މިހާތަނަށް ރާއްޖެ ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަދި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)އަށް ގޯހެއް ހެދުނުކަމަށް އޭނާ އެއްބަސްވެ މާފަށް އެދުނު ކަމަށާއި ނަމަވެސް އޭރު މާ ބޮޑަށް ލަސްވެފައިވާކަމަށް ގައުމީ ޓީމުގެ ކޯޗު ޕީޓަރ ސެގަރޓް ބުނެފިއެވެ.
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ނެގި ގައުމީ ޓީމުގެ ސްކޮޑުން ދަގަނޑޭއަށް ޖާގަ ނުލިބުމުން ގިނަ ބަޔަކުވަނީ އެކަމަށް ފާޑުކިޔައިފައެވެ. ފުރަތަމަ ދަގަނޑޭ ޓީމަށް ނުނެގީ، ގައުމީ ޓީމުން އޭޝިއަން ކަޕް ކޮލިފިކޭޝަންގައި އެންމެފަހުން ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން، މެޗު ޕްރެސްއަށް ނުދިއުމުންނެވެ. އަދި އޭގެ ފަހުން ގައުމީ ޓީމުގެ ކޯޗާއި ދަގަނޑޭއާ ދެމެދު ބަހުގެ ހަމަލާތަކެއްވެސް ބަދަލުކުރެވިގެން ދިޔައެވެ.
ސާފް ސުޒުކީ ކަޕް 2018 ފެށުމުގެ ކުރީން މިއަދު ބަންގުލަދޭޝްގެ ދާކާގައި ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބުދެމުން ސެގަރޓް ބުނީ، އަޝްފާގަށް މިފަހަރުގެ މުބާރާތުން ފުރުސަތު ނުލިބުނީ، ހާލަތު ކަންދިމާކުރިގޮތުން ކަމަށާއި، އޭނާ މާފަށް އެދުނީ ވަގުތު ފާއިތުވި ފަހުން ކަމަށެވެ. އޭގެ އިތުރުން ކޯޗުގެ ވިސްނުން ހުރީ، ދިވެހި ފުޓްބޯޅައިގެ ކުރިމަގަށް، ޒުވާން ޓީމެއް ބިނާކުރުން ކަމަށްވާތީ ކަމަށެވެ.
"އަހަރެމެންނާ އަޝްފާގާ އެންމެ ފަހުން ބައްދަލުކުރެވުނީ، ޓީމު ލިސްޓު ފޮނުވުމުގެ ސުންގަޑި ހަމަވިފަހުން. ސުންގަޑިއަށް ޓީމުލިސްޓް ފޮނުވަން ޖެހޭ،" އަޝްފާގު ޓީމުގައި ނުހިމެނި ސަބަބާ ގުޅޭގޮތުން ސުވާލުކުރުމުން ކޯޗު ބުންޏެވެ.
"އަޝްފާގު ވަނީ، އޭނާއަށް ގޯހެއް ހެދުނުކަން ގަބޫލުކޮށް އަހަރެންނާ ބައްސާމު ކުރިމަތީގައި އެކަމަށް އިއުތިރާފުވެ މާފަށް އެދިފައި. އެކަމަކު އޭރު އޮތީ މާ ލަސްވެފައި.
"އަހެރެން ބުނިން މިހާރު ބަލަންވީ މުސްތަގުބަލަށް ކުރެވޭނީ ކޮންކަމެއްތޯއޭ. އެކަމަކު މިހާރު މިވަނީ ވަގުތު ހަމަވެފައޭ.
"އަހަރެން ވަރަށް ދުރާލައި ލިސްޓު އެކުލަވައިލަން."
ކޯޗު ބުނީ، ކޮންމެ މީހަކަށްވެސް ކުށެއް ކުރެވިދާނެ ކަމަށާއި ދަގަނޑޭވެސް ވަނީ އެކަމަށް އެއްބަސްވެފައި ކަމަށެވެ.
"އެހެން ނަމަވެސް ހަތަރުމަސް ފަހުން މާފަށް އެދުނީމަ އެއީ ވަރަށް ދިގު މުއްދަތެއް. ކުށެއް ކުރެވިފައިވާނަމަ، އެކަމަށް ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި މާފަށް އެދުނު ނަމަވެސް ރަނގަޅުވީސް."
ސެގަރޓް ބުނީ، އޭނާއާ އަޝްފާގާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އަދި އަޝްފާގަކީ އޭނާ ވަރަށް އިހްތިރާމްކުރާ، އަދި އެހެން މީހުންވެސް އިހްތިރާންކުރާން ޖެހޭ، ދިވެހި ފުޓްބޯޅައަށް ވަރަށް މުހިއްމު ކުޅުންތެރިއެއް ކަމަށެވެ. އަޝްފާގާއެކު މިހާރުވެސް ވަރަށް ގާތް ގުޅުމެއް އެބަ އޮތްކަމަށާއި ކުރިއަށް އޮތްތާނގައިވެސް އެ ގުޅުން އޮންނާނޭ ކަަމަށް ކޯޗު ބުންޏެވެ.
މިވަގުތު އޭނާގެ ވިސްނުން ހުރީ، ކުރިއަށް އޮތް އަހަރު ތަކުގައި ރާއްޖޭގެ ފުޓްބޯޅަ ޓީމަކީ، ސަރަހައްދީ ފެންވަރުގައި އިންޑިއާ އަދި އަފްޣާނިސްތާން ފަދަ ޓީމުތަކަށްވުރެ ވަރުގަދަ ޓީމަކަށް ހެދުންކަމަށްވެސް ގައުމީ ޓީމުގެ ކޯޗު ބުންޏެވެ.
ގައުމީ ފުޓްބޯޅަ ޓީމު އެކުލަވައިލުމުގައި ޒުވާން ކުޅުންތެރީންނަށް އިސްކަންދީފައިވާނޭކަން މިއަދުވެސް ކޯޗު ތަކުރާރުކުރިއެވެ.
ސެގަރޓް ބުނީ، އޭނާ މިފަހަރުގެ ޓީމު ނަގާފައި ވާނީ، ޒުވާން ކުޅުންތެރީންނާއެކު ތަޖްރިބާކާރު ކުޅުންތެރީން ހިމެނޭ ގޮތަށް، "ބެލަންސް" ޓީމެއް ކަމަށެވެ.
މުސްތަގުބަލަށް ރަނގަޅު ޓީމެއް ބިނާކުރާއިރު، 33 އަހަރު 37 އަހަރުގެ ކުޅުންތެރީންގެ ޓީމެއް ނަގައިގެން އޭނާ ބޭނުންވާ ގޮތަށް ޓީމު ބައްޓަންކުރުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނޭކަން ކޯޗު ފާހަގަކުރިއެވެ.
ގައުމީ ޓީމުގެ މިފަހަރުގެ ސްކޮޑުގައި ހިމެނޭ، އެންމެ ތަޖްރިބާކާރު ކުޅުންތެރީންގެ ތެރޭގައި ހިމެނެނީ، ކެޕްޓަން އަކްރަމްއަބްދުލް ޣަނީއާއި މުހައްމަދު އާރިފް (ބަކާ)އެވެ. މީގެ އިތުރުން، ތަޖްރިބާކާރު މިޑްފީލްޑަރު މުޙައްމަދު އުމޭރު، 27 ކުޅުންތެރީންގެ ސްކޮޑުގައި ހިމެނުނު ނަމަވެސް، އޭނާވެސް ވަނީ، 22 ކުޅުންތެރީންގެ ސްކޮޑު އިއުލާނުކުރި އިރު ޓީމުން ބާކީވެފައެވެ.