ސޫރިޔާގެ ހަނގުރާމަވެރިންގެ މައިމަރުކަޒު ކަމަށްވާ އިދްލިބް، ސަރުކާރުގެ ބާރުގެ ދަށަށް ގެންނަނީ

ސޫރިޔާގެ ޚާރިޖީ ވަޒީރު ވަލީދުލްމުއައްލިމް

ދިމިޝްގު (ސެޕްޓެމްބަރު 2): ސުލްހަ ވެރިގޮތުގައި އިދްލިބް މިނިވަން ނުކުރެވިއްޖެނަމަ ހަނގުރާމަކޮށްގެންވެސް އެސަރަހައްދު ސޫރިޔާ ސަރުކާރުގެ ބާރުގެ ދަށަށް ގެންނާނެ ކަމަށް އެގައުމުގެ ޚާރިޖީ ވަޒީރު ވަލީދުލްމުއައްލިމް ވިދާޅުވެއްޖެއެވެ.

ރަޝިޔާ ޓުޑޭ (އާރުޓީ) ނެޓްވާކަށް ދެއްވި ބަސްދީގަތުމެއްގައި ވަލީދުލްމުއައްލިމް ވިދާޅުވީ ބޭރުގައުމުތަކުގެ މަދަދުލިބޭ ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކުގެ ކޮންޓްރޯލްގެ ދަށުގައިވާ އިދްލިބް ޕްރޮވިންސް މިނިވަންކުރަން ސޫރިޔާ ސަރުކާރުން މަސައްކަތްކުރަނީ ސުލްޙަވެރިގޮތުގައި ކަމަށާއި މިގޮތުން ބޭރުގައުމު ތަކުގެ ހަނގުރާމަވެރިން އަސީރުންގެ ގޮތުގައި ހައްޔަރުކުރުމަށްފަހު އެމީހުންގެ ގައުމުތަކަށް ފޮނުވާލުމަށާ ސޫރިޔާގެ ހަނގުރާމަވެރިން އަމާންދިނުމުން އެމީހުން ރިހެބިލިޓޭޓްކޮށް އަނބުރައި މުޖްތަމައަށް ގެނައުމުގެ ހުށަހެޅުމެއް ހުށަހަޅާފައިވާނެކަމަށް މުއައްލިމް ވިދާޅުވިއެވެ. ނަމަވެސް އިދްލިބް މިނިވަން ކުރުމުގެ ހަނގުރާމަ ފަށާނެ ތާރީޚެއް މުއައްލިމް ހާމަކުރައްވާފައެއް ނުވެއެވެ.

ސޫރިޔާގެ ސަރުކާރު ވައްޓާލަން މަސައްކަތްކުރާ 500 އަށްވުރެ ގިނަ ޖަމާއަތްތަކުގެ މައްޗަށް ސޫރިޔާގެ ތިން ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި ސަރުކާރު ސިފައިން ނަސްރު ހޯދާފައިވާއިރު ހަނގުރާމަވެރިންގެ އަތްދަށުގައި މިހާރު އޮތީ އިދްލިބާއި އިފްރީން އެވެ. އަދި ކުރިދީންގެ އަތްދަށުގައި އެމީހުންގެ ސަރަހައްދެވެ. މީގެތެރެއިން އިދްލިބްގައި ގިނައީ ކުރީގެ ޖަބްހަތުއްނުސްރާ މިހާރު ޖަބްހަތު ތަހްރީރް އައްޝާމް ޖަމާއަތުގެ ހަނގުރާމަވެރިންނެވެ. މިއީ އައިއެސް އާ ދުޝްމަން އެހެންނަމަވެސް އައިއެސް ގެ ފިކުރުގެ ޓެރަރިސްޓް ޖަމާއަތެކެވެ.

މިޖަމާއަތަށް މިހާތަނަށް ތާއީދުކޮށް މަދަދުދެމުން ގެންދިޔަ ތުރުކީންވަނީ އެޖަމާއަތަށް ކުރަމުންގެންދިޔަ ތާއީދު ކުއްލި ގޮތަކަށް ނިމުމަކަށް ގެނަސް އެއީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ނިންމައި ތުރުކީގެ ސަރުކާރުގެ ގެޒެޓްގައި އެކަން އިއްލާންކޮށްފައެވެ. ތުރުކީން މިކަންކުރީ ރަޝިޔާއެކު ޑީލެއް ހެދުމަށްފަހުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެހެންކަމުން އިދްލިބް މިނިވަންކުރުމުގެ މަސައްކަތަށް ތުރުކީ ހަދާ ދެކޮޅު ހެދުންތައް މިހާރުވަނީ ނިމުމަކަށް އައިސްފައެވެ. ނަމަވެސް އެމެރިކާއިންވަނީ ސޫރިޔާ ސަރުކާރުގެ ބާރުގެ ދަށަށް އިދްލިބް ގެންނަން މަސައްކަތްކޮށްފިނަމަ ލޭއޮހޮރުވުންބޮޑު ހަނގުރާމައެއް ހިނގާނެކަމަށާ މިކަމަށް ރިއާޔަތްނުކޮށް އެސަރަހައްދު ހިފަން މަސައްކަތް ނުކުރުމަށް ސޫރިޔާ ސަރުކާރަށް އިންޒާރުކޮށްފައެވެ.

އިދްލިބް މިނިވަންކުރުމަށް ސޫރިޔާ ސިފައިން ފަށަން ތައްޔާރުވާ ހަނގުރާމައިގެ ފަހަތުގައިވަނީ ރަޝިޔާ ކަމުން މިހަނގުރާމައިގެ ތެރެއަށް އެމެރިކާ ނުވަންނާނެ ކަމަށް އަސްކަރީ ފަރާތްތަކުން ދެކެއެވެ. އިދްލިބް މިނިވަންކުރުމަށް ސޫރިޔާ ސިފައިން ފަށާ އަސްކަރީ އޮޕަރޭޝަނަށް ބޭނުންވާ ވައިގެ އެހީތެރިކަމާއި ލޮޖިސްޓިކް ހުރިހާ ސަޕޯޓެއް ފޯރުކޮށްދޭނެ ކަމަށް ބެލެވެނީ ރަޝިޔާއާއި އީރާނުންނެވެ. މިކަމަށް ބޭނުންވާ ރަޝިޔާގެ އަސްކަރީ މަނަވަރުތައް މެޑިޓަރޭނިޔަން ކަނޑު ހުރަސްކޮށް ސޫރިޔާގެ ހުޅަނގު އުތުރުގެ އައްސޭރިފަށަށް ވަނީ ޖަމާވެފައެވެ.

ސޫރިޔާގެ ސޫރިޔާއަށް ކަނޑައަޅާފައިވާ އދ. ގެ މަންދޫބު ސްޓެފަން ޑިމިސްޓޫރާވަނީ އިދްލިބް މިނިވަން ކުރުމުގެ ހަނގުރާމަ ފެށުމުގެ ކުރިން އެސަރަހައްދުގައި ތިބި އާންމުން އަމާންކަމާއެކު ނެރެވޭނެ މަގެއް ގާއިމް ކުރުމަށް ގޮވާލައްވާފައެވެ. މިކަމާބެހޭގޮތުން ސޫރިޔާގެ މަސްއޫލުވެރިންނާ މަޝްވަރާކުރެއްވުމަށް ޑިމިސްޓޫރާ މިހަފްތާގައި ސޫރިޔާއަށް ވަޑައިގަންނަވާނެއެވެ.

ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުވަނީ ސޫރިޔާގެ އެހެން ސަރަހައްދުތައް އިދިކޮޅު ހަނގުރާމަވެރިންގެ އަތްދަށުން މިނިވަންކުރި ގޮތަށް އިދްލިބް ވެސް މިނިވަންކުރާނެކަމަށް ވިދާޅުވެފައެވެ. އިދިކޮޅު ހަނގުރާމަވެރިންނާ ދެކޮޅަށް ސޫރިޔާ ސިފައިން ފެށި އަސްކަރީ ހުރިހާ އޮޕަރޭޝަންތަކެއް މިހާތަނަށް ކާމިޔާބުކޮށްފައިވާއިރު އިދްލިބް މިނިވަންކުރުގެ އޮޕަރޭޝަނަކީވެސް ސޫރިޔާ ސިފައިން ކާމިޔާބު ކުރާނެ އޮޕަރޭޝަނެއް ކަމަށް ބޭރު ގައުމުތަކުގެ މަދަދު ލިބޭ ސޫރިޔާގެ އިދިކޮޅު ލީޑަރުންވެސް ގަބޫލުކުރައްވައެވެ.

އިދްލިބް މިނިވަންކޮށްފިނަމަ ބޭރުގެ މަދަލުލިބޭ ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކުގެ ވުޖޫދު ސޫރިޔާއިން ނެތިގެންދާނެކަމުގެ އިޙްސާސް ޚުދު އެފަރާތްތަކުން ކުރެއެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް