12 މެންބަރުންގެ މައްސަލާގައި ވަކިގޮތެއް ނިންމަންދެން ބައި އިލެކްޝަން މަޑުޖައްސާލައިފި

ގޮނޑިގެއްލުނު ބައެއް މެމްބަރުން ސުޕްރީމްކޯޓަށް ވަޑައިގެންނަވަނީ--ސަންފޮޓޯ/ ފަޔާޒު މޫސާ

ސުޕްރީމު ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ރައްޔިތުންގެ މަޖިލީހުގެ 12 ދާއިރާއެއްގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ނިންމާފައިވާ ނިންމުން ބާތިލް ކޮށްފި އެވެ.

އިލެކްޝަންސް އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ އެ ނިންމުން ނިންމައި ކަމާ ބެހޭ ފަރާތްތަކަށް އަންގާފައިވާނެ ކަމަށެވެ.

ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަނުން ކަނޑައަޅާފައި ވަނީ، މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނު، ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދު، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދު، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން، ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމް، މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު، ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ، ހަނިމާދޫ ދާއިރާގެ މެންބަރު ހުސައިން ޝަހުދީ، އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ)، ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ، ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އެވެ.

އެބޭފުޅުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް އިން ކަނޑައަޅާފައި ވަނީ މަޖިލީހުން ފާސްކޮށްފައިވާ އެންޓި ޑިފެކްޝަން ގާނޫނާ ގުޅިގެންނެވެ. އެ ގާނޫނުގައި ބުނެފައި ވަނީ މަޖިލީހަށް މެމްބަރަކު އިންތިހާބުވާ ޕާޓީން ވަކި ވުމުން ނުވަތަ އިންތިހާބު ވާ ޕާޓީން ވަކިކުރުމުން ނުވަތަ ޕާޓީ ބަދަލު ކުރުމުންނެވެ. މި ގާނޫނު ހިނގާނެ ކަމަށް ކަނޑައަޅާފައި ވަނީ ޖުލައި މަހުގެ 13 ވަނަ ދުވަހުން ފެށިގެންނެވެ.

ބާރަ މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އީސީ އިން ކަނޑައަޅާފައި ވަނިކޮށް އެ މެންބަރުން ވަނީ ގޮނޑީގެ މައްސަލާގައި ގޮތެއް ނިންމައިދިނުމަށް ސުޕްރީމު ކޯޓަށް ހުށަހަޅައިފަ އެވެ. އެކެއް ފެބްރުއަރީގައި ސުޕްރީމު ކޯޓުން ނެރުނު އަމުރުގައި އެ މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ބުނެފައިވީ ނަމަވެސް ފަހުން ވަނީ އެބައި ބާތިލު ކޮށްފަ އެވެ.

މެންބަރުންގެ ގޮނޑީގެ މައްސަލަ ސުޕްރީމުކޯޓުގައި ކުރިއަށްދާއިރު އެ މައްސަލާގައި ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް ކޯޓުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް