ދުނިޔޭގައި ބާއްވާ ފުޓުބޯޅައިގެ އެންމެ ހައިބަތު ބޮޑު މުބާރާތް، ފީފާ ވޯލްޑް ކަޕުގެ މިއަހަރުގެ އެޑިޝަން ގަތަރުގައި ބާއްވާއިރު، މިފަހަރުގެ މުބާރާތަކީ އެއް ގޮތަށްވުރެ ގިނަ ގޮތްގޮތުން ތަފާތު، ހާއްސަ މުބާރާތެކެވެ.
މީގެކުރިން "ސަން" އިން ގެނެސްދީފައިވާ ވޯލްޑް ކަޕަށް ހާއްސަ ރިޕޯޓުތަކުގައި މިފަދަ އެތައް ކަމެއްގެ މައްޗަށް އަލިއަޅުވާލާފައިވާނެއެވެ.
މިފަހަރު މި ގެނެސްދެނީ އަނެއްކާވެސް މި މުބާރާތް އިތުރަށް ހާއްސަެ، ތަފާތުވާނެ ކަމެއްގެ ވާހަކައެވެ. ވޯލްޑް ކަޕުގެ އެންމެ ފުރަތަމަ މުބާރާތް 1930 ވަނަ އަހަރު ބޭއްވިއިރު އޭގެފަހުން މިހާތަނަށް 21 މުބާރާތެއް ވަނީ ބާއްވާފައެވެ. މީގެއިން ކޮންމެ މުބާރާތެއްގައި ކުޅޭ ހުރިހާ މެޗެއްގައި ވެސް ރެފްރީންގެ ގޮތުގައި ފެންނަނީ ފިރިހެނުންނެވެ.
ރެފްރީކަން ކުރުމަކީ ފިރިހެނުން ކުރާ ކަމެއްގެ ގޮތުގައި ބެލެވިފައި އޮންނަ އޮތުން ނިމުމަކަށް ގެނެސް، ފަހަކަށް އައިސް ދުނިޔޭގެ ބައެއް ބޮޑެތި މުބާރާތްތަކުން ރެފްރީންގެ ގޮތުގައި އަންހެން ރެފްރީން އެބަ ފެނެއެވެ. ފުރަތަމަ ފަހަރަށް ފީފާ ވޯލްޑް ކަޕެއްގައި ރެފްރީންގެ ޓީމުން އަންހެނަކު ފެނުނީ މިފަހަރު، ގަތަރުގައި ކުރިއަށްދާ ވޯލްޑް ކަޕުގައެވެ.
މި ވޯލްޑްކަޕްގެ ބައެއް މެޗުތަކުގައި ހަތަރު ވަނަ ރެފްރީއެއްގެ ގޮތުގައި އަންހެން ރެފްރީން ހަރަކާތްތެރިވެއެވެ. މިއީ ގިނަ ބައެއްގެ ލޯ، އެކަމަކަށް އަމާޒުވި ކަމެކެވެ.
ނަމަވެސް ފީފާއިން ވަނީ މިއަދު ވަރަށް ހާއްސަ ކަމެއް އިއުލާނުކޮށްފައެވެ. ރެފްރީކަން ކުރުމަށް އިންގިލާބީ ބޮޑު ބަދެލެއް ގެނުވާނެކަމެކެވެ. ފިރިހެނުންގެ އެންމެ ބޮޑު ކުޅިވަރު އީދު ފީފާ ވޯލްޑްކަޕްގައި ބުރާސްފަތި ދުވަހުގެރޭ ޖަރުމަނާއި ކޮސްޓަ ރީކާ ބައްދަލުކުރާ މެޗުގައި ރެފްރީކަން ކުރާނީ ހުސް އަންހެން ރެފްރީންނެވެ.
ވޯލްޑްކަޕެއްގައި ފުރަތަމަ ފަަހަރަށް ދަނޑުމަތިން އަންހެން ރެފްރީއެއް މިރޭ ފެންނާނެއެވެ. އަދި މިރޭ ރޮނގުގައި ދިދަ ހިފައިގެން ވެސް ހުންނާނީ ދެ އަންހެން އެސިސްޓެންޓު ރެފްރީންނެވެ.
މެޗުގައި އިންސާފު ކުރާނެ ރެފްރީންގެ ޓީމް
ރެފްރީ - ސްޓެފެނީ ފްރަޕާޓް

ސްޓެފެނީ ފްރަޕާޓްް ----
މި މެޗުގައި ދަނޑުމަތީގައި ގޮތް ނިންމާނެ އިސް ރެފްރީއަކީ ފްރާންސްގެ ރެފްރީއެއްކަމަށްވާ ސްޓެފެނީ ފްރަޕާޓްްއެވެ.
އުމުރުން 38 އަހަރުގެ ސްޓެފެނީއަކީ ރެފްރީކަން ކުރުމުގައި އަރާހުރި ތަރިއެކެވެ. އޭނާ ވަނީ ކުލަބް ފުޓުބޯޅަައިގެ އެންމެ ބޮޑު މުބާރާތް ޗެމްޕިއަންސް ލީގުގައި 2020 ވަނަ އަހަރު ރެފްރީކަން ކޮށްފައެވެ. އަދި 2019 ވަނަ އަހަރު ޔޫއެފާ ސުޕަ ކަޕްގެ ފައިނަލްގައި އޭނާ ވަނީ ރެފްރީކަން ކޮށް، ފުޓުބޯޅައިގެ ތާރީޚުން ޖާގަ ހޯދާފައެވެ.
މީގެއިތުރުން ފްރާންސްގެ އެންމެ މަތީ ފުޓުބޯޅަ ލީގު، ލީގު 1 ގެ ގިނަ މެޗުތަކެއްގައި އޭނާ ރެފްރީކަން ކޮށްފައި ވެއެވެ. މީގެއިތުރުން އޭނާ ވަނީ މިފަހަރުގެ ވޯލްޑް ކަޕުގައި މެކްސިކޯއާއި ޕޮލެންޑު ބައްދަލުކުރި މެޗުގެ ހަތަރު ވަނަ ރެފްރީ ކަންވެސް ކޮށްފައެވެ.
ސްޓެފެނީ ވަނީ ފުޓުބޯޅައިގެ ރެކޯޑުތައް ބަލަހައްޓާ ބައިނަލްއަގްވާމީ އެސޯސިއޭޝަން އިންޓަނޭޝަނަލް ފެޑްރޭޝަން އޮފް ފުޓްބޯލް ހިސްޓޮރީ އެންޑް ސްޓެޓިސްޓިކްސް އިން ހޮވާ އަހަރުގެ އެންމެ މޮޅު އަންހެން ރެފްރީގެ މަގާމު 2019. 2020، 2021 ވަނަ އަހަރު ހޯދާފައެވެ.
އެސިސްޓެންޓް ރެފްރީ - ނެއުޒާ ބެކް

ނެއުޒާ ބެކް----
ޖަރުމަނާއި ކޮސްޓަ ރިކާ ބައްދަލުކުރާ މެޗުގެ ރޮނގު ބަލަހައްޓާނެ އެއް ރެފްރީ އަކީ، ބްރެޒިލްގެ އިތުބާރު އަންހެން ރެފްރީ ނެއުޒާ ބެކްއެވެ. އުމުރުން 38 އަހަރުގެ ނެއުޒާ ފުރަތަމަ ފަހަރަށް މެޗެއްގައި ކަށިގަނޑު ގޮށްވީ 2008 ވަނަ އަހަރުއެވެ. އެއީ ބްރެޒިލްގެ ފުޓްބޯލް އެސޯސިއޭޝަން އޮފް ސަންޓާ ކަޓަރީނާ ސްޓޭޓް އިން އިންތިޒާމުކޮށްގެން ބާއްވާ ކޮޕަ ސަންޓާ ކަޓަރީނާގައެވެ.
2012 ވަނަ އަހަރު ފީފާ ރެފްރީއަކަށްވެ ނެއުޒާ ވަނީ، ބޮޑެތި މުބާރާތްތަކުގައި ރެފްރީކަން ކޮށްފައެވެ. އެގޮތުން 2016 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި އޮލިމްޕިކްސްގައި އޭނާ ވަނީ ރެފްރީކަން ކޮށްފައެވެ. އަދި 2018 ވަނަ އަހަރު ވިމެންސް ކޮޕަ އެމެރިކާ މުބާރާތުގައި ރެފްރީކަން ކޮށް، 2019 ވަނަ އަހަރު ބްރެޒިލް ކަޕްގެ ފައިނަލްގައި ވެސް އޭނާ ވަނީ ރެފްރީކަން ކޮށްފައެވެ.
މީގެއިތުރުން 2020 ވަނަ އަހަރު އޭނާ ވަނީ ފުރަތަމަ ފަހަރަށް ފިރިހެނުންގެ މުބާރާތެއްގައި ރެފްރީކަން ކޮށްފައެވެ. އެއީ އެހަރު ބޭއްވި ދެކުނު އެމެރިކާ ކަޕެވެ. އަދި އެހަރު ޖަޕާނުގައި ބޭއްވި އޮލިމްޕިކަސްގައި އިންސާފު ކުރުމުގެ ފުރުސަތު ނެއުޒާ ހޯދާފައިވެއެވެ.
އެސިސްޓެންޓް ރެފްރީ - ކެރެން ޑިއާޒް

ކެރެން ޑީއާޒް -----
މެޗުގައި ރޮނގު ބަލަހައްޓާނެ ދެވަނަ ރެފްރީ އަކީ މެކްސިކޯގެ ކެރެން ޑީއާޒްއެވެ. އުމުރުން 38 އަހަރުގެ ކެރެން އަކީ 2018 ވަނަ އަހަރުން ފެށިގެން ފީފާގެ އެސިސްޓެންޓް ރެފްރީއެކެވެ.
ކެރެން އަކީ ފީފާ ވޯލްޑްކަޕްގައި ދެކުނު އެމެރިކާގެ ގައުމަކުން ރެފްރީކަން ކުރާ ފުރަތަމަ އަންހެން ރެފްރީ އެވެ. އޭނާ ވަނީ މެކްސިކޯގެ އެންމެ މަތީ ފަންތީގެ ފުޓުބޯޅަ ލީގު ކަމަށްވާ ލީގު އެމްއެކްސްގެ ގިނަ މެޗުތަކެއްގައި ރެފްރީކަންޗކޮށްފައެވެ.
ތާރީޚުގައި ލިޔެވޭނެ މި މެޗުގައި ބައްދަލު ކުރާ ދެ ޓީމު، ޖަރުމަނު އަދި ކޮސްޓަ ރިކާ އަކީ، މިފަހަރުގެ މުބާރާތުގެ ގްރޫޕް އީގައި ވާދަކުރާ ދެ ޓީމެވެ.
މި މެޗު ކާމިޔާބު ކޮށްލައިގެން ދެ ޓީމުން ކުރެ ކޮންމެ ޓީމަކަށް ވެސް ފައިނަލުގެ ޖާގައެއް ހޯދުމުގެ ފުރުސަތު އެބަ އޮތެވެ. އެހެންނަމަވެސް ސްޕެއިން އާއި ޖަޕާން ބައްދަލު ކުރާ މެޗުން ޖަޕާން މޮޅުވެއްޖެ ނަމަ، ޖަރުމަނަށް މަގު ހަނިވާނެއެވެ. އޭރުން ޖަރުމަނަށް ޖެހޭނީ ކޮސްޓަ ރިކާއާ ވާދަކޮށް މަދު ވެގެން އަށް ލަނޑުގެ ތަފާތަކުން މޮޅުވާށެވެ.