ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތަހުގީގު ކޮށްދިނުމަށް އެމްއެމްއޭގެ ފައިނޭންޝަން އިންޓެލިޖެންސް ޔުނިޓުން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަ އަނބުރާ ނުގެންދާ ކަމަށް އެމްއެމްއޭ އިން ބުނެފި އެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއެމްއޭ އިން ބުނީ ސަރުކާރުގެ ތަހުގީގީ އިދާރާތަކަށް 137 މައްސަލައެއް ހުށަހަޅާފައިވާ އިރު އެގޮތަށް ފޮނުވި އެއްވެސް ސިޓީއެއް އަދި މައްސަލައެއް ވެސް އަނބުރާ ގެންގޮސްފައި ނުވާނެ ކަމަށެވެ.
އެމްއެމްއޭ އިން މިހެން ބުނެފައިވާ އިރު ރިޔާސީ އިންތިހާބަށް ވަގުތު ކުޑަތަން ވެފައިވަނިކޮށް ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަފުޅު އެކައުންޓަކަށް 1.5 މިލިއަން ޑޮލަރު ޓްރާންސްފާ ކުރި މައްސަލަ އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓުން ފާހަގަކޮށް އޭރުގެ ކޮމިޝަނާ އަބްދުﷲ ނަވާޒަށް ސިޓީއެއް ފޮނުވާފައިވެ އެވެ.
އެކަން އަލްޖަޒީރާ އިން އިއްޔެ ރިޕޯޓުކޮށްފައިވާ އިރު އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓުން ސިޓީ އަނބުރާ ގެންގޮސްފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ތަރުޖަމާނު އިބްރާހީމް މުއާޒު އަލީ ވަނީ ވިދާޅުވެފަ އެވެ.
އަލްޖަޒީރާ އިން ރިޕޯޓުކުރީ އެ ފައިސާއާ މެދު ބޭންކުން ސުވާލު ކުރުމުން އެ ފައިސާ އަކީ ކެމްޕޭންގައި ބޭނުން ކުރަން އަމިއްލަ ކުންފުނިތަކުންނާއި އެހެން ފަރާތްތަކުން ރައީސް ޔާމީން އަށް ދީފައިވާ ފައިސާ ކަމަށް ބުނެފައިވާ ކަމަށެވެ.