މަޓީން އިބޫ އަށް މަރުހަބާ ކިޔައިފި

މިދިޔަ އަހަރު ބޭއްވި މަޓީގެ އަހަރީ އާންމު ޖަލްސާގައި ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިން ބައިވެރިވަނީ -- ސަން ފައިލް ފޮޓޯ

ރާއްޖޭގެ ޓޫރިޒަމް ދާއިރާ ތަމްސީލްކުރާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީސް، މަޓީން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް މަރުހަބާ ކިޔައިފި އެވެ.

ރިޔާސީ އިންތިހާބުގެ ނަތީޖާއާ ގުޅިގެން މަޓީން ނެރުނު ބަޔާނެއްގައި ބުނީ، އިބޫ އާއި ރަނިންމޭޓް ފައިސަލް ނަސީމްގެ ސަރުކާރާ ގުޅިގެން ފަތުރުވެރިކަން ކުރިއެރުވުމަށް އެ އެސޯސިއޭޝަން ތައްޔާރަށް އޮތް ކަމަށެވެ.

އިބޫގެ ވެރިކަމުގައި ރާއްޖެ އަށް އިތުރު ކުރިއެރުންތައް ލިބިގެން ދާނެ ކަމަށް އުންމީދު ކުރާ ކަމަށް މަޓީން ބުނެ އެވެ.

ރާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރިވެރިން ހިމެނޭ ޖަމްއިއްޔާ އިން އިބޫ އަށް މަރުހަބާ ކިޔާފައިވާ އިރު، ގިނަ ޖަމްއިއްޔާތަކާއި ބޮޑެތި ކުންފުނިތަކުގެ އިތުރުން ބޭރު ގައުމުތަކުން ވެސް ގެންދަނީ އިދިކޮޅުން އިންތިހާބު ކާމިޔާބު ކުރުމުން މަރުހަބާ ކިޔަމުންނެވެ.

ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލުފުޅު ކުރެއްވި ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާ އިރު، މިއީ ރާއްޖޭގެ ރިޔާސީ އިންތިހާބެއްގެ އެންމެ ފަރަގުބޮޑު ނަތީޖާ ފެނިގެން ދިޔަ ފަހަރެވެ.

އެގޮތުން އިބޫ އިންތިހާބު ކާމިޔާބު ކުރެއްވީ، ރައީސް ޔާމީނަށް ވުރެ 38،000 ވުރެ ގިނަ ވޯޓު އިތުރަށް ހޯއްދަވައިގެން، ވޯޓް ލީ މީހުންގެ 58.4 ޕަސެންޓު ހޯއްދަވައިގެންނެވެ. ރައީސް ޔާމީނަށް ލިބިލެއްވީ 41.6 ޕަސެންޓެވެ.

comment ކޮމެންޓް