މި މަހުގެ 23ގައި ބާއްވާ ރިޔާސީ އިންތިހާބުން އިދިކޮޅު ފަރާތްތަކަށް ކާމިޔާބު ލިބި ވެރިކަން ލިބިއްޖެ ނަމަ ރާއްޖެ ބައިބައިވެގެން ދާނެ ކަމަށް ވެރިކަން ކުރާ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓުގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ށ. ފޯކައިދޫ ރައްޔިތުންނާ ރޭ އެ ރަށުގައި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ޝަހީމް ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސް އަބްދުﷲ ޔާމީނަށް ކާމިޔާބު ވާނެ ކަމަށާއި އެ ނޫން އެހެން ގޮތަކަށް ކަންތައްވެ އިދިކޮޅަށް ވެރިކަން ލިބިއްޖެ ނަމަ ރާއްޖެ ބައިބައިވެގެން ދާނެ ކަމަށެވެ.
"އެއީ އިއްތިހާދެއް ވެސް ނޫން. އެއީ ދެކޮޅުވެރިކަމެއްގެ ތެރެއަށް ދެން މި ގައުމު ވެއްޓިގެން ދާނީ. އެ މީހުނަށް ވެރިކަން ލިބިއްޖެ ނަމަ މިތަން ބައިބައި ވާނީ. ޕާޓީތައް އެއް ގަލަކަށް ނާރާނެ އިނގޭތޯ ވެރިކަމުގެ ތެރޭގައެއް،" ޝަހީމް ވިދާޅުވި އެވެ.
ކޯލިޝަނެއްގެ ވެރިކަމަކުން ރައްޔިތުންނަށް ފައިދާ ނުވާނެކަން ހާމަ ކުރައްވައި ޝަހީމް ވިދާޅުވީ މާޒީއަށް ބަލާލި ނަމަވެސް ކޯލިޝަން ސަރުކާރެއް ދެމި ނޯންނާނެކަން ސާބިތުވާ ކަމަށެވެ. އަދި ވިދާޅުވީ، ސަރުކާރުގެ މަގާމުތައް ބެހުމުގައި އަރާރުން އުފެދި ރާއްޖެ 15 އަހަރު ފަހަތަށް ވެއްޓުމުގެ ބިރު އެބައޮތް ކަމަށެވެ.
"އެ ފުރުސަތު އަޅުގަނޑުމެން ބޭނުމެއް ނުވޭ ދޭކަށް. އަޅުގަނޑުމެން ބޭނުންވަނީ ހުރި ކަންކަން އިސްލާހުކޮށްގެން މި ގައުމު މި އޮތް ހަމަ ޖެހުމާއިގެން ކުރިއަށް ދިއުން. އިގްތިޞާދީ ހަލުވި ދުވެލީގައި. އުމްރާނީ ތަރައްގީއާ އެކުގައި. އިސްލާމް ދީން މަތިވެރި ކުރާ ހާލުގައި،" ޝަހީމް ވިދާޅުވި އެވެ.
މި ޒަމާނުގައި ގައުމުތަކުގެ ވެރިކަން ކުރާ ފަރާތްތައް ތައުލީމީ ބަޔަކަށް ވާން ޖެހޭނެ ކަން ޝަހީމް ފާހަގަ ކުރެއްވިއެވެ. އަދި ވިދާޅުވީ، ރާއްޖޭގެ ވެރިކަމަށް އަރަން ޖެހޭނީ ތައުލީމީ، ދުނިޔޭގެ އޮޔާ ވައި ރަނގަޅަށް އެނގޭ ހިތްވަރު ގަދަ ފަރާތެއް ކަމަށެވެ. އަދި އެ ޝަރުތުތައް ހުރި މީހަކީ ރައީސް ޔާމީން ކަމަށާއި މި ގައުމުން އޭގެ ދެވަނަ މީހެއް އަދި ނުފެންނަ ކަމަށް ޝަހީމް ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ސަރުކާރުގައި ހުރި އިސްލާހުކުރަން ޖެހޭ ކަމެއް ވާ ނަމަ އެ ކަމެއް އިސްލާހްކޮށްގެން މި ސަރުކާރު ދެމެހެއްޓުމަކީ ދިވެހި ރައްޔިތުންނަށް އެތައް މަސްލަހަތެއް އޮތް ކަމެއް. އެހެންވީމަ މި ސަރުކާރު ދެމެހެއްޓުމަށް މަސައްކަތް ކުރަންވީ،" ޝަހީމް ވިދާޅުވި އެވެ.