ފިލްމު އެވޯޑަށް ހުށަހެޅީ ހަތް ފިލްމު: އެންސީއޭ

އަށްވަނަ ދިވެހި ފިލްމު އެވޯޑްސްގައި އެންމެ މޮޅު ފިލްމުގެ އެވޯޑު ހޯދި ވާށޭ މަށާ އެކީގެ ޓީމުން އެވޯޑާ ހަވާލުވަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

މި އަހަރު ބާއްވަން ނިންމާފައިވާ ނުވަ ވަނަ ދިވެހި ފިލްމް އެވޯޑްސްގައި ފިލްމުތައް ބައިވެރިކުރަން ހުޅުވާލި މުއްދަތުގެ ތެރޭގައި ހުށައަޅާފައިވަނީ މުޅި ޖުމްލަ ހަތް ފިލްމެއް ކަމަށް ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން ބުނެފިއެވެ.

"ސަން" އަށް މައުލޫމާތު ދެމުން އެންސީއޭ ހިންގުމާ ހަވާލުވެހުންނެވި ފާރިޝް ވިދާޅުވީ، މިދިޔަ އަހަރު ބޭއްވުނު އަށް ވަނަ ފިލްމު އެވޯޑްސް ގައި 2014-2016 ގެ ނިޔަލަށް ނެރެފައިވާ ފިލްމުތައް ބައިވެރިކޮށްފައިވީ ނަމަވެސް މިއަހަރުގެ އެވޯޑަށް ބައިވެރިކުރެވޭނީ މިދިޔަ އަހަރު ރިލީޒް ކުރި ފިލްމު ތައް އެކަނި ކަމަށެވެ.

މިދިޔަ އަހަރު ނިމުނު އިރު ސިނަމާއަށް އަށް ފިލްމެއް އައިސްފައިވެއެވެ. އެއީ މަލިކާ، ވިޝްކާ، ބޮސް، ހައްދު، ނޭދެން ވަކިވާކަށް، މީ ލޯތްބަކީ، ނޯޓީ 40 އަދި އިލް ނޮއިސް އެވެ.

2017 ވަނަ އަހަރު ރިލީޒްވި ފިލްމުތައް ----

ވޭތުވެދިޔަ އަހަަރު އަށް ފިލްމު ރިލީޒްކުރި ނަމަވެސް މިއަހަރުގެ އެވޯޑަށް ހުށައަޅަފައި މިވަނީ ހަތް ފިލްމެވެ. އެއީ ކޮން ހަތް ފިލްމެއް ކަމެއް އެންސީއޭ އަކުން ނުބުނެއެވެ.

ފާރިޝް ވިދާޅުވީ ޑިސެމްބަރު މަހަށް ތާވަލް ކޮށްގެން އެވޯޑުގެ ކަންތައް ތައް ކުރިޔަށް ގެންދާ ކަމަށެވެ. ނަމަވެސް މިއަހަރު ރިޔާސީ އިންތިހާބު އޮތުމާ، ސިޔާސީ މަސްރަހު ހަލަބޮލިވުމާ ގުޅިގެން އެވޯޑު ބޭއްވޭނެ ސީދާ ދުވަހެއް އަދި ނޭނގޭ ކަމަށެވެ.

"މިއަހަރު އެވޯޑު ބޭއްވޭނެ ކަމުގެ އުއްމީދު އެބައޮތް. ސަރުކާރު ބަދަލުވުމުގެ މަރުހަލާގެ ކަންތައް ކުރިއަށްދާއިރު، މިއީ ޔޫތު މިނިސްޓްރީގެ އިނިޝިއޭޓެއް ވީމާ މިކަން ލަސްވެގެން މިއުޅެނީ. ސަރުކާރު ބަދަލުވުމުގެ ކުރިންވެސް ނުވަތަ ފަހުންވެސް އެވޯޑު ހަފްލާ ބޭއްވިގެން ދިޔުން އުއްމީދަކީ،" ފާރިސް ވިދާޅުވިއެވެ.

އަށްވަނަ ދިވެހި ފިލްމު އެވޯޑްސްގައި އެންމެ މޮޅު ބަތަލާގ އެވޯޑު ހާސިލުކުރި މަޖުދާ --- ސަނ ފައިލްް ފޮޓޯ: މުހައްމަދު އަފްރާހު

އެވޯޑަށް ފިލްމުތައް ހުށަހަޅާފައިވީނަމަވެސް އަދި އެވޯޑުގެ ޖަޖުން ކަނޑަނާޅާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ އަހަރު ބޭއްވި އަށް ވަނަ ފިލްމު އެވޯޑް ހަފްލާގައި އެންމެ މޮޅު ފީޗާ ފިލްމަކަށް ހޮވިފައިވަނީ ޑާކްރެއިން އެންޓަޓެއިންމަންޓްގެ "ވާށޭ މަށާ އެކީ" އެވެ. އެންމެ މޮޅު ކުރު ފިލްމަކަށް ހޮވިފައިވަނީ ވެސް ޑާކްރެއިން އެންޓަޓެއިންމެންޓްގެ ކުރު ފިލްމު ވޫޑޫ އެވެ.

comment ކޮމެންޓް