ޗެލްސީއާއެކު ޔޫރޮޕާ ލީގު ހޯދުމަކީ ސާރީގެ އަމާޒެއް!

ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ-- ފޮޓޯ: އޭޕީ

އިނގިރޭސި ކްލަބް ޗެލްސީއާއެކު މި ސީޒަންގެ ޔޫރޮޕާ ލީގު ހޯދުމަކީ، އެ ކްލަބުގެ އާ ކޯޗު މައުރީޒިއޯ ސާރީގެ އަމާޒެއް ކަމަށް އޭނާ ބުނެފިއެވެ.

ސާރީ ބުނީ، ޗެލްސީއާއެކު ވިލާތުގެ އެންމެ ބޮޑު އެއް މުބާރާތުގައި އޭނާއަށް ކާމިޔާބީއާ ހަމައަށް ދެވޭނޭ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށާއި ނަމަވެސް އޭގެ ކުރީން އޭނާ ފުރަތަމަ ވިސްނާނީ ޓީމުގެ ކެޕްޓަން ބޭންޑު އަޅާނެ ކުޅުންތެރިއަކާ މެދު ކަމަށެވެ.

ޗެލްސީގެ ކޯޗު ކަމާ ސަރީ ހަވާލުވި ފަހުން އަދި އޭނާ ކެޕްޓަނެއް އިޚްތިޔާރެއް ނުކުރެއެވެ. އޭނާގެ ކުރިން ޗެލްސީގެ ކޯޗުކަމުގައި ހުރި އެންޓޯނިއޯ ކޮންޓޭ، ކެޕްޓަން ބޭންޑު ހަވާލުކޮށްފައި ވަނީ، ގެރީ ކޭހިލްއާއެވެ. ނަމަވެސް ސާރީ ގަބޫލުކުރާ ގޮތުގައި ކެޕްޓަން ބޭންޑު އެހެން ކުޅުންތެރިއަކަށް ދިއުމުގެ ފުރުސަތުވެސް އޮތުމަކީ މައްސަލައެއް ނޫނެވެ.

ސާރީ މިހާތަނަށް ވަކި ކުޅުންތެރިއެއްގެ ނަން ހާމަކޮށްފައި ނުވި ނަމަވެސް، ކޭހިލްއާއެކު، ޗެލްސީގެ ކެޕްޓަން ބޭންޑަށް ވާދަކުރާ ކުޅުންތެރީންގެ ތެރޭގައި، ސެޒާ އަޒްޕިލިކުއެޓާ، ޑޭވިޑް ލުއިސް، އަދި އެޑެން ހަޒާޑް ހިމެނެއެވެ.

އަޒްޕިލިކުއެޓާއަކީ މިވަގުތު ޓީމުގެ ވައިސް ކެޕްޓަނެވެ. އަދި ޗެލްސީގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ހުރި ހަޒާޑަކީ ބެލްޖިއަމް ޓީމުގެ ކެޕްޓަނެވެ.

"އަދި އަހަރެން ވަކި ގޮތެއް ނުނިންމަން. އެކަނަކު އިންޓަނޭޝަނަލް ބްރޭކްގައި ވަކި ގޮތެއް ނިންމަން އަހަރެން ބޭނުން،" ރިޕޯޓަރުންނާ ވާހަކަދައްކަމުން ސާރީ ބުންޏެވެ.

"އަހަންނަށް ވާނޭ ނަމަ މި ކްލަބާއެކު ހުރިހާ މުބާރާތެއް ކާމިޔާބުކުރަން އަހަރެން ބޭނުން.

"ޔޫރަޕްގައި ކުޅުމަކީ އަހަންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އަދި ޔޫރޮޕާ ލީގުގައި ކުޅުމަކީ، އަހަންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް."

އިންޓަނޭޝަނަލް ބްރޭކަށް ދިއުމުގެ ކުރީން، ޕްރިމިއަރ ލީގުގައި ޗެލްސީން އަމިއްލަ ދަނޑުގައި މެޗެއް ކުޅޭނެއެވެ. އެ މެޗުގައި ބައްދަލުކުރާނީ ބޯންމަތުއާއެވެ.

މީގެ ކުރީން 2012-13 ސީޒަންގެ ޔޫރޮޕާ ލީގު ކާމިޔާބުކުރި ޗެލްސީ މިފަހަރު ވާދަކުރާނީ މުބާރާތުގެ ގްރޫޕް އެލްގައެވެ. އެ ގްރޫޕްގައި ޗެލްސީގެ އިތުރުން ހިމެނެނީ، ގްރީކްގެ ޕާއޮކް އެފްސީއާއި، ބެލަރޫސްގެ އެފްސީ ބާޓޭ ބޮރިސޯފްއާއި ހަންގޭރީގެ ވިޑީ އެފްސީއެވެ.

ޔޫރޮޕާ ލީގުގެ މެޗުތައް ކުޅޭނީ، 20 ސެޕްޓެމްބަރު، 4 އޮކްޓޫބަރު، 25 އޮކްޓޫބަރު، 8 ނޮވެމްބަރު، 29 ނޮވެމްބަރު އަދި 13 ޑިސެމްބަރުގައެވެ.

comment ކޮމެންޓް