އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ އޮޕަރޭޝަން ފުލުހުން ފަށައިފި

އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ އޮޕަރޭޝަން ރަސްމީކޮށް ފުލުހުން މިއަދު ފަށާފައި ވަނީ ކޮމާންޑަރުންގެ ބައްދަލުވުމުގައި --- ފޮޓޯ: ޕޮލިސް

މި މަހުގެ 23 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި "އޮޕަރޭޝަން ބުލޫ ވޭވް 2018"' ގެ ނަމުގައި ހާއްސަ އޮޕަރޭޝަނެއް ފުލުހުން ފަށައިފިއެވެ.

އެ އޮޕަރޭޝަން ރަސްމީކޮށް ފަށާފައި ވަނީ މިއަދު ހެނދުނު އިސަކަންދަރު ބިލްޑިންގައި ބޭއްވި ކޮމާންޑަރުންގެ ބައްދަލުވުމުގައި، އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ނަވާޒެވެ.

ރިޔާސީ އިންތިހާބުގައި ގައުމުގެ ސުލްހަވެރިކަމާ އަމާންކަން ދެމެހެއްޓުމަށްޓަކައި ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން ފައްޓަވައި ދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ނަވާޒް ވިދާޅުވީ އިންތިހާބުގެ އެންމެހާ ކަންކަން ސުލްޙަވެރިކަމާއި އަމާންކަމާއެކު ނިންމާލުމަށް ހުރިހާ ކޮމާންޑަރުންވެސް އަޒުމް ކަނޑައަޅައިގެން މަސައްކަތް ކުރަންވާނެ ކަމަށެވެ. އަދި އަތޮޅުތަކުގައި މަސައްކަތް ކުރުމަށް ހުރަސްތަކެއް ހުރި ނަމަވެސް ހިތްވަރާއެކު ހުރިހާ ފުލުހުން މަސައްކަތްކުރުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން ބްލޫ ވޭވްގައި ހަރަކާތްތެރިވާ ފުލުހުން މިހާރުވަނީ އަތޮޅުތަކަށް ގޮސްފައެވެ. އަދި އެ އޮޕަރޭޝަނުގައި މާލެއާއި އަތޮޅުތެރޭގައި ގިނަ ޢަދަދެއްގެ ފުލުހުން ހަރަކާތްތެރިވަމުން ގެންދާއިރު މާލޭގައި މިހާރުވެސް ހާއްސަ މަސައްކަތްތަކެއް ފުލުހުން ކުރަމުންދާކަން ފުލުހުންގެ އިދާރާއިން ހާމަ ކުރިއެވެ. އަދި ރަށްތަކުގައި އަމަން އަމާންކަން ބެލެހެއްޓުމުގައި އިތުރު ސަމާލުކަމެއްދީގެން ފުލުހުން ހަރަކާތްތެރިވަމުންދާނެ ކަމަށް ފުލުހުން ބުނެއެވެ.

މިއަދު ބޭއްވި ބައްދަލުވުމުގައި އޮޕަރޭޝަން ބްލޫ ވޭވްގެ ކޮމާންޑަރު އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޙަމްދޫން ރަޝީދާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ފުލުހުންގެ އެކި ޑިޕާޓްމަންޓްތަކުގެ އިސްވެރިންގެ އިތުރުން ވީޑިއޯ ކޯލް މެދުވެރިކޮށް ޕޮލިސް ޑިވިޜަންތަކުގެ ކޮމާންޑަރުންވެސް ބައިވެރިވިއެވެ.

comment ކޮމެންޓް