ގުޅިގެން މަސައްކަތްކުރުމަށް ޗައިނާ ސަފީރާއި ރައީސް މައުމޫން މަޝްވަރާކުރައްވައިފި

ޗައިނާގެ ސަފީރު، ރައީސް މައުމޫނާ ބައްދަލުކުރައްވަނީ -- ފޮޓޯ/ ރައީސް މައުމޫނު

ރާއްޖެއަށް ޗައިނާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ބައްދަލުކުރައްވައިފިއެވެ.

ރައީސް މައުމޫން އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗައިނާގެ ސަފީރު އެމަނިކުފާނުގެ އަރިހަށް ކުރެއްވި ޒިޔާރަތެއްގައި، ދެބޭފުޅު ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖެއާ ޗައިނާއިން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް، އެ މަޝްވަރާ ކުރައްވާފައި ކަމަށެވެ.

"ރާއްޖެއާ ޗައިނާއަކީ ވަރަށް ގާތް ދެ ރަހުމަތްތެރިން،" ރައީސް މައުމޫނުގެ ޓްވީޓުގައި ވިދާޅުވިއެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް މައުމޫނުގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ކުށުގައި އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދެވި ކުރީގެ ރައީސް މައުމޫނު، ކަފާލާތުގެެ ދަށުން ޖަލުން މިނިވަންކުރީ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުއެވެ.

އުމުރުފުޅުން 80 އަހަރަށް ވުރެ މައްޗަށް ގޮސްފައިވާ މައުމޫނުގެ މައްޗަށް ދައުލަތުން މިހާރު ވެސް ޓެރަރިޒަމްގެ ދައުވާ އުފުލި ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި ދަނީ ހިންގަމުންނެވެ.

ކަފާލާތުގެ ދަށުން ރައީސް މައުމޫނު މިނިވަންކުރެއްވި ފަހުން، ބައެއް ގައުމުތަކުގެ ވެރީން ވަނީ އެމަނިކުފާނަށް ގުޅުއްވައި، ހާލު ބައްލަވައިފައެވެ. އެގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއާއި ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އެމަނިކުފާނަށް ސީދާ ފޯނުން ގުޅުއްވައި ހިތްވަރުދެއްވި އިރު، ލަންކާގެ ކުރީގެ ރައީސް އަދި މިހާރުގެ އިދިކޮޅު ލީޑަރު މަހިންދަ ރާޖަޕަކްސަވެސް ރައީސް މައުމޫނަށް ފޯނުން ގުޅުއްވައި ހާލު ބެއްލެވިއެވެ.

މީގެ އިތުރުން ސްރީލަންކާގެ ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ރާއްޖެ ވަޑައިގެންނެވި އެގައުމުގެ ސްޕޯޓްސް މިނިސްޓަރު ފައިޒަރު މުސްތަފާއާއި އިނގިރޭސި ފޮރިން އޮފީހުގެ ސްޓޭޓް މިނިސްޓަރ މާކް ފީލްޑް އަދި އިނގިރޭސި ސަފީރު ޖޭމްސް ޑޯރިސް، އީޔޫގެ ސަފީރު ޓުންގްލައި މާގްވެސް ރައީސް މައުމޫނުގެ އަރިހަށް ޒިޔާރަތްކުރެއްވިއެވެ.

comment ކޮމެންޓް