ސިއްރު ހެކިބަހާ ގުޅޭ ގޮތުން ކުރެއްވި ޓްވީޓު މައުމޫނު ޑިލީޓް ކުރައްވައިފި

ކުރީގެ ރައީސް މައުމޫން -- ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

ސިއްރު ހެކިބަހަކީ އިސްލާމީ ޝަރީއަތުގައި އޮންނަ އެއްޗެއް ނޫންކަމަށް ވިދާޅުވެ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު ކުރެއްވި ޓްވީޓު ޑިލީޓްކޮށްލައްވައިފި އެވެ.

އިއްޔެ މައުމޫނު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ ގުރުއާނާއި ސުންނަތް އަދި އިމާމުންގެ ބަސްފުޅުގައި ވެސް ސިއްރު ހެކިބަހުގެ ވާހަކަ ނެތްކަމަށެވެ.

ރައީސް މައުމޫނު ކުރެއްވި ޓްވީޓު

މައުމޫނު މިހެން ވިދާޅުވެ ޓްވީޓު ކުރައްވާފައި ވަނީ 23 ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތިހާބު ބާތިލުކޮށްދިނުމަށް ރައީސް ޔާމީނުގެ ފަރާތްޕުޅުން ސުޕްރީމު ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލާގައި ހެކިންގެ ގޮތުގައި ސިއްރު ހެކިން ހުށަހަޅާފައިވަނިކޮށެވެ.

މީގެ އިތުރުން އެ މައްސަލާގައި ހެކީގެ ގޮތުގައި ސިއްރު ލިޔެކިޔުންތަކެއް ވެސް ރައީސް ޔާމީނުގެ ފަރާތްޕުޅުން ވަނީ ހުށަހަޅުއްވައިފަ އެވެ.

އަޑު އެހުމުގައި ސިއްރު ލިޔުންތަކާއި ހެކިވެރިންތަކެއް ހުށަހެޅުމުން އެ މައްސަލައިގެ ތެރެއަށް ތަދައްޚުލުވި އިދިކޮޅު ކޯލިޝަންގެ ވަކީލުން ވެސް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

އިދިކޮޅު ކޯލިޝަންގެ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ ހެކިވެރިންގެ ހެކިބަސް ސިއްރުން ނަގަން ޖެހޭ ގާނޫނީ ސަބަބެއް ދެއްކިފައި ނުވާ ކަމަށާއި ޖިނާއީ ބޮޑެތި މައްސަލަތައް ފަދަ މައްސަލަތައް ފިޔަވައި ސިއްރުން ހެކިބަސް ނެގުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ ސިއްރު ހެކިވެރިންނާ މެދު ގޮތެއް ނިންމަވާނީ އެކަމާ މެދު ބަހުސް ކުރުމަށް ފަހު ކަމަށެވެ.

comment ކޮމެންޓް