ކުރެދިވަރުގައި ތަރައްގީކުރާ މޫވެންޕިކްގެ ރިސޯޓް ނޮވެމްބަރުގައި ހުޅުވަނީ

މޫވެންޕިކް ރިސޯޓް އެންޑް ސްޕާ ކުރެދިވަރު މޯލްޑިވްސް.

ނ. ކުރެދިވަރުގައި ސްވިޓްޒަލެންޑުގެ މޫވެންޕިކް ހޮޓެލްސް ގްރޫޕުން ތަރައްގީ ކުރާ މަތީ ފެންވަރުގެ ރިސޯޓް ނޮވެމްބަރު މަހުގެ ތެރޭގައި ހުޅުވުމަށް ތައްޔާރުވެއްޖެ އެވެ.

"މޫވެންޕިކް ރިސޯޓް އެންޑް ސްޕާ ކުރެދިވަރު މޯލްޑިވްސް"ގެ ނަމުގައި ހުޅުވާ އެ ރިސޯޓުގައި 105 ކޮޓަރި ހުންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 33 ބީޗު ވިލާ އާއި 72 އޯވަ-ވޯޓާ ވިލާ އެވެ.

ކުރެދިވަރުގައި، މޫވެންޕިކްގެ ރިސޯޓް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ. އޭރު އެ ކުންފުނިން ބުނީ މި އަހަރުގެ ދެ ވަނަ ކުއާޓަރުގައި އެ ރިސޯޓް ހުޅުވާނެ ކަމަށެވެ. ނަމަވެސް، ހުޅުވުން ލަސްވެގެން ދިޔައީ ކީއްވެގެން ކަމެއް ސާފެއް ނުވެ އެވެ.

https://sun.mv/89223

ރިކްރިއޭޝަނަލް ގިނަ ހަރަކާތްތަކަކާ އެކު ތައްޔާރުކުރާ މޫވެންޕިކް ރިސޯޓުގައި މަތީ ފެންވަރުގެ ގިނަ ހިދުމަތްތައް ލިބޭނެ އެވެ. އަދި އެކި ގައުމުތަކުގެ ރަހަތަކުން މުސްހަނދިވެފައިވާ ރެސްޓޯރަންޓްތަކާއި، ބާ ތައް އެ ރިސޯޓުގައި ހުންނާނެ އެވެ.

ނ. އަތޮޅުގެ މެދުތެރޭގައި އޮންނަ ކުރެދިވަރުގެ، ވަށައިގެން އޮންނަނީ ސިންގަޕޫރުގެ ރޮކްސީ ޕެސިފިކް ކުންފުނިން ނޯކޫ ބްރޭންޑުގެ ރިސޯޓެއް ތަރައްގީކުރަމުން އަންނަ ނ. ކުޑަފުނަރުގެ އިތުރުން، ނ. އަތޮޅުގެ ހަތަރު ފަޅުރަށް ކަމުގައިވާ ހުއިވަނި، ދީފުރާމު، ކެނދިވަރު އަދި މާފުނަފަރެވެ. މީހުން އުޅޭ ރަށަކަށް އެންމެ ކައިރީގައި އޮންނަނީ ކުޑަފަރި އެވެ.

މޫވެންޕިކް ހޮޓެލްސްއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ ހޮޓެލްތައް ހިންގަ އެވެ. އެގޮތުން އަވައްޓެރި ސްރީލަންކާގެ ކޮލޮމްބޯ އަދި އިންޑިއާގެ ބެންގަލޫރުގައި ވެސް އެ ކުންފުނިން ހޮޓެލް ހިންގަ އެވެ.

comment ކޮމެންޓް