ހިތަދޫ އާރިކިޅި ހުރަސްކުރަން ބުރިޖެއް އަޅަނީ

އައްޑޫ ސިޓީ ހިތަދޫ އާރިކިޅި ސަރަހައްދު---

އައްޑޫ ސިޓީގެ ހިތަދޫ އަވަށު އާރިކިޅި ހުރަސްކުރުމަށް ބުރިޖެއް އަޅަން ނިންމައިފިއެވެ.

އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފް ސަންއަށް ވިދާޅުވީ ބުރިޖު އަޅާނީ އާރިކިޅިގައި ފެންބޮޑުވުމުން ފެން ހިންދުމަށް ކަނޑާފައިވާ މަގުގައި ކަމަށެވެ. އެ މަގުގެ ދެފަރާތުގައި ވެސް މީހުން އުޅޭ ކަމަށާއި ހުރަސްކުރުމަށް ރަނގަޅު ފެންވަރެއްގެ މަގެއް ނެތުމުން ރައްޔިތުންނަށް ދަތިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ފުޅާމިނުގައި 10 ފޫޓު ވަރު ހުންނާނެ. މިހާރުވެސް މީހުން އަމިއްލައަށް ހަތަރު ސަރަހައްދެއްގައި މަގު ހަދައިގެން ބޭނުންކުރޭ. އަޅުގަނޑުމެން މި މަސައްކަތްކުރަނީ ދުއްވާ އެއްޗެހި ވެސް ދުއްވޭނެހެން ރަނގަޅު ފެންވަރެއްގައި ބުރިޖެއް އަޅަން،" ޔަސްރިފް ވިދާޅުވިއެވެ.

އައްޑޫ ސިޓީ ކައުންސިލް އިދާރާއިން ކުރި އިއުލާނެއްގައި ބުރިޖު އެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށްއެދި ބިޑް ހުށައެޅުމަށް އެ ކައުންސިލް އިދާރާއިން އެދެއެވެ.

ބިޑް ވިއްކުން މިހާރު ކުރިއަށްދާއިރު އެކަމަށް އޮތް އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ ހައެއްވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00އެވެ. ބިޑް ވިއްކަމުންދާނީ އައްޑޫސިޓީ ކައުންސިލްގެ އިދާރާއި ކަމަށް ވެސް އެ އިދާރާއިން ކުރި އިއުލާންގައި ބުނެފައިވެއެވެ.

އެ އިއުލާނުގައި ބުނީ ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ އަންނަ މަހުގެ 10 ވާ ހޯމަ ދުވަހުގެ 11:00ގައި ކައުންސިލްގެ އިދާރާގެ ހޯލްގައި ކަމަށެވެ.

comment ކޮމެންޓް