ބަހުސް ކުރަން ވަޑައިގަންނަވާ، ވައްކަން ކުރީ ކޮން ބައެއްކަން ދައްކާނަން: ފަލާހު

އިނގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު-- ސަން ފޮޓޯ: ފަޔާޒް މޫސާ

އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ބަަހުސް ކުރަން ވަޑައިގެންފި ނަމަ ދިވެހި ދައުލަތުން ވައްކަން ކުރީ ކޮން ބައެއްކަން ދައްކަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ނ. ވެލިދޫގެ ފެނާއި ނަރުދަމާގެ މަސައްކަތާއި އެ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފަލާހު ވިދާޅުވީ، ރައީސް ޔާމިން ހުންނެވީ އިބޫއާ ބަހުސް ކުރައްވާ ހިތުން ކަމަށެވެ. ނަމަވެސް އިބޫއަށް "ހުން" ޖެހިވަޑައިގަތީ ކަމަށް ފަލާހު ވިދާޅުވި އެވެ.

"އެއް އިރެއްގައި ވިދާޅުވީ ތިމަންނަ މިހިރީ ތައްޔާރަށޭ ރައީސް ޔާމީނާ ބަހުސް ކުރައްވަން. ބަލަ ދެތިން ދުވަހެއް ނުވޭ، ބޮޑެތި ނޫސްތަކުގެ ފަލަ ސުރުހީގައި މިއޮތީ އިބޫ ހުން އައިސްސިއޭ. އިބޫ ބުނެފިޔޭ ޕެނަޑޯލަކަށް ނުގުޑާނަމޭ ނުދާނަމޭ ބަހުސަކަށް،" ފަލާހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބަހުސަކަށް ވަޑައިގެންފި ނަމަ ވައްކަން ކުރެއްވީ ކޮން ސަރުކާރެއްގައި، ކޮން ވެރިންކަމާއި ވަޒީރުންކަމާއި ކޮން ކުންފިނިތަކުގެ މެނޭޖިން ޑިރެކްޓަރުންކަން އިދިކޮޅަށް ދައްކާނެ ކަމަށެވެ.

"އެމްޑީޕީ ބޭފުޅުން އަޅުގަނޑުމެންނާ ހިސާބަށް އާދޭ ބަހުސް ކުރަން، އަޅުގަނޑުމެން ދައްކާނަން ވައްކަން ކުރީ ކޮން ބައެއްކަން،" ފަލާހު ވިދާޅުވި އެވެ.

އެމްޑީޕީގެ ސަރުކާރަށް ފާޑު ވިދާޅުވަމުން ފަލާހު ވިދާޅުވީ އެ ސަރުކާރުގައި ބެޖެޓުތަކަށް ޖުމްލަ 50 ބިލިއަން ރުފިޔާ ފާސްކޮށްގެން އެއްވެސް ތަރައްގީގެ މަޝްރޫއެއް ނުހިންގާ ކަމަށެވެ. އަދި އެ ސަރުކާރުގައި އެތައް ފަޅު ރަށެއް ގާނޫނާ ހިލާފަށް ބަހާފައިވާ ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

"ވައްކަން ކުރެވިފަތާ ހުންނާނީ، 2009، 2010، 2011، 2012 މި ހުރިހާ އަހަރުތަކުގައި ރާއްޖޭގެ ބަޖެޓުގައި 50 ބިލިއަން ރުފިޔާ ފާސްކޮށްގެން، ރާއްޖޭގެ އެއްވެސް ރަށެއްގައި ތަރައްގީގެ އެއްވެސް މަސައްކަތެއް ނުކޮށް، އެ 50 ބިލިއަން ރުފިޔާ ހުންނާނީ ކެއި އިރުގައި ކެވިފަތާ،" ފަލާހު ވިދާޅުވި އެވެ.

އަދި ދައުލަތުގެ އެތައް ވެހިކަލާއި އިމާރާތްތަކަށް އެ ސަރުކާރުގައި ގެއްލުން ދިނުމުގެ ސަބަބުން 200 މިލިއަން ރުފިޔާގެ ގެއްލުން ދައުލަތަށް ލިބިގެން ދިޔަ ކަމަށް ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި އޭނާ ނިސްބަތްވާ ރ. އަތޮޅުގައި އެމްޑީޕީ ސަރުކާރުން އެއްވެސް މަޝްރޫއެއް ހިންގާފައި ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ އޭރު ރ. އަތޮޅުގައި އޮތީ އެންމެ ރިސޯޓެއް ކަމަށެވެ. ނަމަވެސް، 15 އަހަރު ވަންދެން ރ. އަތޮޅުގައި އެންމެ ރިސޯޓެއް އޮތުމަށް ފަހު ރައީސް ޔާމީންގެ ހަތަރު އަހަރުގައި އެ އަތޮޅުގައި 15 ރިސޯޓު ގާއިމްކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ އަތޮޅުގައި މިހާރު ދެވަނަ ރިސޯޓެއްވެސް ގާއިމް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

comment ކޮމެންޓް