ބުރިޖުގައި ބޭއްވި ބައިސްކަލްބުރަށް ހޫނު ތަރުހީބެއް!

ބުރިޖުގައި މިއަދު ބޭއްވި ބައިކް މޯލްޑިވްސްގެ އިވެންޓުގެ ތެރެއިން-- ފޮޓޯ: ބައިކް މޯލްޑިވްސް

ސިނަމާލެ ބުރިޖުގައި މިއަދު ބައިކް މޯލްޑިވްސްއިން ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

މިއަދު ހެނދުނު ހަޔަކުން ނުވަޔަކަށް ބުރިޖުގައި ބޭއްވި ބައިކް މޯލްޑިވްސްގެ އިވެންޓާބެެހޭ ގޮތުން މައުލޫމާތު ދެއްވަމުން އެ ޖަމިއްޔާގެ ސީއީއޯ އަހުމަދު ހަސަން ދީދީ ވިދާޅުވީ މިއަދުގެ އިވެންޓުގައި 700 އެއްހާ މީހުން ބައިވެރިވި ކަމަށެވެ.

" އިވެންޓް ބޭއްވުމުގެ ކުރިން އަޅުގަނޑުމެން ސޯޝަލް މީޑިއާގައި އިވެންޓް ޕްރޮމޯޓް ކުރިން. ދެން އިވެންޓަށް އައި އަމިއްލަ ބޭފުޅުން ބައިސްކަލް ހޯދައިގެންވެސް،" ހަސަން ދީދީ ވިދާޅުވިއެވެ.

ބުރިޖުގައި މިއަދު ބޭއްވި ބައިކް މޯލްޑިވްސްގެ އިވެންޓުގެ ތެރެއިން-- ފޮޓޯ: ބައިކް މޯލްޑިވްސް

އަހްމަދު ހަސަން ދީދީ ވިދާޅުވީ، އެ އިވެންޓުގައި ޕްރޮފެޝަނަލްކޮށް ބައިކް ދުއްވާ ރާއްޖޭގެ ފަރާތްތަކުން ވެސް ބައިސްކަލް ދުއްވައިފައިވާ ކަމަށެވެ.

އެ ހަރަކާތުގައި ބައިވެރިވި ފަރާތްތަކަށް ސުވެނިއާ ބެޖެއްވެސް ބައިކް މޯލްޑިވްސްއިން ވަނީ ދީފައެވެ.

ބުރިޖު އާންމުކޮށް ދަތުރުތަކަށް ހުޅުވާލާނީ އަންނަ ހުކުރު ދުވަހު އެވެ. ނަމަވެސް އޭގެ ކުރިން އެ ތަނުގައި ތަފާތު ހަރަކާތްތައް ބާއްވާގޮތަށް ހައުސިން މިނިސްޓްރީން ވަނީ ހަމަޖައްސައިފައެވެ.

ބުރިޖުގައި މިއަދު ބޭއްވި ބައިކް މޯލްޑިވްސްގެ އިވެންޓުގެ ތެރެއިން-- ފޮޓޯ: ބައިކް މޯލްޑިވްސް

އެގޮތުން އާންމުންނަށް ބުރިޖުމަތީ ހިނގާލުމުގެ ފުރުސަތު މިއަދު ހަވީރާއި މިރޭ ވަނީ ހުޅުވާލައިފައެވެ.

މާދަމާ ގައުމީ ޔުނިވާސިޓީގެ ގްރެޖުއޭޝަން ވެސް ބުރިޖުގައި ބާއްވާ ގޮތަށް ވަނީ ހަމަޖައްސައިފައެވެ. އޭގެ އިތުރުން އެމްއެންޑީއެފްއާއި ސްކޫލުތަކުގެ ޕެރޭޑަކާއި އަދި ޑްރިލް ޝޯއެއް ވެސް މާދަމާ އޮންނާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

އިއްޔެ ހަވީރު ބުރިޖު މަތީގައި ފަސް ކައިވެންޏެއް ވަނީ ކޮށްފައެވެ. ބުރިޖުގައި ކައިވެނި ކުރި ހުރިހާ މީހުންގެ ވެސް މިއީ އަލަތު ކައިވެންޏެވެ. އަދި އިއްޔެ ހަވީރު ހައެއް ޖަހަންދެން އެކަމުގެ ހަފްލާތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

comment ކޮމެންޓް