ޑިރެކްޓަރު ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް އަހުމަދު ލަތީފް

ޑީޛީޓީގެ މަގާމަށް އައްޔަނުކުރެއްވި ލަތީފް އަށް މަގާމުގެ ލިޔުން ހަވާލުކުރައްވަނީ --- ފޮޓޯ: ސީއެސްސީ

ޑިރެކްޓަރު ޖެނެރަލް އޮފް ޓްރާންސިޝަން (ޑީޖީޓީ)ގެ މަގާމަށް ހ. ސީވީޑް، އަހުމަދު ލަތީފް މިއަދު އައްޔަންކޮށްފި އެވެ.

ލަތީފް މި މަގާމަށް އައްޔަނު ކޮށްފައިވަނީ މިއަދު އެވެ. ލަތީފަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ މިއަދު ސިވިލް ސާވިސް ކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތެއްގައި ސިވިލްސާވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމެވެ.

ޑީޖީޓީއަކީ 05/2010 (ވެރިކަން ބަދަލުވުމުގެ މަރުޙަލާއާބެހޭ ޤާނޫނު)ގެ ދަށުން އުފެދޭ މަގާމެކެވެ. މި ގާނޫނަކީ ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި އަމަލުކުރަން ޖެހޭ އުސޫލުތައް ބަޔާންކޮށްފައިވާ ގާނޫނެވެ. މި ގާނޫނުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބު ވާ ފަރާތުން ބޭނުންކުރުމަށް އެކަށީގެންވާ އޮފީހާއި އެ އޮފީހަށް ބޭނުންވާ އެންމެހައި ތަކެތި ހަމަޖައްސައިދިނުމާއި ރައީސުލްޖުމްހޫރިއްޔާއަށް ހޮވިފައިވާ ފަރާތައް ސަލާމަތާ ރައްކާތެރިކަން ގައުމީ ދިފާއީބާރު މެދުވެރިކޮށް ހަމަޖެއްސުމުގެ ކަންކަން ވިލަރެސްކުރުމަކީ ޑީޖީޓީގެ ޒިންމާއެކެވެ.

މިއީ މި މަގާމަށް ބޭފުޅަކު އައްޔަނު ކުރި ފުރަތަމަ ފަހަރެވެ.

މަގާމުގެ ލިޔުން ހަވާލުކުރެއްވުމަށް ފަހު ސީއެސްސީގެ ރައީސް ޑރ. ޝަމީމް ވިދާޅުވީ ލަތީފްގެ މަސައްކަތަށް ސީއެސްސީގެ އެއްބާރުލުން ލިބޭނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ލަތީފް ވަނީ ވެރިކަން ބަދަލުވުމުގެ މަރުހަލާގެ އެކި ކަންކަމުގައި ކޮމިޝަނުގެ އެހީތެރިކަން ބޭނުންވާނެކަން ފާހަގަކުރައްވައި އޭގެ ތެރެއިން ބައެއް ކަންކަން ހުށަހަޅުއްވައިފަ އެވެ.

ވެރިކަން ބަދަލު ކުރުމުގެ މަރުހަލާގައި އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ފަރާތްޕުޅުން ސިޔާސީ ކަންކަމުގައި އެންމެ އިސްކޮށް އުޅުއްވުމަށް ހަމަޖައްސަވާފައި ވަނީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދެވެ.

comment ކޮމެންޓް