ލީގުގައި ރެފްރީކަން ކުރެވޭ ވަރަށް ސްކޫލު ކުދިން ތަމްްރީނު ކުރަނީ

ރެފްރީސް ޑިވޮލޮޕްމެންޓް ކޯޕަރޭޓިވް ސޮސައިޓީ އޮފް މޯލްޑިވްސް (އާރްޑީސީއެސް) އިން ތަމްރީނު ކުރާ ކުދިން މެެެޗެއް އޮފިޝިއޭޓް ކުރަނީ-- ފޮޓޯ: ރެފްރީސް އެސޯސިއޭޝަން

އޯލެވެލް ނިންމާލުމަށް ފަހު ރާއްޖޭގެ އެއްވަނަ ޑިވިޝަނުގައި ރެފްރީކަން ކުރެވޭ ފެންވަރަށް ކުދިން ތަމްރީނުކުރާ ކޯހުގެ ދެވަނަ ބެޗަށް ކުރިމަތިލުމަށް ރެފްރީސް ޑިވޮލޮޕްމެންޓް ކޯޕަރޭޓިވް ސޮސައިޓީ އޮފް މޯލްޑިވްސް (އާރްޑީސީއެސް)އިން ހުޅުވާލައިފިއެވެ.

އާރްޑީސީއެސްއިން މީގެ ކުރިން ވަނީ އެ ކޯހުގެ ފުރަތަމަ ބެޗަށް 30 ކުދިން ނަގާފައެވެ. އެ ކުދިންނަށް މިހާރު ތަމްރީނު ދެމުން އަންނަ އިރު ކޯހުގެ ދެވަނަ ބެޗުގެ 30 ކުދިން ނެގުމަށް މިހާރު ވަނީ ހުޅުވާލައިފައެވެ.

އެ ސޮސައިޓީއިން ގްރޭޑު އަށެއް އަދި ނުވައެއްގެ ދަރިވަރުންނަށް އަމާޒުކޮށްގެން ފަށާފައިވާ މި ޕްރޮގްރާމުގެ މައިގަނޑު އަމާޒަކީ ސްކޫލު ފެންވަރުގައި ބާއްވާ މުބާރާތްތަކުގައި ސްކޫލު ކުދިންނަށް ރެފްރީކަން ކުރެވޭ ފެންވަރަށް ކުދިން ތަމްރީނު ކުރުމެވެ. އެގޮތުން ކޮންމެ ސްކޫލެއްގައި މަދުވެގެން ފަސް ރެފްރީއިން ހުންނަ ވަރަށް ކުދިން ތަމްރީނު ކުރަން އެ ސޮސައިޓީއިން ވަނީ އަމާޒު ހިފާފައެވެ.

އާރްޑީސީއެސްއިން ބުނީ އެންމެ ފުރަތަމަ، ސްކޫލު ފެންވަރުގެ މުބާރާތްތަކުގައި ރެފްރީކަން ކުރެވޭ ވަރަށް ކުދިން ތަމްރީނުކުރި ނަަމަވެސް، ތިން އަހަރު ފަހުން އެ ކޯސް ނިމޭ އިރު އެ ކުދިން ތިބޭނީ ދިވެހި ޕްރިމިއާ ލީގުގައި ރެފްރީކަން ކުރެވޭ ފެންވަރަށް ތަމްރީނުވެފައި ކަމަށެވެ. ޕްރޮގްރާމުގެ ސެޝަންތައް ކުރިއަށް ދާނީ ހަފްތާއަކު ދެ ފަހަރުއެވެ.

ތިން އަހަރު ދުވަހުގެ އެ ޕްރޮގްރާމް ކުރިއަށް ގެންދަނީ ފަސް މޮޑިއުލަކަށް ބަހާލައިގެންނެވެ. އެ މޮޑިއުލްތަކުން ފުޓުބޯޅައިގެ ގަވާއިދުތަކާއި، މެޗު ކޮންޓްރޯލުކުރުމުގެ ހުނަރުތަކާއި، ރެފްރީން ބޭނުންކުރާ ސިގްނަލްތައް ފަދަ މައުލޫމާތު ލިބިގެންދާނެއެވެ.

ޕްރޮގުރާމުގައި ބައިވެރިވާ ކުދިންނަށް ސްކޫލު ލެވެލްގެ ފަސް މެޗުގައި ރެފްރީކަން ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެ ފަސް މެޗުގެ ތެރެއިން ދެ މެޗުގައި އެ ކުދިންގެ ފެންވަރު އަންދާޒާކުރުމަށް އިންސްޓްރަކްޓަރަކު ހުންނާނެއެވެ.

ޕްރޮގްރާމް ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި ކުދިންނަށް ސްކޫލު ފެންވަރުގެ މުބާރާތްތަކުގައި ރެފްރީކަން ކުރެވޭނެކަމަށް އާރްޑީސީއެސްއިން ބުނެއެވެ. އެ ކޯހުގައި ކުދިންނަށް ތަމްރީނު ދޭނީ ރާއްޖޭގައި ރެފްރީކަން ކުރުމުގެ ތަޖުރިބާ ލިބިފައިވާ، އެ ދާއިރާގެ އިސް ބޭފުޅުންނެވެ.

ޕްރޮގްރާމުން ތަމްރީނު ހާސިލުކުރަމުންދާ ކުދިން މިހާރުވެސް ދަނީ ސްކޫލު ފެންވަރުގެ މުބާރާތްތަކުގައި ރެފްރީކަން ކުރަމުންނެވެ. އެގޮތުން އިމާދުއްދީން ސްކޫލުގެ އިންޓަ ކްލާސް މުބާރާތުގައި ވެސް ރެފްރީކަން ކުރީ އެ ކުދިންނެވެ.

އެ ކޯހުގެ ދެވަނަ ބެޗަށް ކުރިމަތިލުމުގެ ސުންގަޑި އަކީ އަންނަ މަހުގެ ފަސް ވަނަ ދުވަހެވެ. ކޯހުގެ ފީއެއްގެ ގޮތުގައި މަހަކު ދައްކަން ޖެހެނީ 250 ރުފިޔާއެވެ. އެ ކޯހަށް ކުރިމަތިލާން ބޭނުންވާ ނަމަ [email protected] އަށް އީމެއިލް ކުރައްވައިގެން ނުވަތަ 7788024 އަށް ގުޅުއްވައި ކުރިއަށް ގެންދެވޭނެއެވެ.

comment ކޮމެންޓް