ފައިނަލް ސްކޮޑާއެކު ގައުމީ ޓީމް ބަންގާޅުގައި ކޭމްޕުކޮށްފި

މިފަހަރުގެ ސާފް ސުޒުކީ ކަޕަށް އެކުލަވައިލާފައިވާ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު-- ފޮޓޯ: އެފްއޭއެމް

މާދަމާ ބަނގުލަދޭޝްގައި ފެށުމަށް ހަމަޖެހިފައިވާ، މި ސަރަހައްދުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް "ސާފް ސުޒުކީ ކަޕް"ގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމް، ބަންގާޅުގައި ކޭމްޕުކޮށްފިއެވެ.

ގައުމީ ޓީމުގެ ކޯޗު ޕީޓަރ ސެގަޓް މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ނަގާފައިވާ ރާއްޖޭގެ ހުނަރުވެރި ޒުވާން ފުޓްބޯޅަ ޓީމު، ގަތަރުގައި ބޭއްވި ފަރިތަކުރުންތަކަށް ފަހު، ބަންގާޅަށް ގޮސްފައި ވަނީ، ރޭ ފަތިހުގެ ވަގުތެއްގައެވެ.

ޖުމުލަ 27 ކުޅުންތެރީންނާއެކު ގަތަރުގައި ބޭއްވި ފަރިތަކުރުންތަކަށް ފަހު، ގައުމީ ފުޓްބޯޅަ ޓީމުގެ ފައިނަލް ސްކޮޑް އެކުލަވައިލިއިރު، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅެމުން އަންނަ ތަޖްރިބާކާރު މިޑްފީލްޑަރު މުޙައްމަދު އުމޭރާއެކު އިތުރު ފަސްކުޅުންތެރިއަކު ވަނީ، ސްކޮޑުން ބާކީކޮށްފައެވެ.

އެގޮތުން އުމޭރުގެ އިތުރުން ފައިނަލް ސްކޮޑުން ބާކީކުރި ކުޅުންތެރީންގެ ތެރޭގައި ހިމެނެނީ، ޓީސީ ސްޕޯޓްސް ކްލަބުގެ އައްޒާމް އަބްދުﷲއާއި އެ ކްލަބުގެ މުހައްމަދު ސާމިރާއި ކްލަބް އީގަލްސްގެ ހަސަން ރާއިފް އަހްމަދުގެ އިތުރުން ކްލަބް ގްރީންސްޓްރީޓްސްގެ މުހައްމަދު ސާއިފްއެވެ.

2018 ސާފް ސުޒުކީ ކަޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗް ޕީޓަރ ސެގަޓާއި ސްކޮޑުގައި ހިމެނޭ 22 ކުޅުންތެރީން-- ފޮޓޯ: އެފްއޭއެމް

ފައިނަލް ސްކޮޑްގައި ހިމެނޭ ކުޅުންތެރީން:

ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް

  • އަލީ ފާސިރު (7)
  • ހަމްޒާ މުހައްމަދު (10)
  • އަކްރަމް އަބްދުލްޣަނީ (13) (ކެޕްޓަން)
  • ރިހާމް އަބްދުﷲ ޣަނީ (14)
  • މުހައްމަދު ފައިސަލް (22)

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން

  • ހުސައިން ޝަރީފް (1)
  • އަލީ ޝަމޫހް (2)
  • މުޙައްމަދު އިރްފާން (5)
  • އަސަދުﷲ އަބްދުﷲ (9)
  • ހަސަން ނާއިޒު (11)
  • އަހްމަދު އިމާޒް (27)

ޓީސީ ސްޕޯޓްސް ކްލަބް

  • އިބްރާހީމް މަހްދީ ހުސައިން (17)
  • އިބްރާހީމް ހަސަން ވަހީދު (20)

ކްލަބް އީގަލްސް

  • އަހްމަދު ނޫމާން (3)
  • ހުސައިން ޝިފާއު (4)
  • މުހައްމަދު އާރިފް (6)
  • މުހައްމަދު ނާއިމް (16)
  • މުހައްމަދު މުޖްތާޒް (19)

ވިކްޓަރީ ސްޕޯޓްސް ކްލަބް

  • ހުސައިން ނިހާން (23)

ކްލަބް ގްރީންސްޓްރީޓްސް

  • މުހައްމަދު ސަމްދޫހް (25)
  • އަބްދުﷲ ޔާމީން (26)

ޔުނައިޓެޑް ވިކްޓަރީ

  • ހަސަން ޠަލާލް (18)

މުބާރާތުގައި ރާއްޖެ ވާދަކުރާ ގްރޫޕް "ބީ"ގައި ހިމެނެނީ ތިން ޓީމެވެ. އެއީ ރާއްޖޭގެ އިތުރުން ސްރީ ލަންކާ އަދި އިންޑިއާއެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭ ކުޅޭ ފުރަތަމަ މެޗުގައި، ސެޕްޓެމްބަރު 7 ވަނަ ދުވަހު ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ. އަދި ދެވަނަ މެޗުގައި ސެޕްޓެމްބަރު 9 ވަނަ ދުވަހު ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ. މި ދެމެޗުވެސް ކުޅޭނީ، ޑާކާގެ ބަންގަބޮންދު ނޭޝަނަލް ސްޓޭޑިއަމްގައެވެ.

comment ކޮމެންޓް