ސާކް ފިލްމު ފެސްޓިވަލުން 2014ގައި ބްރޯންޒް މެޑެލް ހޯދި "އިނގިލި" އަށް ފަހު، މަހުދީ އަހުމަދު ސްކްރީންޕްލޭ ލިޔެ، އޭނާ ޕްރޮޑިއުސް ކުރާ ދެވަނަ ފިލްމު "މާޔޫސް" އަދިވެސް ބެލުންތެރިންނާ ހަމަޔަށް އަންނަ ވަރެއް ނުވެއެވެ. ޝޫޓިން ނިމިފައި އޮންނަތާވެސް 4 ވަރަކަށް އަހަރު ފާއިތުވެގެން ގޮސްފިއެވެ. "މާޔޫސް" ގެ އަޑު އޮތީ ހަމަ އެއްކޮށް މަޑުވެފައެވެ.
ފިލްމުގެ ޕްރޮޑިއުސަރަށް ގުޅާލީ ފިލްމުގެ މަސައްކަތް އެއްކޮށް ހުއްޓާލީތޯ ޔަގީންކޮށްލާށެވެ. ނަމަވެސް މަހުދީ ދިން ޖަވާބުގައި ބުނީ ފިލްމުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓިފައި އޮންނަތާ އަހަރުތަކެއް ވިޔަސް ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ ކަމަށެވެ.
އެއީ 2014 ވަނަ އަހަރު ރިލީޒްކުރަން ކުރިން ނިންމާފައިި އޮތް ފިލްމެކެވެ. ހަތަރު އަހަރު ބެލުންތެރިން ފިލްމަށް އިންތިޒާރު ކުރަން ޖެހުމުން އެ ފިލްމުގެ މަތިން މިހާރު ހަނދާން ހުންނާނީ ވެސް މަދު ބަޔަކު ކަން ކަށަވަރެވެ.

"މާޔޫސް" ގެ މަންޒަރެއްގަިއ ނިއުމާ އަދި ޖުމައްޔިލް...
"އަސްލު އަދިވެސް އޮތީ ޕޯސްޓު ޕްރޮޑަކްޝަންގަ ފިލްމު ތާށިވެފަ، ފިލްމުގެ މަސަައްކަތް ވަގުތީ ގޮތުން ހުއްޓިފައި އޮންނަތާ އަހަރެއް ވަރު ވެއްޖެ، މި ފިލްމު އިރާދަކުރެއްވިއްޔާ ގެނެސްދޭނަން، ރީ އެޑިޓިން އަށް ވެސް ދާން ޖެހޭތީ އާއެކު އެކަން ކުރާ މީހާ ބިޒީ ވެފަ އިނީމަ އަސްލު މަޑުޖެހިފަ އިނީ" ގިނަ ފިލްމު ތަކަށް ވާހަކަ ލިޔެދީފައިވާ މަހުދީ ބުންޏެވެ.
މަހުދީ ބުނީ، ރީ އެޑިޓިންގެ މަސައްކަތް މި އަހަރުގެ ބާކީ މިއޮތް ދުވަސް ތަކުގައި ކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެ މަސައްކަތަށް ވަރަށް އަވަހަށް އިށީންނާނެ ކަމަށާއި ފިލްމު އެޅުވޭނެ ތަރީހެއް ބުނަން އިނގޭނީ މަސައްކަތްދާ ގޮތަށް ބަލާފައި ކަމަށް މަހުދީ ވަނީ ފާހަގަކޮށްފައެވެ.
ބ އަތޮޅުގައި ޝޫޓް ކޮށްފައިވާ "މާޔޫސް" އާ ބެހޭގޮތުން ވާހަކަ ދައްކަމުން މަހުދީ ބުނީ، ކަންދިމާވި ގޮތުން ފިލްމު ލަސްވެފައި ވިޔަސް، ހުރިހާ މަސައްކަތްތަކެއް ނިންމައި ވީހާވެސް އަވަހަށް ގެނެސްދިނުމަށް މަސައްކަތް ކުރާ ކަމަށެވެ.

"މާޔޫސް" ގެ ޝޫޓިންގެ ތެރެއިން...
"މާޔޫސް" އަކީ އަންބަކު އޭނާގެ ފިރިމީހާގެ ދެބެންގެ ދެދަރި ކޮއްކޮ އަކާއެކު ހިންގާ ލޯބީގެ ގުޅުންތަކެއް ދައްކުވައިދޭ ފިލްމެކެވެ. މި ފިލްމުގެ ލީޑު ރޯލުން ކުޅަދާނަ ބަތަލާ ނިއުމާ މުހައްމަދު ފެންނަ އިރު، ދެން ފެންނާނީ އިސްމާއީލް ރަޝީދު(ކޮޕީ އިއްސެ)ގެ އިތުރުން ޖުމައްޔިލް ނިމާލެވެ.
މިއީ މި ތިން ތަރިން އެއްކޮށް ފެންނާނެ ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ ޖުމައްޔިލް ފިލްމީ ދާއިރާއަށް ތައާރަފްވި "އަނިޔާ' އެވެ. "މާޔޫސް"ގައި ނިއުމާ ބުރުގާ އަޅައިގެން ހުންނަ މަންޒަރުތަކެއް ފެންނާނެ އިރު އެ ފިލްމަކީ ނިއުމާގެ ކުޅުނު ފިލްމުތަކުގެ ތެރެއިން ރިލީޒްނުވެ ދިގުލައިގެންދިޔަ އެއް ފިލްމު ކަން ފާހަގަ ކޮށްލެވެއެވެ.

މާޔޫސް
ތިން ލައްކަ ރުފިޔާއަށް ވުރެ ބޮޑު ބަޖެޓެއް އެ ފިލްމަކަށް ހަރަދުކޮށްގެން އުފައްދާ "މާޔޫސް" ޑައިރެކްޓް ކޮށްފައި ވަނީ ގިނަ ލަވަތަކެއް ޑައިރެކްޓްކޮށްފައިވާ އަޖުނާޒު އަލީއެވެ. މޫމިން ފުއާދު ކެމެރާކޮށްދީފައިވާ އެ ފިލްމުގެ ބެކް މިއުޒިކް ހަދާފައިވަނީ އައްޔުމަން ޝަރީފެވެ.
"މާޔޫސް" ލަސް ވެފައި އޮތަސް މަހުދީ ބެލުންތެރިން މާޔޫސް ނުކޮށްލައެވެ. ފިލްމު އަވަހަށް ނިންމަން އޭނާ ހުރީ އަތުކުރި އޮޅާލައެވެ. އެކަމު ހިތަށް އަރަނީ އަދި މި ފިލްމު ފެންނަށް ކިތައް އަހަރު ވާނެބާއެވެ؟