މިއީ ގިނަ ބަޔަކު އުންމީދު ކުރިގޮތް ނޫންކަމަށް ވެސް ވެދާނެއެވެ. ނަމަވެސް، މިކަން މިއޮތީ ވެ ނިމިފައެވެ. ވިލާތުގައި ކުޅޭ އެންމެ މޮޅު ކުޅުންތެރިޔާ، "ޔޫއެފާ ޕްލޭޔަރ އޮފްދަ އިޔަރ"ގެ މަގާމު މިފަހަރު ލިބުނީ، ގިނަ ބަޔަކު ހައިރާން ކޮށްލުމަށް ފަހު، ރެއާލް މެޑްރިޑްގެ ކްރޮއޭޝިއަން މިޑްފީލްޑަރު ލުކާ މޮޑްރިޗަށެވެ.
ފާއިތުވެ ދިޔަ ސީޒަންގައި ކްލަބަށާއި އަދި ގައުމީ ޓީމަށް އެންމެ މޮޅަށް ކުޅެދިން ކުޅުންތެރިޔާގެ ގޮތުގައި ހޮވާ، ވިލާތުގެ އެންމެ މޮޅުކުޅުންތެރިޔާއަށް ދޭ އެވޯޑް މޮޑްރިޗަށް ލިބުނީ މިދިޔަ ބުރާސްފަތި ދުވަހު މޮނާކޯގައި ބޭއްވި ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ ގުރުނެގުމަށް ބޭއްވި ކުލަގަދަ ހަފްލާގައެވެ.
މިއީ 2012-13ގެ ސީޒަނަށް ފަހު ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިއޮނަލް މެސީ އާއި ރޮނާލްޑޯގެ އަތްދަށުން ދޫވި ފުރަތަމަ ފަހަރެވެ. ކްރިސްޓިއާނޯ ރޮނާލްޑޯއަކީ، މިހާތަނަށް މި އެވޯޑް އެންމެ ގިނަ ފަހަރު ހޯދާފައިވާ ކުޅުންތެރިޔާއެވެ. އޭނާ ވަނީ ތިންފަހަރު މި އެވޯޑް ހޯދައިފައެވެ. އަދި ޖެހިޖެހިގެން ދެފަހަރު އެވޯޑް ހޯދި ހަމަ އެކަނި ކުޅުންތެރިޔާވެސް މެއެވެ.
ރޮނާލްޑޯ މިހާރު ހުރީ އިޓަލީގެ ޔުވެންޓަސްގައެވެ. ނަމަވެސް ޔުވެންޓަސްއަށް ބަދަލުވުމުގެ ކުރީން މިދިޔަ ސީޒަންގައި ރޮނާލްޑޯ ވަނީ، ހަމަ އެކަނި ޗެމްޕިއަންސް ލީގަށް ބެލިނަމަވެސް އޭނާ ކުޅުނު 13 މެޗުން 15 ލަނޑު ޖަހައި ތަފާތު ދައްކުވައިދީފައެވެ. އެހެން ކަމުން މިފަހަރުގެ މޮޅުކުޅުންތެރިޔާގެ އެވޯޑަކީ ރޮނާލްޑޯ ވަރަށް ބޮޑަށް އުންމީދުކޮށްގެން ހުރި އެވޯޑެއްކަމަށް ވެއެވެ.
ޔޫއެފާއިން ހޮވާ ޔޫރަޕްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޮވަނީ، ޔޫރަޕުގެ 80 ކޯޗުންނާއި 55 ނޫސްވެރިންގެ ޕެނަލަކުން ވޯޓު ދީގެންނެވެ.
ކޮންމެއަކަސް ރޮނާލްޑޯ ހީކުރި ގޮތާ ޚިލާފަށް، އެންމެ ފަހުން ބޭއްވި ދުނިޔޭގެ ފުޓްބޯޅަ މުބާރާތުގެ ވެސް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މޮޑްރިޗަށް އެވޯޑް ލިބުނީ، ރޮނާލްޑޯ އަށްވުރެ 90 ވޯޓް އިތުރަށް ލިބިގެންނެވެ. ރޮނާލްޑޯއަށް ލިބިފައި ވަނީ، 223 ވޯޓެވެ. އެއާއެކު ރޮނާލްޑޯވެސް އަދި އޭނާގެ އޭޖެންޓްވެސް ވަނީ ވަރަށް ބޮޑަށް ރުޅި ގަދަވެފައެވެ.
ހިތްހެޔޮ މިޒާޖެއްގެ ވެރި މޮޑްރިޗަށް މިފަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއި އެންމެ މޮޅު މިޑްފީލްޑަރުގެ އެވޯޑް ލިބުމުން ގިނަ ބަޔަކު ވަނީ އޭނާއަށް މަރުހަބާ ކިޔައިފައެވެ. އަދި މޮޑްރިޗަށް އެވޯޑް ހައްގު ކަމަށްވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ނަމަވެސް ރޮނާލްޑޯއާ މެދު ކަންތައްވީ ރަނގަޅަށް ނޫންކަމަށް ބުނާ މީހުންވެސް މަދެއް ނޫނެވެ.
ރޮނާލްޑޯއަށް ވަނީ، އެންމެ މޮޅު ފޯވާޑްގެ މަގާމު ލިބިފައެވެ. ނަމަވެސް މިފަހަރުގެ އެވޯޑް ހަފްލާއަށް އޭނާ ހާޒިރެއްވެސް ނުވެއެވެ. ފަހަރެއްގައި އެއީ، މޮޑްރިޗަށް މަރުހަބާ ކިޔަން ޖެހިދާނެތީ ކަމަށްވެސް ވެދާނެއެވެ.
އެވޯޑް ނުލިބުމުން ރޮނާލްޑޯ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފައި ވާއިރު، އޭނާގެ އޭޖެންޓް ޖޯރޖް މެންޑޭސް ބުނެފައި ވަނީ، ރޮނާލްޑޯއަށް އެވޯޑް ނުދިނުމަކީ އެކަން ކުރިބަޔަކު ލަދުވެތިވާން ޖެހޭ ކަމެއް ކަމަށެވެ. އަދި އެއީ ވަރަަށް ދަށު ދަރަޖައިގެން އަމަލެއް ކަމަށެވެ.
ރޮނާލްޑޯގެ ދައްތަ، ކެޓިއާ އަވޭރިއޯވެސް ވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.
މޮޅުކުޅުންތެރިޔާގެ އެވޯޑް ނުލިބުމުން ރޮނާލްޑޯ ހުރީ ވަރަށް ހިތްހަމަ ނުޖެހިފައި ކަމަށާއި އަދި ރުޅިގަދަވެފައިކަމަށް ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އަލެގްރީވެސް ވަނީ ބުނެފައެވެ.
"ބުރާސްފަތި ދުވަހު އޭނާ ރުޅިއައި ސަބަބަކީ، އޭނާ ވަނީ މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައި، އަދި 15 ލަނޑު ކާމިޔާބުކުރި. މިއިން އެނގެނީ އަބަދުވެސް ރޮނާލްޑޯ ބޭނުންވާކަން އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ހުންނަން،" ރޮނާލްޑޯގެ އާ ކޯޗު ބުންޏެވެ.
އެވޯޑާ ގުޅިގެން ރޮނާލްޑޯ ކަންތައްކުރި ގޮތުން، ކްރޮއޭޝިއާގެ ކޯޗު ޒްލަކޯ ޑެލިޗް ވަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ. ޑެލިޗް ބުނީ، ރޮނާލްޑޯއަކީ އަބަދުވެސް ވަރަށް އަމިއްލަ އެދުން ބޮޑު ކުޅުންތެރިއެއް ކަމަށާއި އޭނާގެ ޓީމެއްގައި ރޮނާލްޑޯ ބަހައްޓަންވެސް ބޭނުން ނުވާ ކަމަށެވެ.
ރޮނާލްޑޯއަކީ އޭނާ ކުޅޭ ޓީމު ބަލިވިޔަސް އޭނާއަށް ލަނޑު ޖެހޭނަމަ އެކަމާ ފަޚުރުވެރިވާ ކުޅުންތެރިއެއް ކަމަށްވެސް ޑަލިޗް ބުންޏެވެ.
މިފަހަރުގެ މޮޅު ކުޅުންތެރިޔާގެ އިތުރުން، އެންމެ މޮޅު ޑިފެންޑަރާއި އެންމެ މޮޅު ގޯލް ކީޕަރުގެ މަގާމުވެސް ލިބުނީ، ރެއާލްގެ ކުޅުންތެރީންނަށެވެ. އެގޮތުން އެންމެ މޮޅު ޑިފެންޑަރަކަށް ހޮވުނީ، ސާޖިއޯ ރާމޯސްއެވެ. އަދި އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ، ރެއާލްގެ ކޮސްޓަ ރީކާ ގޯލްކީޕަރު ކޭލާ ނާވަސްއެވެ.