ކުޑަކުދިންނަށް އަނިޔާކުރުމުގެ 110 މައްސަލަ މިދިޔަމަހު ރިޕޯޓުކުރި: ޖެންޑާ

މިދިޔަ ސެޕްޓެމްބަރު މަހު ޖެންޑާ މިނިސްޓްރީއަށް 237 މައްސަލައެއް ހުށަހެޅުނުކަމަށާއި، މީގެ ތެރެއިން 110 މައްސަލައަކީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ކަމަށް އެ މިނިސްޓްރީއިން ބުނެފިއެވެ.

ޖެންޑާ މިނިސްޓްރީއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ކުޑަކުދިންނަށް އިހުމާލުވުމުގެ 37 މައްސަލަ ވަނީ ހުށަހަޅައިފައެވެ. މީގެ އިތުރުން ކުޑަކުދިންނަށް ޖިންސީ ހާނިއްކަކުރުމުގެ 24 މައްސަލައާއި ޖިސްމާނީ ހާނިއްކައިގެ 23 މައްސަލަ އަދި ނަފްސާނީ ހާނީއްކައިގެ 11 މައްސަލަ ހުށަހަޅާފައިވާކަމަށް ތަފާސްހިސާބުތައް ދައްކައެވެ.

އެ މިނިސްޓްރީއަށް ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާއިރު ކުޑަކުދިންނަށް ގެވެށި އަނިޔާކުރާތަން ދެއްކުން ނުވަތަ ފެނުމުގެ ހަތް މައްސަލައަކާއި އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ ހަތް މައްސަލައެއް އަދި ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލައެއްވެސް ވަނީ ހުށަހަޅައިފައެވެ.

މީގެ އިތުރުން ހައްގުތަކުން ކުދިން މަހުރޫމުކުރުމުގެ ހަތް މައްސަލައަކާއި އާއިލީ މައްސަލައިގެ ގޮތުގައި 20 މައްސަލައެއްވެސް ވަނީ ހުށަހަޅައިފައެވެ. މީގެ ތެރޭގައި ހަޟާނާއާ ގުޅޭ އަށް މައްސަލައެއް ހިމެނޭކަން ފާހަގަކުރެވެއެވެ.

ޖެންޑާ މިނިސްޓްރީއިން ބުނީ އެކި ބާވަތްތަކުގެ ކުށް ކޮށްގެން 17 ކުއްޖެއްގެ މައްސަލަ ސެޕްޓެމްބަރު މަހު އެ މިނިސްޓްރީއަށް ހުށަހެޅުނު ކަމަށެވެ. އޭގެ ތެރޭގައި މާރާމާރި ހިންގުމުގެ 11 މައްސަލައާއި ތަންތަނަށާއި ތަކެއްޗަށް ގަސްދުގައި ގެއްލުން ދިނުމުގެ ހަތަރު މައްސަލަ ހިމެނޭކަމަށް އެ މިނިސްޓްރީއިން ބުނެއެވެ.

އަދި ކުދިންގެ އަޚްލާގާ ގުޅޭ 25 މައްސަލައެއްވެސް މި މުއްދަތުގައި ހުށަހެޅުނު ކަމަށާއި އޭގެ ތެރޭގައި ސްކޫލަށް ދާން ބޭނުންނުވުމުގެ އަށް މައްސަލައެއް އަދި ގެއިން ނިކުމެގެން ދިއުމުގެވެސް އަށް މައްސަލައެއް މިދިޔަ މަހު ހުށަހެޅުނު ކަމަށް އެ މިނިސްޓްރީއިން ބުނެއެވެ.

މީގެ އިތުރުން ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާއާއި ގެވެށި އަނިޔާގެ 45 މައްސަލައެއް މިދިޔަ މަހު ޖެންޑާ މިނިސްޓްރީއަށް ވަނީ ހުށަހެޅިފައެވެ. ޖެންޑާ މިނިސްޓްރީއިން ބުނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހަތް މައްސަލައެއްވެސް މިދިޔަ މަހު ހުށަހެޅުނު ކަމަށެވެ.

comment ކޮމެންޓް