"ލަސްވިޔަސް"ގެ ޝޫޓިން ދެން މާކަ ލަހެއް ނުވެ ފެށޭނެ!

ޓެޑްރީގެ "ލަސްވިޔަސް" ގެ ޕޯސްޓަރެއްގައި ޒޯޔާ...

ދިވެހި ފިލްމު "އަމާނާތް" ނަވާރަ އަހަރަށް ފަހު މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އޮލިމްޕަހުގައި އަޅުވަމުން އެ ފިލްމުގެ ކުޅަދާނަ ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ) އޭނާގެ އެހެން ފިލްމެއް އިއުލާން ކުރިއެވެ. ނަވާރަ އަހަރަށް ފަހު ގެނެސްދޭން ނިންމީ "ލަސްވިޔަސް" އެވެ.

"ސަން" އަށް މިދިޔަ އަހަރު ދިިން އިންޓަވިއެއްގައި ޓެޑްރީ ބުނީ، ފިލްމުގެ ބައެއް މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށެވެ. ނަމަވެސް އޭގެ ފަހުން އަހަރަކާ މަސްތަކެއް ފާއިތުވެ ދިޔައިރުވެސް ފިލްމުގެ ޝޫޓިން ވެސް ނުފެށެއެވެ. އަނެއްކާވެސް ޓެޑްރީއަށް ގުޅާލީ "ލަސްވިޔަސް" ލަސްވަމުންދާ ސަބަބު އޮޅުން ފިލުވާލާށެވެ.

ޓެޑްރީ ދިނީ އުފާވެރި ހަބަރެކެވެ. ދެން "ލަސްވިޔަސް" ކުޑަ ކޮށް ލަސްވިކަމުގައި ވިޔަސް ދެން މާކަ ލަހެއް ނުވާނެ ވާހަކައެވެ. ފިލްމުގެ ސްކްރީންޕްލޭގެ މަސައްކަތްވެސް އޮއްކޮށް ނިމިއްޖެ ކަމަށް ޓެޑްރީ ބުންޏެވެ. އަދި ފިލްމު ރަސްމީކޮށް ލޯންޗުކުރަން ތައްޔާރުވަމުން އަންނަ ކަމަށާއި ފިލްމުގެ ޝޫޓިން ވެސް މިއަހަރު ފަށާނެ ކަމުގެ ޔަގީންކަން އޭނާ ދިނެވެ.

"ލަސްވިޔަސް" ފިލްމާ ބެހޭގޮތުން މިދިޔަ އަހަރު "ސަން" އަށް ޓެޑްރީ ދިން އިންޓަވިއުގެ ތެރެއިން---- ސަން ފޮޓޯ/ ފަޔާޒު މޫސާ

" މިހާރު ސްކްރީންޕްލޭ ވެސް އެއްކޮށްނިމި ކުރަމުން މިދަނީ ލަވަ ތަކުގެ މަަސައްކަތް، އަސްލު ފިލްމު ނުހުއްޓޭ، ފިލްމުގެ ކޮންމެވެސް މަސައްކަތެއް އަބަދުވެސް ކުރަން، ލަވަ ތައް ވެސް މި ސެޕްޓެމްބަރ މަހުގެ ތެރޭގަ ނިމޭނެ،" ޓެޑްރީ ވާހަކަ ދައްކަމުން ބުންޏެވެ.

އެ ފިލްމަކީ ޓެޑްރީގެ އަމިއްލަ ވާހަކައަކަށް އަމިއްލަ ޕްރޮޑިއުސް/ޑައިރެކްޓްކުރާ ފިލްމެކެވެ. ފިލްމުގައި ފަސް ލަވަ ހިމެނޭނެ ކަމަށް ޓެޑްރީ ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަމުން އޭނާ ބުނީ، ފިލްމުގެ ޝޫޓިން ފަށާނެ ތާރީހެއް ކަނޑަ އަޅާނީ ފިލްމު ރަސްމީކޮށް އިއުލާން ކުރުމަށް ފަހުގައި ކަމަށެވެ. ޓެޑްރީ އަންނީ އަންނަ މަހު ކުރީ ކޮޅު ފިލްމު ލޯންޗުކުރަން މަސައްކަތް ކުރަމުންނެވެ.

"ލަސްވިޔަސް" ގެ ޕޯސްޓަރެއް...

" ލަވަތައް ނިމުނީ އަންނަ މަހު މިއުޅެނީ ވަރަށް ހާއްސަ ފަންކްޝަން އެއްގަ ފިލްމު ލޯންޗުކުރަން، އެއަށް ފަހު ޝޫޓިން ފަށާނެ ތާރީހެއް ވެސް އަންގާނަން، ހަމަ ގައިމުވެސް މި އަހަރު ފިލްމުގެ ޝޫޓިން ފަށާނަން،" ޓެޑްރީ ބުންޏެވެ.

ޓެޑްރީ ބުނީ ފިލްމުގެ ކާސްޓުންގެ ވާހަކަ އަދި ދެއްކެން ނެތް ކަމަށާއި އެ ހަފްލާގެ ތެރެއިން ފިލްމުގައި ފެނިގެންދާނެ ތަރިން އެނގިގެންދާނެ ކަމަށެވެ. ބެލެވެނީ އެ ފިލްމުގައި ވެސް ވަރުގަދަ ކާސްޓެއް ހިމެނޭނެ ކަމަށެވެ. އޭނާ ބުނަނީ ފިލްމު ރިލީޒް ވާނެ ތާރީހެއް ބުނަން އިނގޭނީ ފިލްމުގެ ޝޫޓިން ފެށުނީމަ ކަމަށެވެ.

މިދިޔަ އަހަރު "އަމާނާތް" އެޅުވި ރޭ ވަނީ "ލަސްވިޔަސް" ގެ ޓީޒާ ވެސް ބެލުންތެރިންނަށް ދައްކާލާފައެވެ. ފިލްމުގެ ޓީޒާއިން ފެނިގެންދާ ކުޑަ ކުއްޖާގެ ރޯލުން ފެނިގެންދަނީ މަޝްހޫރު ފިލްމީ ތަރި ނިއުމާ މުހައްމަދުގެ ދަރިފުޅު ޒޯޔާ ހަސަން އިބްރާހީމެވެ.

ޓެޑްރީ ކުރިން ބުނެފައިވަނީ މިހާ ގިނަ ދުވަސް ވަންދެން ފިލްމީ ދާއިރާގައި މަސައްކަތް ކުރާއިރު ކަންދިމާވި ގޮތުން ނިއުމާއާ އެކު މަސައްކަތް ކުރުމަށް ފުރުސަތު ލިބިފައި ނުވާތީ އޭނާގެ ދަރިފުޅާ އެކު މަސައްކަތް ކުރުން ވެސް އެއީ އޭނާއަށް ލިބޭނެ ވަރަށް ބޮޑު އުފަލެއް ކަމަށް ގަބޫލޫ ކުރެވުމުން މި ރޯލު ކުޅެން ޒޯޔާ ހަމަޖެއްސީ ކަމަށެވެ.

"ލަސްވިޔަސް" ވާނީ ޓެޑްރީގެ ތިން ވަނަ ފިލްމަށެވެ. އޭނާގެ ފުރަތަމަ ފިލްމު "ދެރިޔާ" އަދި ކާމިޔާބު ފިލްމު "އަމާނާތް" ވެސް ވަނީ ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައެވެ.

comment ކޮމެންޓް