އަރިއަތޮޅުގެ ތަރައްގީއަކީ ވަކިބަޔަކު ގެނައި ތަރައްގީއެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.
އދ. މާމިގިލި ނަރުދަމާ އިފްތިތާހުކޮށްކޮށްދެއްވުމަށްފަހު އެރަށުގެ ރައްޔިތުންނާ މުޚާތަބުކުރައްވާ ވާހަކަފުޅު ފައްކަވަމުން ރައީސް ވިދާޅުވީ ފާއިތުވި ކުޑަ މުއްދަތުގެ ތެރޭގައި މުޅިން އާ ގޮތަކަށް ދިވެހިން ވިސްނަންފަށައިފި ކަމަށެވެ.
"ދިވެހިންގެ އުއްމީދަކީ މިއަދު އަޅުގަނޑުމެން ކުރިއަށް ނުދާހާ ހިސާބަށް ކުރިއަށް ދިއުން. ކުރީގައި ތިބި ބޯދާ ފިކުރުގެ މަތީގައި ތިބޭކަށް އެއްވެސް ރައްޔިތަކު ނުޖެހޭ،" ރައީސް ވިދާޅުވިއެވެ.
އަރިއަތޮޅުގައި ކޮށްފައިހުރި މަސައްކަތްތަތަކީ މި ސަރުކާރުގައި ކޮށްފައި ހުރި މަސައްކަތްތަކެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"އެހެންވީމަ ނުޖެހެޔޭ ވަކި ފިކުރެއްގަ ގުޑާނުލެވިފަ ތިބޭކަށް. އަޅުގަނޑުމެން އެބަ ޖެހޭ މިގޮތުގައި ކުރިއަށްދާން."
ރައީސް ވިދާޅުވީ ވިސްނުމަށް ބަދަލު ގެންނަންވީ ހަމައެކަނި ހިޔާލު ފާޅުކުރުމަށް އެކަނި ނޫން ކަމަށެވެ.
"ކީއްވެގެންތޯ ތަަރައްގީގެ ވާހަކަ އިދިކޮޅު ފަރާތްތަކަށް ނުދެއްކިގެން މިއުޅެނީ. އެއަށް ބަދަލު އައީމަ، އެމީހުންދޭންވާ އިސްކަމެއް ދެވުނީމަ ދެން ރައްޔިތުން ކުރިއަށްދާނީ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މުޅި ރާއްޖޭގެ ތަރައްގީއަށް އެޅޭ ހުރަހަކަށް އެއްވެސް ރަށެއްގައި ތިބޭ މަދު ބަޔަކު ވެގެން ނުވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ދައުލަތުގެ ދަރަނި އިތުރުވިނަމަވެސް، ރައްޔިތުންގެ އުއްމީދުތައް ފުރިހަމަވެގެންދާތަން ފެންނަމުންދާކަކަށާއި، މީގެ ކުރިން ބޯދާ ވިސްނުން ގެންގުޅުނު މީހުންގެ ވިސްނުންވެސް ބަދަލުވަމުން އަންނަތަން ފެންނަކަމަށް ރައީސް ވިދާޅުވިއެވެ.
"މުޅިި ރާއްޖެ އެކީ އެބަޖެހޭ ހިއްލާ ލެވެން. އިގްތިސާދީގޮތުންނާއި އިޖުތިމާއީ ގޮތުން. އަބަދު މީހުންނަށް ކަންކަމަށް ސަލާންޖަހަން ނުޖެހޭ މުރުއްވަތްތެރި ދިރިއުޅުމެއް އުޅޭ ދައުލަތަކަށް ދިވެހިރާއްޖެ ވާން އެބަޖެހޭ. އެކަން ކުރެވޭނީ ގައުމީ އުފެއްދުންތެރިކަން މިހާރަށްވުރެ ބޮޑަށް އުފުލާލައިގެން،" ރައީސް ވިދާޅުވިއެވެ.