ރުޕީސްގެ އަގު ވެއްޓުނު ނަމަވެސް، އިންޑިއާގެ އިގްތިސާދު ބާރު ދުވެލީގައި ކުރިއަށް

މިއީ އިންޑިއާ ރުޕީސްގެ އަގު ފާއިތުވި ތިން އަހަރުގެ ތެރޭގައި އެންމެ ބޮޑަށް ވެއްޓުނު ފަހަރު -- ފޮޓޯ: ގެޓީ އިމޭޖަސް

އިންޑިއާ ފައިސާ، ރުޕީސްގެ އަގު ރެކޯޑް މިންވަރަކަށް ވެއްޓުނު ނަމަވެސް އެ ގައުމުގެ އިގްތިސާދު ބާރު ދުވެލީގައި ކުރިއަރަމުން އަންނަ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެ ގައުމުން ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި، އިންޑިއާގެ ޖީޑީޕީ ނުވަތަ ގައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު ވަނީ 8.2 ޕަސެންޓުގެ ކުރިއެރުމެއް ހޯދާފައެވެ. މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު އެ އަދަދު އުޅުނީ، 5.5 ޕަސެންޓުގައެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން، މިއީ ފާއިތުވި ދެ އަހަރުގެ ތެރޭގައި އިންޑިއާގެ އިގްތިސާދީ ދުވެލި އެންމެ ބާރަށް ކުރިއެރި ކުއާޓަރެވެ. އަދި މި ނަތީޖާއާއެކު، ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އިގްތިސާދުތަކުގެ ތެރޭގައި އިންޑިއާ ވަނީ ހިމެނިފައެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އިންޑިއާގެ 2.6 ޓްރިލިޔަން ޑޮލަރުގެ އިގްތިސާދު ކުރި އަރާފައިވަނީ، މީހުން ހަރަދުކުރި ވަރު އިތުރުވުމާއި އެ ގައުމުގެ އުފެއްދުންތެރިކަން ކުރިއެރުމުގެ ސަބަބުންނެވެ.

ދެން މި އޮތީ އިންޑިއާ ރުޕީސްގެ ވާހަކައެވެ؛ އިގްތިސާދީ ދުވެލި ބާރުވި އިރު ރުޕީސްގެ އަގު ވަނީ ފާއިތުވި ތިން އަހަރުގެ ތެރޭގައި ނުވެއްޓޭ ވަރަށް ދަށްވެފައެވެ.

އިންޑިއާ ރުޕީސްގެ އަގު ވެއްޓުނީ، އެމެރިކާއާއި ޗައިނާއާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. އެގޮތުން އިންޑިއާ ނޫނަސް އެހެން ގިނަ ގައުމުތަކެއްގެ ފައިސާގެ އަގުވެސް ވަނީ އޭގެ ސަބަބުން ވެއްޓިފައެވެ.

އޭގެ އިތުރުން، އިންޑިއާގެ ޓްރޭޑް ޑެފިސިޓް ބޮޑުވުމާއި، ތެލާއި ކޮމޯޑިޓީގެ އިންފްލޭޝަން ބޮޑުވަމުން ދިއުމުން، ފޮރިން އިންވެސްޓަރުން އިންޑިއާ ރުޕީސް ބޭނުންކުރުން މަދުވުމަކީވެސް އޭގެ އަގު ވެއްޓެމުގައި އިސް ރޯލެއް އަދާކުރި ސަބަބެއް ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ފުރަތަމަ ތިން މަސް ދުވަހު އިންޑިއާގެ އިގްތިސާދު ރެކޯޑް މިންވަރަކަށް ކުރި އަރާފައި ވީނަމަވެސް، އެ ކުރިއެރުން ދެން އަންނާނީ މަޑުޖެހެމުން ކަމަށް ތަޖުރިބާކަރުން ލަފާކުރެއެވެ. އެގޮތުން، ރުޕީސްގެ އަގު ވެއްޓުމުގެ އަސަރު އިގްތިސާދުން ފެނިގެން ދާނީ ދެން އަންނަ ކުއާޓަރުތަކުގެ ތަފާސްހިސާބުތަކުން ކަމަށް އެ މީހުން ބުނެއެވެ.

comment ކޮމެންޓް