ރެފްރީ ސަޢީދު: ވޯލްޑް ކަޕުގެ ފުރަތަމަ ދިވެހި ޝަޚްޞިއްޔަތު

ސަން ވޯލްޑް ކަޕް ފޯރި އަށް ރެފްރީ ސައީދު ދެއްވި ހާއްސަ އިންޓަވިއުގެ ތެރެއިން- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ދިވެހި ފުޓުބޯޅައިގެ ތާރީޚުން ފާހަގަކޮށްލެވޭ ޚާއްޞަ ނަންތަކުގެ ތެރެއިން އެއް ނަމަކީ މުޙައްމަދު ސަޢީދުގެ ނަމެވެ.

ގދ. ތިނަދުއަށް އުފަން ސަޢީދަކީ ރާއްޖޭގެ އެންމެ މޮޅު ރެފްރީން އަދި އެސިސްޓެންޓް ރެފްރީންގެ ތެރެއިން ރެފްރީއެކެވެ. ދިވެހި އެއްވެސް ރެފްރީއަކަށް އަދި އެސިސްޓެންޓް ރެފްރީއަކަށް ލިބިފައިނުވާ ޝަރަފެއް އޭނާ ވަނީ ހޯދާފައެވެ. އެއީ ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި މުބާރާތް، ފީފާ ވޯލްޑް ކަޕް މުބާރާތެއްގެ އެސިސްޓެންޓް ރެފްރީކަން ކުރުމުގެ ޝަރަފެވެ.

2002 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ހަތަރު މެޗެއްގައި އޭނާ ރޮނގު ބެލެހެއްޓިއެވެ. އާދައިގެ މެޗުތަކެއްގައެއް ނޫނެވެ. މުބާރާތުގެ ފުރަތަމަ ބުރުގައި ގްރޫޕް އެފްގައި އާޖެންޓީނާ އާއި އިންގްލެންޑް ބައްދަލުކުރި ވަރުގަދަ މެޗާއި، ދެވަނަ ބުރުގައި ބްރެޒިލާއި ބެލްޖިއަމް ކުޅުނު މެޗާއި، ކުއާޓަރ ފައިނަލުގައި ބްރެޒިލާއި އިންގްލެންޑް ބައްދަލުކުރި މެޗުގެ އެއް އެސިސްޓެންޓް ރެފްރީއަކީ ސަޢީދެވެ. އޭނާ ރޮނގު ބެލެހެއްޓެވި ހަތަރުވަނަ މެޗަކީ ފުރަތަމަ ބުރުގައި ގްރޫޕް އީގައި ޖަރުމަނާއި ކެމަރޫން ކުޅުނު މެޗެވެ. އެހެންކަމުން، ސަޢީދަކީ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގައި ސީދާ ގޮތެއްގައި ޙިއްޞާވި ފުރަތަމަ ދިވެހި ޝަޚްޞިއްޔަތެވެ.

2002 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ތެރެއިން

"ސަން ވޯލްޑް ކަޕް ފޯރި" އަށް ސަޢީދު ދެއްވި ޚާއްޞަ ބަސްދީގަތުމުގައި ތަޢާރަފަކަށް އެދުމުން، ސަޢީދު ތަޢާރަފެއް ދެއްވަމުން ވިދާޅުވިއެވެ.

"އަޅުގަނޑު އުފަންވީ ދެކުނު ބަޣާވާތާ ގުޅިގެން ތިނަދޫން މީހުން ބޭލި ދުވަސްވަރު، 1962 ގައި. އުފަން ދުވަހަކީ 14 ޖަނަވަރީ. އަޅުގަނޑުގެ ބައްޕަ ޢަލީ އާދަމާއި މަންމަ ޢާއިޝަތު މުނީރާގެ 11 ކުދީން ތިބި. މިހާރު ދުނިޔޭގައި ތިބީ އޭގެ ތެރެއިން 9 ކުދީން. އަޅުގަނޑަކީ ޢާއިލާގެ ތިންވަނަ ކުއްޖާ. އެންމެފުރަތަމަ ކިޔެވީވެސް ތިނަދޫ ސްކޫލަކުން. އުމުރުން 13 އަހަރުގައި، ގާތްގަނޑަކަށް 1976 ގައި، ކިޔެވުމުގެ ބޭނުމުގައި މާލެ ބަދަލުވިން. ޢުމުރުގެ ގޮތުން އެއިރު މާލޭގެ ސަރުކާރު ސްކޫލަކަށް ނުވަދެވުމުން، ޢާއްމު ކުލާހަކަށް ގޮސްގެން ކިޔެވުން ފުރިހަމަ ކުރީ،"މުހައްމަދު ސަޢީދު

ސަޢީދު ވިދާޅުވާ ގޮތުން ފުޓުބޯޅަ ކުޅެންވެސް އޭނާ އުޅުނެވެ. "ފުޓުބޯޅަ ވެސް ކުޅުނިން. އެކަމަކު އެކަމަކުން މާކަ ބޮޑު ކާމިޔާބެއް ނުލިބުނު." ހީލަމުން އޭނާ ބުންޏެވެ.

"އެންމެފުރަތަމަ ފުޓުބޯޅަ ކުޅެން ފެށީ ރަށުގަ. އޭރު ކުޅޭނެ ބޯޅައެއްވެސް ނުލިބޭ. ދެން ފުއްޕާހަން ފުއްޕައިގެން، އޭގެ ބޭރުގައި ދެތިން ފަށަލައަށް ފޮތި އޮޅާލައިގެން ބޯޅައެއް ހަދާލައިގެން ކުޅެނީ. ދަނޑެއްވެސް ނޯންނާތީ، މަގުމަތީގައި ކުޅެނީ. އެ ދުވަސްވަރަކީ މިހާރުހެން މަގުމަތީގައި އެއްޗެތި ދުއްވާ ދުވަސްވަރެއް ނޫން. މަގުމަތީގައި އަމާންކަމާއެކު ފުޓުބޯޅަ ކުޅެލެވޭ. މާލެ އައިސް، ރައްޓެހިންނާ އެކީ ކުޅެން ދާންފެށި ހިސާބުން އަސްލު ފުޓުބޯޅައަކުން ކުޅެލުމުގެ ފުރުޞަތު ލިބުނީ. އޭރު އަތޮޅުތެރޭގެ ވަރަށް ގިނަ ކުދިން ކިޔެވުމަށްޓަކައި މާލެ ފައިބައި ތިބޭނެ،" މުހައްމަދު ސައީދު

ފުޓުބޯޅައިގެ ދުނިޔެއަށް ވަދެވުނު ގޮތް ސަޢީދު "ސަން" އާ ހިއްސާކުރިއިރުވެސް، ފާހަގަ ކުރެވުނީ އޭނާގެ ހިތްތިރިކަމާއި މަޑުމައިތިރިކަމެވެ. ސާފުބަހުން އަދި ތެދުވެރިކަމާއެކު ވާހަކަ ދެއްކުމުގެ ސިފަ އޭނާގެ ކިބައިގައި ހުރި މިންވަރެވެ. ޝައްކެއްނެތް ގޮތުގައި ދިވެހި ތާރީޚުގައި، ވޯލްޑް ކަޕުގެ އެސިސްޓެންޓް ރެފްރީކަން ކުރުމުގެ ޝަރަފު ލިބުނު ހަމައެކަނި ދިވެއްސަކީ އޭނާ ކަމުގައި ވެގެންދިޔައީ މިފަދަ ރަނގަޅު އެތައް ސިފަތަކެއްގެ އަސާސުގައި، ހަރުދަނާ ސުލޫކަކާއި އަޚްލާޤެއްގެ މަތީގައި ކުރެއްވި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންނެވެ.

ސަން ވޯލްޑް ކަޕް ފޯރިއަށް ރެފްރީ ސައީދު ދެއްވި ހާއްސަ އިންޓަވިއުގެ ތެރެއިން- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ސަޢީދާއި އޭނާގެ އަންހެނުން، މ. އަމާޒު، ރައިހާނާ ޖައުހަރީގެ ތިން ކުދިން އެބަތިއްބެވެ. އެއީ ދެ ފިރިހެން ކުދިންނާއި އަންހެން ކުއްޖެކެވެ. ފުޓުބޯޅަ ދަނޑުގައި ސައީދު ކުރާ މަސައްކަތަށް އެންމެ ބޮޑަށް ހިތްވަރުދޭ އެއްބަޔަކީ އޭނާގެ އާއިލާކަން ސައީދު ޝުކުރުވެރި ހިތަކާއެކު ފާހަގަކުރިއެވެ.

އެހެންކަމުން އޭނާގެ ޝުކުރުގެ ލިސްޓުގައިވެސް އެންމެ ކުރީގައި އޮތީ ޢާއިލާގެ ނަމެވެ. އެއާއެކު، ފަޚުރުވެރި ކޮންމެ ދިވެއްސެކޭ އެއްފަދައިން، ސަޢީދުގެވެސް އެންމެ މަޤުބޫލު ކެއުމަކީ ހަމަ ދިވެހި ކަނޑުމަހު ގަރުދިޔަ އާއި ދިވެހި ބަދިގޭގައި ދިވެހި ރަހައަށް ކައްކާ ބަތެވެ.

ފުއްޕާހަމުން ފެށުނު ދަތުރު ކަށިގަނޑާއި ދިދައާ ހަމަޔަށް

ސަޢީދުގެ ފުޓުބޯޅަ ދަތުރު ފެށީ ރަށުގެ މަގުމަތީގައި ފުއްޕާ ހަމުން ފުޓުބޯޅަ ކުޅުމުގެ ތެރެއިންނެވެ. ނަމަވެސް އޭނާގެ ފުޓުބޯޅަ ދަތުރު ފުރިހަމަ ވެގެންދިޔައީ ރެފްރީކަމުގެ ކަށިގަނޑާއި އެސިސްޓެންޓް ރެފްރީގެ ދިދައާ ހަމައިންނެވެ. އޭނާގެ ދިދަ ބައިނަލްއަޤްވާމީ ފުޓުބޯޅައިގެ އެންމެ މަތީ ފެންވަރުގައި ހޫރައިލެވުނު ހިސާބުންނެވެ.

ސަޢީދަށް ރެފްރީކަމާއި އެސިސްޓެންޓް ރެފްރީކަމުގެ މަސައްކަތުގެ ތެރެޔަށް ވަދެވުނީވެސް ފުޓުބޯޅަ ކުޅުމުގެ ތެރެއިންނެވެ. ފުޓުބޯޅަ ކުޅެން ފެށުނު ގޮތާއި އެކަމުގެ ތަޖުރިބާ ސައީދު ސަން އާއި ހިއްސާކުރިއެވެ.

"ރެފްރީކަމުގެ ދާއިރާއަށް ވަދެވުނީ ނަސީބަކުންނޭ ބުނެވިދާނެ. ކުޅިވަރަށް ހުރި ޝައުގުވެރިކަމަކީވެސް އޭގެ ސަބަބެއް. އަޅުގަނޑު މާލެއަށް އައިސް މާލޭގައި އުޅެން ފެށި ދުވަސްވަރު އަތޮޅުތެރޭގައި ފުޓުބޯޅަ ފަދަ ކުޅިވަރުތައް ކުޅޭ ޖަމްޢިއްޔާތައް އުފެދުނީ. ތިނަދޫގައިވެސް ޖަމްޢިއްޔާއެއް އުފެދުނު. އެ ޖަމްޢިއްޔާގެ ޙަރަކާތްތައް މާލޭގައި ބާއްވާއިރު އަޅުގަނޑުވެސް ބައިވެރިވަން. އެ ދުވަސްވަރު ރާއްޖޭގައި ބާއްވާ ހަމައެކަނި ފުޓުބޯޅަ މުބާރާތަކީ ޤައުމީ ފުޓުބޯޅަ މުބާރާތް. އޭރު އޮންނާނީ ޤައުމީ މުބާރާތް. މާލޭގެ ޓީމުތަކާއި އަތޮޅުތަކުން އަންނަ ޓީމުތައްވެސް އެ މުބާރާތުގައި ބައިވެރި ވާނެ. ފުރުޞަތު ލިބުނީމަ، ތިނަދޫ ޓީމެއްވެސް އެ މުބާރާތުގައި ބައިވެރިވި. "ތިނަދޫ ޒުވާނުންގެ ޖަމްޢިއްޔާގެ" ނަމުގައި އެ ޓީމު ވާދަކުރީ. އަޅުގަނޑުވެސް އެ ޓީމުގައި ހިމެނުނު. އެއް މެޗެއްގައި އަޅުގަނޑުމެން ކޮޅަށް ވިކްޓްރީން 22 ލަނޑު ޖެހި ހަނދާންވެސް ހުރޭ،"
މުހައްމަދު ސައީދު

ފުޓުބޯޅަ ކުޅުމުގެ ތަޖުރިބާ އާއި އޭގެ ނާކާމިޔާބީގެ ވާހަކައަށްފަހު ސައީދު ދެން ފެށީ ރެފްރީކަން ކުރުމުގެ ތެރެއަށް ވަދެވުނު ގޮތުގެ ވާހަކައެވެ. އަދި ރެފްރީން ތަމްރީނުކުރާ ކޯހުގައި ބައިވެރިވާން ފުރުސަތު ލިބުނު ގޮތާއި، އެ "ދަތުރުނާމާ" ވެސް ސައީދު "ސަން" އާ ހިއްސާކުރިއެވެ.

"މިގޮތަށް ފުޓުބޯޅައިގެ ތެރޭގައި އުޅެމުން، ރެފްރީކަމުގެ ތެރެޔަށް ވަދެވުނީ. ޖުމުލަ 5 މީހުން އޭރު ރެފްރީކަން ކުރަން ތިބޭނީ. ރެފްރީންގެ ކަންތައްތައް ބަލަހައްޓަވާ ބޭފުޅަކީ އަލްމަރްހޫމް ޒާހިރު ނަޞީރު. އެ ދުވަސްވަރު ރެފްރީން ތަމްރީނު ކުރުމުގެ ކޯހެއް ހިންގެވުމުގެ ޚިޔާލު ޒާހިރު ނަޞީރު ކުރެއްވި. އެ ޚިޔާލާ އެއްގޮތަށް ކޯސް ތައްޔާރު ވެގެން އައިއިރު، ބައިވެރި ވާގޮތަށް ހަމަޖެހުނީ ފުޓުބޯޅަ ކުލަބުތަކާއި ޖަމްޢިއްޔާތަކުގައި ޝާމިލުވާ ފަރާތްތަކުގެ ތެރެއިން ކަމަށް ޝައުޤުވެރިކަން ހުރި މީހުން. ރެފްރީ ކޯސް ފެށުމުގެ ކުރިންވެސް އަޅުގަނޑުމެން ގަލޮޅު ދަނޑުގައި ކުޅޭއިރު އަޅުގަނޑު ބައެއް ފަހަރު ލައިންސްމަނަކަށް ވެގެން އުޅެން. އެއިރުވެސް އަޅުގަނޑުގެ ޝައުގުވެރިކަންހުރިކަމެއް އެއީ. ކޯހުން ފާސްވެގެން އަޅުގަނޑަށް ރެފްރީކަމުގެ ލައިސަންސް ލިބުނީ. އެއީ 1980 ވަނަ އަހަރު. އެއިރުއްސުރެ ރެފްރީކަން ކުރަމުން އައީ. އަދިވެސް ރަސްމީކޮށް ރިޓަޔާއެއް ނުކުރަން،" މުހައްމަދު ސައީދު

ސަޢީދު ވިދާޅުވި ގޮތުގައި، ފުރަތަމަކޮޅު ރެފްރީކަމުގެ އިރުޝާދުތައް ލިބިވަޑައިގަތީ އަލްމަރްޙޫމް ޒާހިރު ނަޞީރާއި، މ. މަޚުމާވިލާ އިބްރާހީމް އިސްމާޢީލާއި، މައްލާ ޅަތުއްތު އާއި ގ. ރިނބުދޫގޭ މުޙައްމަދު ނާޞިރު ފަދަ ބޭފުޅުންގެ ފަރާތްޕުޅުންނެވެ.

"އޭރު ރެފްރީކަމާއި ލައިންސްމަންކަން ކުރަމުން އައީ ހިލޭސާބަހަށް. އެއްވެސް އުޖޫރައެއް ނުލިބޭނެ. އޭރު ފުޓްބޯލް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް) ނުވެސް އުފެދޭ. އޭރު ފުޓުބޯޅައިގެ ކަންތައް ބަލަހައްޓާނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުގައި އޮންނަ ސްޕޯޓްސް ޑިވިޝަނުން. 1982 ގައި އެފްއޭއެމް އުފެދުމުން، ފުޓުބޯޅައިގެ އެންމެހައި ކަންތައްތަކަކާ އެކު ރެފްރީންގެ ކަންތައްތައްވެސް އެފްއޭއެމުގެ ދަށަށް ބަދަލު ވެއްޖެ،"މުހައްމަދު ސައީދު

ކާމިޔާބީއަށް ވާސިލްވުމަށް ފަހަތަށް ބެލުމެއް ނެތި ކުރިއަށް

ސަޢީދު ކިޔައިދިން ގޮތުގައި، އެންމެފުރަތަމަ ފުރިހަމަކުރި ކޯހަށްފަހު، އިތުރު އެތައް ކޯސްތަކެއް ރެފްރީކަމުގެ ދާއިރާއިން އޭނާ ފުރިހަމަ ކުރިއެވެ. 1981 ނުވަތަ 1982 ގައި ފީފާގެ ބެލުމުގެ ދަށުން އެފްއޭއެމުން ހިންގި ރެފްރީޒް ޑިވެލޮޕްމަންޓް ކޯހަކާއި، އެކިއެކި މުބާރާތްތަކާ ގުޅިގެންނާއި އަހަރުން އަހަރަށް ހިންގާ، ތާޒާ ކުރުމުގެ އިތުރު އެތައް ކޯހެއްގައި އޭނާ ބައިވެރިވެފައިވެއެވެ. އޭނާ ބުނާ ގޮތުގައި އެދުވަސްވަރު ރެފްރީން އުފައްދައި، ރެފްރީންގެ ފެންވަރު ރަނގަޅު ކުރުމަށް އިސްކޮށް ތިއްބެވި ބޭފުޅުން ވަރަށް ބޮޑަށް މަސައްކަތް ކުރައްވައެވެ. ރެފްރީންނަށްވެސް ބޭރުގެ އިރުޝާދުވެރީން ގެންނަވައިގެން ޕްރޮގްރާމްތައް ހިންގަވައެވެ.

ސަން ވޯލްޑް ކަޕް ފޯރި އަށް ރެފްރީ ސައީދު ދެއްވި ހާއްސަ އިންޓަވިއުގެ ތެރެއިން- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ފީފާގެ ރެފްރީއަކަށް 1993 ވަނަ އަރު ވުމަށްފަހު އަލަށް ފީފާއަށްދާ އެންމެން ޓްރޭނިން ޕްރޮގްރާމަށް ގެންދާ އުސޫލުން މެލޭޝިގާއި ބޭއްވި ކޯހަކަށް ގެންދިޔައެވެ. އެކަމުގެ ތަޖުރިބާ އާއި، ބައިނަލްއަގްވާމީ މެޗުތަކުން ފުރުސަތު ލިބުނުގޮތް ސައީދު ކިޔައިދިނެވެ.

"ފީފާއިން 1993 ގައި މެލޭޝިއާގައި ބޭއްވި ކޯހަކަށް އަޅުގަނޑު ދިޔައީ. އޭރު އަޅުގަނޑަށް "ފީފާ" އަކީ ކޮން ތަނެއްކަންވެސް ރަނގަޅަކަށް ނޭނގެ. ކޯހަށް ދިޔުމުން، އެންމެ ފުރަތަމަ ވެސް އެމީހުން ޓެސްޓު ކުރީ ފިޒިކަލް ފިޓްނެސް. 12 މިނިޓުން ނުހުއްޓި 2700 މީޓަރުގެ މަސާފާއަށް ދުވާން ޖެހުނު. ދެންވެސް ވަރަށް ގިނަ ބައިތައް ކޯހުގައި ހިމެނުނު. އެ ހުރިހައި ބަޔަކުން ފާސްވި. ކޯހުގައި ތިބި 40 ބައިވެރީންގެ ތެރެއިން އަޅުގަނޑު އޮތީ 8 ވަނައިގައި. ކޯހުން ފާސްވުމުން، ފީފާއިން އިންތިޒާމު ކުރާ މުބާރާތްތަކުން ފުރުޞަތު ލިބޭން ފެށީ. އެންމެ ފުރަތަމަ 16 އަހަރުން ދަށުގެ މުބާރާތްތައް، ދެން 19 އަހަރުން ދަށް، ދެން 20 އަހަރުން ދަށް. އެގޮތުން ކުރި އަރަމުން އައިސް އޭޝިއަން ކްލަބް ޗެމްޕިއަންޝިޕުގެ ރެފްރީކަމާއި އެސިސްޓެންޓް ރެފްރީކަމާ ހަމަޔަށް އާދެވުނީ،" މުހައްމަދު ސައީދު

މެލޭޝިޔާ ޕްރޮގްރާމް ފުރިހަމަ ކުރުމަށްފަހު، ސަޢީދަށް ފީފާގެ ބެލުމުގެ ދަށުން ބާއްވާ އިތުރު ތަމްރީނުތަކާއި މުބާރާތްތަކަށް ބޭރުގެ ޤައުމުތަކަށް ދިއުމުގެ ފުރުޞަތުވެސް ވަރަށް ގިނައިން ލިބުނެވެ. އެންމެގިނައިން ވަޑައިގެންނެވީ ތައިލޭންޑަށާއި މެލޭޝިއާއަށެވެ. ސިންގަޕޫރާއި ކޮރެޔާ އާއި ޖަޕާނާއި ފްރާންސަށާއި މިޞްރަށާއި ޔުނައިޓެޑް އެރެބް އެމިރޭޓްސް އާއި ޤަޠަރު ފަދަ ޤައުމުތަކަށްވެސް ވަޑައިގަތެވެ.

ފީފާގެ ޔޫތު ވޯލްޑް ކަޕުން އޭނާއަށް ފުރުޞަތު ލިބިވަޑައިގަތީ 1998 ވަނަ އަހަރުއެވެ. އެ ފަހަރު މުބާރާތް އޮތީ މެލޭޝިޔާގައެވެ. އަދި 2000 ވަނަ އަހަރު އޭނާއަށް އޭޝިޔާގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމުގައިވާ އޭއެފްސީ އޭޝިޔަން ކަޕުން ފުރުޞަތު ލިބުނެވެ.

ޖެހިގެން އައި 2001 ވަނަ އަހަރަކީ ރެފްރީކަމާއި އެސިސްޓެންޓް ރެފްރީކަމުގެ އެންމެ މަތީ ހަރުފަތަށް އެރުމުގެ މަރުޙަލާގެ ފެށުމެވެ. އެއީ އެ އަހަރު އޮތް ކޮންފެޑެރޭޝަންސް ކަޕުގައި ރޮނގު ބެލެހެއްޓުމުގެ ޒިންމާ ޙަވާލު ކުރެވުނު ރެފްރީންގެ ތެރޭގައި އޭނާ ހިމެނުމުންނެވެ. ކޮންފެޑެރޭޝަންސް ކަޕަކީ ފީފާއިން އިންތިޒާމު ކޮށްގެން، ވޯލްޑް ކަޕަށްވާ ތައްޔާރީތަކުގެ ތެރޭގައި، ރިހާސަލެއް ފަދަ ގޮތަކަށް، އެ ފަހަރަކު ވޯލްޑް ކަޕް ބޭއްވުމަށް ހަމަޖެހިފައިވާ ޤައުމެއްގައި ބާއްވާ މުބާރާތެކެވެ.

މާލެއިން ސިންގަޕޫރުން ކޮރެޔާއިން ޖަޕާނަށް

ކޮންފެޑެރޭޝަންސް ކަޕުގެ ކުރިންވެސް ފީފާއިން ރެފްރީންނާއި އެސިސްޓެންޓް ރެފްރީންނަށް ޚާއްޞަ ތަމްރީނުތަކެއް ދެއެވެ. އެ ތަމްރީނުތައް ފުރިހަމަ ކުރުމަށްފަހު ފީފާއިން ބުނެފައި އޮތީ ކޮންފެޑެރޭޝަންސް ކަޕުގައި މައްސަލައެއް ދިމާ ނުވެ، ރަނގަޅަށް މަސައްކަތްކުރާ ރެފްރީންނާއި އެސިސްޓެންޓް ރެފްރީންނަށް ވޯލްޑް ކަޕުން ފުރުޞަތު ލިބޭނެ ކަމުގައެވެ.

އޭރު ސަޢީދު ވަޒީފާ އަދާ ކުރަމުން ގެންދިޔައީ މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްގައި ޗީފް ސުޕަވައިޒަރެއްގެ މަގާމުގައެވެ. ކޮންފެޑެރޭޝަންސް ކަޕުގައި ރެފްރީން އެސިސްޓެންޓް ރެފްރީންގެ ޓީމުގައި މަސައްކަތް ކުރެއްވުމަށްފަހު އެނބުރި ވަޑައިގެން، ސަޢީދު ހުންނެވީ ވޯލްޑް ކަޕުން ފުރުޞަތު ލިބިދާނޭ ކަމުގެ ވަރަށް ބޮޑު އިތުބާރެއްގައެވެ.

އެހެން ހުންނަވަނިކޮށް، އެ ތާރީޚީ ފުރުޞަތު ލިބިވަޑައިގަތްކަން އެނގިވަޑައިގަތް ވަގުތާ ބެހޭގޮތުން "ސަން ވޯލްޑް ކަޕް ފޯރި" ޓީމުން ކުރި ސުވާލުގެ ޖަވާބު ސައީދު ދިނީ އެ އުފާވެރި ހަނދާންތައް އައުކުރަމުންނެވެ.

"އެ ދުވަހު އަޅުގަނޑު ހުރީ މިނިސްޓްރީގެ ފަރާތުން ބާއްވާ މައުރަޒެއް އިންތިޒާމު ކުރުމުގެ މަސައްކަތްތަކުގައި އިސްކަންދަރު ސްކޫލުގައި. މަސައްކަތުގައި ހުއްޓައި ރައްޓެއްސަކު އައިސް އެންމެ ފުރަތަމަ ވެސް "މަރުޙަބާ" އޭ ބުނެފައި ބުނީ ވޯލްޑް ކަޕުގެ ރެފްރީންގެ ޓީމުގައި ސަޢީދުގެ ނަން އެބައޮތޭ. އެ ޚަބަރުން ވަރަށް ބޮޑު އުފަލެއް ލިބުނު. ޙައިރާންކަމަކަށެއް ނުވޭ. އަޅުގަނޑުގެ ޢާއިލާއަށް ވެސް އެއީ ޙައިރާންކަމަކަށް ނުވި. އެމީހުންވެސް ތިބީ އެ ފުރުޞަތު އަޅުގަނޑަށް ލިބިދާނޭކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއްގައި،" މުހައްމަދު ސައީދު

ވޯލްޑް ކަޕުގައި އެސިސްޓެންޓް ރެފްރީކަން ކުރުމުގެ ފުރުޞަތު ލިބިވަޑައިގަތުމާއެކު، ޖެހިވަޑައިގަތީ 2002 ގެ ވޯލްޑް ކަޕް ބޭއްވުމަށް ހަމަޖެހިފައި އޮތް، ދެކުނު ކޮރެޔާ އާއި ޖަޕާނަށް ދަތުރު ފެއްޓެވުމަށެވެ. ފީފާގެ ޤަވާޢިދުތަކާއި ނިޒާމު އޮންނަ ގޮތުން، ވޯލްޑް ކަޕަށް ހޮވޭ ރެފްރީންނާއި އެސިސްޓެންޓް ރެފްރީން، މުބާރާތް ފެށުމުގެ ތިން މަސް ކުރީން މުބާރާތް ބާއްވާ ޤައުމަށް ދާން ޖެހެއެވެ. އަދި ވޯލްޑް ކަޕަށް ތައްޔާރު ވުމަށް ޓަކައި ތިން މަހުގެ ޚާއްޞަ ތަމްރީނުތަކަކާއި ފަރިތަކުރުންތަކެއް ފުރިހަމަ ކުރާން ޖެހެއެވެ. އެގޮތުން، ސަޢީދު ކޮރެޔާ-ޖަޕާނަށް ދަތުރު ކުރެއްވީ 2002 ގެ މާޗު މަހުއެވެ. އޭރު ސަޢީދުގެ ޢުމުރަކީ 38 އަހަރެވެ. އޭނާ ބުނި ގޮތުން، މާލެއިން ފުރުމުގެ ކުރީން، އެއިރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ސަޢީދު ރައީސް އޮފީހަށް ގެންދަވައި ބައްދަލު ކުރެއްވިއެވެ. އަދި ސަޢީދަށް ލިބުނު ފުރުޞަތަށްޓަކައި ދިވެހި ޤައުމު ފަޚުރުވެރިވާ ވާހަކަ ވިދާޅުވެ، ތަޢުރީފު ކުރައްވައި ހިތްވަރު ދެއްވިއެވެ.

2002 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ތެރެއިން

ބިޒްނަސް ކުލާހުގައި މާލެއިން ސިންގަޕޫރު މަގުން ކޮރެޔާއަށް ދިޔުމަށް ފަހު، ފީފާގެ ކަމާބެހޭ އޮފިޝަލުންގެ ބެލުމުގެ ދަށުން ރެފްރީން، އެސިސްޓެންޓް ރެފްރީންގެ ޓީމު ދެ ބަޔަކަށް ބަހައިލިއެވެ. އަދި އެއް ޓީމު ކޮރެޔާގައި މަޑު ކޮށްފައި، އަނެއް ޓީމު ޖަޕާނަށް ފުރުވައިލިއެވެ. ސަޢީދު ލައްވައިލީ ޖަޕާނަށް ދިޔަ ޓީމުގައެވެ. އެއަށްފަހު 10 ދުވަހު ކޮރެއާގައި މަޑުކުރުމަށްފަހު އެނބުރި އައިސް މާލޭގައި ފީފާއިން ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރިއެވެ.

އެންމެ ފުރަތަމަ އޮތީ ފިޒިކަލް ފިޓްނެސް އާއި މެޑިކަލްގެ ޓެސްޓުތައް ހެދުމެވެ. ހުރިހައި ޓެސްޓުތަކަކުން ފާސް ވުމަށްފަހު ތަމްރީނާއި ފަރިތަކުރުންތައް ފެށުނީއެވެ. އެ މަރުޙަލާގައިވެސް ފިޓްނެސްއަށް ފަރުވާތެރި ވާން ޖެހެއެވެ.

ކޮންމެ ދުވަހަކުވެސް ހެނދުނުގެ ނާސްތާގެ ކުރީން ބަރުދަން ބެލުމަށްޓަކައި ކިރާން ޖެހެއެވެ. ޤަވާޢިދުން ޖިމަށް ގޮސް ކަސްރަތު ކުރުމަކީވެސް އޮންނަ ކަމެކެވެ. ސަޢީދު ވިދާޅުވި ގޮތުން، ތަމްރީނުތަކާއި ފަރިތަކުރުންތަކުގެ ބައި ފުރިހަމަޔަށް ގެންދާއިރު، ކެއުމުގެ ކަންކަމުގައި ހަރުކަށި ޤަވާޢިދުތަކެއް ނޯވެއެވެ.

"ވަކި އެއްޗެއް ކާކަށް ބުނެފައެއް ނޯވޭ. ކެއުން ހަމަޖެހިފައި އޮންނަ ރެސްޓޯރަންޓުގައި ވެސް ހުންނާނެ އެންމެންނަށް ކެވޭ ގޮތަށް ހަމަ ހުރިހައި އެއްޗެއް. ދެން އަޅުގަނޑަކީ އެއްވެސް އިރަކު ގެރިމަސް ކަހަލަ އެއްޗެތި ކާ މީހެއް ނޫން. އަޅުގަނޑު ކަނީ ހަމަ ކަނޑުމަހުގެ ބާވަތްތައް. ތެލުގެ އެއްޗެތިވެސް ވަރަށް ނުކަން،" މުހައްމަދު ސައީދު

ތަމްރީނުގެ ދުވަސްތަކުގެ ތެރޭގައިވެސް އަދި މުބާރާތުގެ ތެރޭގައިވެސް، ރެފްރީންގެ ޓީމުގެ އެކޮމަޑޭޝަން ހަމަޖެހިފައި ހުންނަނީ ވީއައިޕީ ފެންވަރުގައެވެ. ހަމައެހެންމެ، ރެފްރީންނާ އެހެން ބަޔަކާ ދެމެދު މުޢާމަލާތުތަކެއް ނުކުރެވޭނޭ ގޮތަށް، ރެފްރީން ބައިތިއްބައިފައި ތިބެނީ ޚާއްޞަ ހޮޓަލެއްގައެވެ. ވޯރލްޑް ކަޕުގެ ދުވަސްވަރު އެ ހޮޓަލުގައި އެހެން އެއްވެސް ބަޔަކަށް ނުތިބެވޭ ގޮތަށް، ފީފާއިން އޮންނަނީ މުޅި ހޮޓާ ހިފައި ރެފްރީންނަށް ޚާއްޞަ ކޮށްފައެވެ. މުބާރާތުގެ ދުވަސްވަރު ބޭނުން އިރަކު ބޭރަށް ގޮސް، އައިސްވެއެއްވެސް ނުހެދެއެވެ. ބޭރަށް ދިޔުން އޮންނަނީ ފީފާއިން ހަމަޖައްސައިފައި ތިބޭ އޮފިޝަލުންނާ އެކު، ވަކި ގަޑިތަކެއްގައި، އެންމެން އެކުގައެވެ. ބޭރުތެރޭގައި އުޅެނީވެސް އެއް ގުރޫޕަކަށެވެ.

ސަޢީދު ރެފްރީކަމުގެ މަސައްކަތް ރާއްޖޭގައި ރަސްމީކޮށް ކުރައްވާން ފެއްޓެވި ދުވަސްވަރު، ރެފްރީއަކަށް މެޗަކަށް ލިބޭ އުޖޫރަ އަކީ މެޗަށްފަހު ލިބޭ 5 ރުފިޔާގެ އުޖޫރައެވެ. ވޯލްޑް ކަޕުގެ އެސިސްޓެންޓް ރެފްރީކަމުގެ މަސައްކަތް އޭނާ ކުރެއްވީ، ފީފާގެ އުޖޫރަ އާއި އެލަވަންސްތަކުގެ އޮނިގަނޑު އޮންނަ ގޮތުން، ވޯލްޑް ކަޕަށްޓަކައި ޤައުމުން ފުރާ ދުވަހުން ފެށިގެން މުބާރާތުގެ ހުރިހާކަމެއް ނިންމައި އެނބުރި ޤައުމަށް އަންނަ ދުވަހާ ހަމަޔަށް، ކޮންމެ ދުވަހަކަށް 500 ޔޫއެސް ޑޮލަރުގެ އުޖޫރައަކަށެވެ.

ސަޢީދުގެ ދިދަ ވޯލްޑް ކަޕްގެ ދަނޑުގައި

ވޯލްޑް ކަޕް 2002 ފެށުނީ 31 މެއިގައި އެއިރުގެ ދުނިޔޭގެ ޗެމްޕިއަން ފްރާންސާއި ސެނެގާލް ކުޅުނު މެޗުންނެވެ.

ސަޢީދު އޭނާގެ ދިދަ ހިފައިގެން ވޯލްޑް ކަޕްގެ މެޗަކަށް ދަނޑަށް އެރީ އޭގެ 8 ދުވަސް ފަހުން، 7 ޖޫންގައެވެ. ސަޢީދުގެ ފުރަތަމަ މެޗަކީވެސް މުބާރާތުގެ އެންމެ ފޯރިގަދަ އަދި އެންމެ ހޫނުގަދަ ވާނޭ ކަމަށް ބެލެވުނު އެއް މެޗެވެ. އެއީ ފުޓުބޯޅައިގެ ދަނޑުގައްޔާއި ބައިނަލްއަޤްވާމީ ސިޔާސީ މަސްރަޙުގައިވެސް ދެކޮޅުވެރިކަން އޮންނަ ދެ ޤައުމު ކަމަށްވާ އިންގްލެންޑާއި އާޖެންޓީނާ، ގްރޫޕް އެފްގައި ބައްދަލުކުރި މެޗެވެ.

ޖަޕާނުގެ ސަޕޯރޯގެ، ސަޕޯރޯ ޑޯމް ސްޓޭޑިޔަމުގައި ކުޅުނު އެ މެޗުގައި ސަޢީދާއެކު އެސިސްޓެންޓް ރެފްރީކަން ކުރި ދެވަނަ އޮފިޝަލަކީ ކެނެޑާގެ ހެކްޓަރ ވެރްގެރާއެވެ. ރެފްރީ އަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ރެފްރީ ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރާ އިޓަލީގެ މަޝްހޫރު ރެފްރީ ޕިއެރްލުއިޖި ކޮލީނާއެވެ. ކޮލީނާގެ އެސިސްޓެންޓެއްގެ ގޮތުގައި، އާޖެންޓީނާ އާއި އިންގްލެންޑް މެޗަށް ސަޢީދު ހަމަޖެއްސުމަކީ، ސަޢީދުގެ ފެންވަރާ މެދު ފީފާގެ އިތުބާރު އޮތް މިންވަރު ސާބިތުކޮށްދޭ ހެއްކެކެވެ.

ޖަޕާނު ގަޑީން ރޭގަނޑު 8:30 ގައި ކުޅުނު މެޗުގައި އިންގްލެންޑް މޮޅުވީ ފުރަތަމަ ހާފު ނިމޭން ދަނިކޮށް، 42 ވަނަ މިނިޓުގައި ލިބުނު ޕެނެލްޓީއަކުން ޖެހި ލަނޑުންނެވެ. އާޖެންޓީނާގެ ޑިފެންޑަރ އަދި މިހާރުގެ މަޝްހޫރު ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އިންގްލެންޑްގެ މައިކަލް އޮވެން އަށްކުރި ފައުލަކާ ގުޅިގެން ރެފްރީ ކޮލީނާ ޕެނެލްޓީއެއް ދިނީ ސަޢީދު ރޮނގު ބެލެހެއްޓި ހާފުންނެވެ. ޕެނެލްޓީ ޖެހީ ޑޭވިޑް ބެކަމެވެ. މިއީވެސް ސަޢީދަށް އެދުވަސް ޚާއްޞަވާ އެއް ސަބަބު ކަމުގައި ބުނެވިދާނެއެވެ.

2002 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އިންގްލެންޑާއި އާޖެންޓީނާ ބައްދަލުކުރި މެޗުގެ ތެރެއިން

މެޗު ކުޅެމުން ދިޔައިރު، އެސިސްޓެންޓް ރެފްރީއެއްގެ ގޮތުން ވަކި ކޮޅަކަށް ނުޖެހި އިންޞާފުވެރި ނިންމުންތަކެއް ނިންމަމުން ދިޔަ ކަމުގައިވިޔަސް، ސަޢީދުގެ ކުރިމަތީގައި އާޖެންޓީނާ އަތުން މޮޅުވި އިންގްލެންޑަކީ އޭނާ އެންމެ ސަޕޯޓު ކުރާ ޓީމެވެ. ޕެނެލްޓީން އިންގްލެންޑަށް ލަނޑު ޖަހައިދިން ޑޭވިޑް ބެކަމަކީ ސަޢީދަށް އެންމެ މަޤުބޫލު ފުޓުބޯޅަ ކުޅުންތެރިޔާއެވެ.

ފުރަތަމަ މެޗުގައި ސަޢީދު ރޮނގު ބެލެހެއްޓެވި ގޮތާމެދު ފީފާގެ އޮފިޝަލުންނާއި ޓީމުތަކުގެ ފަރާތުންވެސް އައީ ވަރަށް ފައްސި ކޮމެންޓުތަކެވެ.

"އެންމެން ވެސް ހިތްހަމަޖެހިފައި ތިބީ. ކުރެވުނު މަސައްކަތް ރަނގަޅު ކަމަށް ހުރިހައި ބެއިފުޅުން ވެސް ވިދާޅުވި. ވަރަށް ގިނަ ފަރާތްތަކުން ހިތްވަރު ދިނުމުގެ ބަސްތައް ލިބުނު," މުހައްމަދު ސައީދު

ސަޢީދުގެ ދެވަނަ މެޗު އޮތީ 11 ޖޫންގައެވެ. އެއީ ޖަޕާނުގެ ޝިޒުއޯކާގެ އެކޯޕާ ސްޓޭޑިއަމުގައި، ޖަޕާނު ގަޑިން ރޭގަނޑު 8:30 ގައި އޮތް މެޗެވެ. ތިންވަނަ މެޗަކީ މުބާރާތުގެ ދެވަނަ ބުރުގައި ބްރެޒިލާއި ބެލްޖިއަމް ކުޅުނު މެޗެވެ. އެމެޗު އޮތީ 17 ޖޫންގައި، ޖަޕާނުގެ ކޯބޭ ޝަހަރުގެ ކޯބޭ ވިންގް ސްޓޭޑިއަމުގައެވެ. ހަތަރުވަނަ މެޗަކީ ކުއާޓަރ ފައިނަލުގައި ގަދަފަދަ ބްރެޒިލާއި އިންގްލެންޑް ކުޅުނު މެޗެވެ. ޖަޕާނުގެ ޝިޒުއޯކާގެ އެކޯޕާ ސްޓޭޑިޔަމުގައި އޮތް އެމެޗު ކުޅުނީ 21 ޖޫންގެ ހަވީރު 3:30 ގައެވެ.

ވޯރލްޑް ކަޕުގެ އެންމެ ފޯރިގަދަ އަދި އެންމެ ވަރުގަދަ މެޗުތަކުގެ ތެރެއިން ހަތަރު މެޗުގައި އެސިސްޓެންޓް ރެފްރީކަން ކުރެއްވި އިރު، ސަޢީދުގެ މަސައްކަތް ފުރިހަމަ މާކުސް ދޭން ޖެހޭހައި ފުރިހަމައެވެ. އޭނާގެ ފަރާތުން އެއްވެސް ގޯހެއް ހެދިގެން ކުޅުންތެރީން ނުވަތަ ޓީމުތަކުގެ އޮފިޝަލުން ޝަކުވާ ކޮށްފައެއް ނުވެއެވެ. ކުއާޓަރ ފައިނަލާ ހަމަޔަށް ވަޑައިގެންނެވުނުކަމީ ވެސް އޭނާގެ މަސައްކަތް ފީފާއިން ވަރަށް ބޮޑަށް ބަލައިގަތްކަމުގެ ހެއްކެކެވެ.

ޝައްކެއް ނެތް ގޮތުގައި ސަޢީދު ކޮރެޔާ ޖަޕާން 2002 ނިންމައިފައި އެނބުރި ޤައުމަށް އައީ ދިވެހި ޤައުމަށް ބޮޑު ޝަރަފެއް ހޯދައިދީފައެވެ. އެހެންކަމުން ދިވެހި ފުޓުބޯޅައިގެ ތާރީޚުގައި ސަޢީދުގެ ނަން ލިޔެވޭނީ އެންމެ ޚާއްޞަ އެއް ނަމުގެ ގޮތުގައެވެ. ސަޢީދު ވާނީ ދިވެހި ފުޓުބޯޅައިގައި ރެފްރީކަން ކުރާ އެންމެންގެ އިތުރުން، މުޅި ފުޓުބޯޅަ ޢާއިލާއަށް ވެސް ނަމޫނާއަކަށެވެ. އެއީ ތަޚްޞީޞާއި ރިވެތި އަޚްލާޤާއި ޒިންމާދާރުކަމާ އެކު އޭނާ މަސައްކަތް ކުރި ގޮތާއި، އެ މަސައްކަތުގައި ޙާޞިލު ކުރި އުސްމިނާއި ކާމިޔާބީއަށް ޓަކައެވެ.

ސަޢީދުގެ ދެވަނަ މެޗު އޮތީ 11 ޖޫންގައެވެ. އެއީ ޖަޕާނުގެ ޝިޒުއޯކާގެ އެކޯޕާ ސްޓޭޑިޔަމުގައި، ޖަޕާނު ގަޑީން ރެއިގަނޑު 8:30 ގައި އޮތް މެޗެވެ. މެޗު ކުޅުނީ ޝިޒުއޯކާގެ އެކޯޕާ ސްޓޭޑިއަމުގައެވެ. ތިންވަނަ މެޗަކީ މުބާރާތުގެ ދެވަނަ ބުރުގައި ބްރެޒިލާއި ބެލްޖިއަމް ކުޅުނު މެޗެވެ. އެ މެޗު އޮތީ 17 ޖޫންގައި، ޖަޕާނުގެ ކޯބޭ ޝަހަރުގެ ކޯބޭ ވިންގް ސްޓޭޑިއަމުގައެވެ. ހަތަރުވަނަ މެޗަކީ ކުއާޓަރ ފައިނަލުގައި ގަދަފަދަ ބްރެޒިލާއި އިންގްލެންޑް ކުޅުނު މެޗެވެ. ޖަޕާނުގެ ޝިޒުއޯކާގެ އެކޯޕާ ސްޓޭޑިޔަމުގައި އޮތް އެ މެޗު ކުޅުނީ 21 ޖޫންގެ ހަވީރު 3:30 ގައެވެ.

ވޯލްޑް ކަޕުގެ އެންމެ ފޯރިގަދަ އަދި އެންމެ ވަރުގަދަ މެޗުތަކުގެ ތެރެއިން ހަތަރު މެޗުގައި އެސިސްޓެންޓް ރެފްރީކަން ކުރިއިރު، ސަޢީދުގެ މަސައްކަތަށް ފުރިހަމަ މާކުސް ދޭން ޖެހޭހައި ފުރިހަމައެވެ. އޭނާގެ ފަރާތުން އެއްވެސް ގޯހެއް ހެދިގެން ކުޅުންތެރީން ނުވަތަ ޓީމުތަކުގެ އޮފިޝަލުން ޝަކުވާ ކޮށްފައެއް ނުވެއެވެ.

2002 ވަނަ އަަހަރުގެ ވޯލްޑް ކަޕުގެ ކުއާޓަރ ފައިނަލުގައި އިންގްލެންޑާއި ބްރެޒިލް ބައްދަލުކުރި މެޗުގެ ތެރެއިން

ކުއާޓަރ ފައިނަލާ ހަމައަށް ދިއުމަކީވެސް އޭނާގެ މަސައްކަތް ފީފާއިން ވަރަށް ބޮޑަށް ބަލައިގަތްކަމުގެ ހެއްކެކެވެ. ޝައްކެއް ނެތް ގޮތުގައި ސަޢީދު ކޮރެޔާ-ޖަޕާން 2002 ނިންމާފައި އެނބުރި ޤައުމަށް އައީ ދިވެހި ޤައުމަށް ބޮޑު ޝަރަފެއް ހޯދައިދީފައެވެ.

އެހެންކަމުން ދިވެހި ފުޓުބޯޅައިގެ ތާރީޚުގައި ސަޢީދުގެ ނަން ލިޔެވޭނީ އެންމެ ޚާއްޞަ އެއް ނަމުގެ ގޮތުގައެވެ. ސަޢީދު ވާނީ ދިވެހި ފުޓުބޯޅައިގައި ރެފްރީކަން ކުރާ އެންމެންގެ އިތުރުން، މުޅި ފުޓުބޯޅަ ޢާއިލާއަށްވެސް ނަމޫނާއަކަށެވެ. އެއީ ތަޚްޞީޞާއި ރިވެތި އަޚްލާޤާއި ޒިންމާދާރުކަމާއެކު އޭނާ މަސައްކަތް ކުރި ގޮތާއި، އެ މަސައްކަތުގައި ޙާޞިލުކުރި އުސްމިނާއި ކާމިޔާބީއަށް ޓަކައެވެ.

ފަހު ވާހަކައެއްގެ ގޮތުގައި ސަޢީދު ވިދާޅުވި ބަސްތަކަކީ މިއީއެވެ.

"ކޮންމެ ކަމެއް ކުރިކަމުގައިވިޔަސް ތެދުވެރިކަމާއި ހިތްވަރާއެކު މަސައްކަތް ކުރަންޖެހޭ. އަދި އެއީ ވަކި މީހަކަށް ނުވަތަ ބަޔަކަށް، ނުވަތަ ވަކި މުއައްސަސާއަކަށް ކޮށްދޭ ކަމެއްގެ ގޮތުގައި ދެކިގެން ނުވާނެ. މި ދާއިރާއިން ކުރިއަށްދާން ބޭނުން ނަމަ، އަބަދުވެސް ފިޓްނަސް ރަނގަޅަށް ބަހައްޓަން އާދަކުރަންޖެހޭ," މުހައްމަދު ސައީދު

ސައީދުގެ ނަޞޭޙަތަކީވެސް ވަރަށް ރަނގަޅު ނަޞޭޙަތެކެވެ. ކާމިޔާބީ އާއި ހަމައަށް ސައީދު ކުރި ދަތުރާއި، އެ ދަތުރުގައި ތަހައްމަލުކުރި ވޭނާއި، ހޯދި ކާމިޔާބީތަކަކީ، އިބުރަތެއް ހާސިލްކުރަން ބޭނުންވާ މީހަކަށް ހުރި ފުރިހަމަ މިސާލެކެވެ. ސަޢީދަށް ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ.

comment ކޮމެންޓް