އީދު ފާހަގަކުރުމުގެ ގޮތުން ކުޅޭ ކުޅިވަރުތަކުގައި ޓެރެރިޒަމަށް ހިތްވަރުދޭ ކަންތައްތައް ކުރުމުގެ ކުރިން އެކަމާ މެދު ވިސްނައި ފިކުރު ކުރަން ޖެހޭ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.
މިއަދު ފެށި ޔޫތު ފޯ ނޭޝަން ޓޯކް ފޯރަމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އީދު ފާހަގަ ކުރުމުގެ ގޮތުން އެއް ރަށެއްގައި ގާނޫނީ ގޮތުން ފުށު އަރާ ކުޅިވަރެއް ވެސް ފެނިގެން ގޮސްފައިވާ ކަމަށެވެ.
ނިމިގެންދިޔަ ބޮޑު އީދުގައި ނ. މާފަރުގައި އީދު ފާހަގަ ކުރުމުގެ ގޮތުން ވަނީ 2001 ވަނަ އަހަރު ސެޕްޓެމްބަރު މަހު 11ގައި އެމެރިކާގެ ޓުވިން ޓަވަރަށް އަމާޒުކޮށްގެން ދިން ހަމަލާ ރަމްޒުކޮށްދޭ ޓަވަރެއް ހަދައި އަލިފާންރޯކޮށްލާ އައިޓަމެއް ހުށަހަޅާދީފަ އެވެ.
"އަޅުގަނޑުމެން ވިސްނަން ޖެހޭ ކަމަކީ އެ ކުރެވޭ ކަމެއްގެ ސަބަބުން ތިމާގެ ކުޅިވަރުގެެ ތެރެއިން ކުރެވޭ ކަމަކަށް ވިޔަސް ޓެރެރިޒަމަށް ހުށަހެޅިގެންދާ ފަދަ ނުވަތަ ޓެރެރިޒަމަށް ހިތްވަރުދޭ ފަދަ ކަމެއް ކުރެވިގެންދާ ނަމަ އަޅުގަނޑުމެން އެބަ ޖެހޭ ވިސްނައި ފިކުރު ކޮށްލަން. ހަމައެ އާކު މި ކުރެވޭ ކަމެއްގެ ސަބަބުން އަޅުގަނޑުމެންނާއި ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުންތަކާ ދޭތެރޭގައިި ވެސް އަޅުގަނޑުމެން އެބަ ޖެހޭ ވިސްނާލަން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ދިވެހިންގެ އެންމެ ފަހުރުވެރި އެއްޗަކީ ދިވެހި ދިދަ ކަމަށެވެ. އަދިިި ކޮންމެ ގައުމެއްގައި ހުރެ ވެސް ދިވެހި ދިދަ އަނދާ މަންޒަރު ދެކޭކަށް ކުޅަދާނަ ނޫން ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހިޔާލަށް ގެންނަވަމާ އެހެން ގައުމެއްގެ ދިދަ އަންދާލާ މަންޒަރަކީ އެ ގައުމެއްގެ މީހުންނަށް ކޮންކަހަލަ އިހުސާސްތަކެއް ކުރެވޭނެ ކަމެއްތޯ." އާދަމް ވިދާޅުވި އެވެ.
އެފަދަ ކަންތައްތައް އޭގެ ޒާތުގައި ވިސްނާލުމެއް ނެތި ކުރި ކަމުގައި ވިޔަސް ބަވަނަ ވަމުންދާ މިދުނިޔޭގައި އެފަދަ އެފަދަ ކަންތައްތައް ކުރުމުގެ ކުރިން އެހެން ގައުމުތަކުގެ މީހުންނާ މެދު ވިސްނަން ޖެހޭނެ ކަަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.