އިންޑޮނޭޝިއާގައި ބިންހެލުން އައި ރަށުގައި އަލިފާން ފަރުބަދައެއް ގޮވައިފި

އިންޑޮނޭޝިއާގައި ބިންހެލުން އައި ސުލަވެސީ އައިލޭންޑުގެ އަލިފާން ފަރުބަދައެއް ވަނީ ގޮވާފައި -- ފޮޓޯ: އޭއެފްޕީ

ޖަކާޓާ (އޮކްޓޯބަރު 3): އިންޑޮނޭޝިއާއަށް މިދިޔަ ހުކުރު ދުވަހު ބާރުގަދަ ބިންހެލުމެއް އައި ސުލަވެސީ އައިލޭންޑުގެ އަލިފާން ފަރުބަދައެއް ގޮވައިފި އެވެ.

ނޯތް ސުލަވެސީ ޕްރޮވިންސުގައި ހުންނަ މައުންޓް ސޮޕުޓަން އިއްޔެ ގޮވައި، އޭގެއިން އަޅި ފައިބައި، އަލިފާން ފޭބެމުކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ.

އޭގެ ސަބަބުން އެޕްރޮވިންސުގައި ވަނީ ހަތަރު ލެވެލް ހިމެނޭ ވޮލްކޭނޯ އެލާޓް ސިސްޓަމްއިން ތިން ވަނަ ލެވެލްއަށް އެލާޓް މަތިކޮށްފަ އެވެ. އަދި އަޅި ފައިބާ ނަމަ އެސަރަހައްދުގައި ދިރިއުޅޭ މީހުން މާސްކު އެޅުމަށް ބުނި ނަމަވެސް، އެސަރަހައްދުގައި ދިރިއުޅޭ މީހުން އެހެން ތަނަކަށް ބަދަލު ކުރުމަށް އަދި އަންގާފައި ނުވެ އެވެ.

އިންޑޮނޭޝިއާގެ ޕާލޫއަށް ބިންހެލުމެއް އައިސް، ސުނާމީއެއް އެރުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި -- ފޮޓޯ: އޭއެފްޕީ

މައުންޓް ސޮޕުޓަން ހުންނަނީ ބިންހެލުން އައި ޕާލޫއާ 360 މޭލޫ ދުރުގަ އެވެ. ޕާލޫއަށް އައި 7.5 މެގްނިޓިއުޑުގެ ބިންހެލުމަށް ފަހު ސުނާމީއެއް ވެސް ވަނީ އަރައިފަ އެވެ. އެ ހާދިސާގައި މަރުވި މީހުންގެ އަދަދު 1،347 އަށް އަރާ ކަމަށް އިންޑޮނޭޝިއާގެ ޑިޒާސްޓާ ރެސްޕޮންސްއިން ބުންޏެވެ.

އެގައުމުގެ ވޮލްކެނޮލޮޖީ އެންޑް ޖިއޮލޮޖީ ޑިޒާސްޓާ މިޓިގޭޝަން އޭޖެންސީގައި އިސްކޮށް ހުންނަވާ ކަސްބާނީ ވިދާޅުވި ގޮތުގައި އަލިފާން ފަރުބަދަ ގޮވީ ބިންހެލުން އައުމާ ގުޅިގެން ކަމަށް ލަފާ ކުރެވެ އެވެ.

comment ކޮމެންޓް