެއްޓުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް،" ހަސަން ލަތީފް ރޭ ވިދާޅުވި އެވެ.

comment ކޮމެންޓް