ކުރެދިވަރުގައި މޫވެންޕިކްގެ ރިސޯޓެއް ހަދަނީ

ނ. ކުރެދިވަރު ---

ނ. ކުރެދިވަރުގައި ސްވިޓްޒަލެންޑުގެ މޫވެންޕިކް ހޮޓެލްސް ގްރޫޕުން ރިސޯޓެއް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މޫވެންޕިކް ހޮޓެލްސްއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މޫވެންޕިކް ރިސޯޓް އެންޑް ސްޕާ ކުރެދިވަރު މޯލްޑިވްސްގެ ނަމުގައި ހުޅުވާ އެ ރިސޯޓުގައި 105 ކޮޓަރި ހުންނާނެ ކަމަށެވެ. އެއީ 33 ބީޗު ވިލާ އަދި 72 އޯވަ-ވޯޓާ ވިލާއެވެ.

ރިކްރިއޭޝަނަލް ގިނަ ހަރަކާތްތަކަކާ އެކު ތައްޔާރުކުރާ މޫވެންޕިކް ރިސޯޓު ކުރެދިވަރު، 2018 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ތެރޭގައި ހުޅުވޭނެ ކަމަށް މޫވެންޕިކް ހޮޓެލްސްއިން ބުނެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ލަގްޒަރީ ފެންވަރުގެ ރިސޯޓުތައް ގާއިމުކޮށްފައި ހުރި ނ. އަތޮޅުގައި ހަދާ މޫވެންޕިކް ރިސޯޓުގައި، މޫވެންޕިކްގެ ފެންވަރުގައި ހޮސްޕިޓެލިޓީއާއި ޚިދުމަތް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވާކަމަށް މޫވެންޕިކްގެ ޗީފް ޑިވެލޮޕްމެންޓް އޮފިސަރ އެންޑްރޫ ލެންގްޑަން ވިދާޅުވިއެވެ.

ނ. ކުރެދިވަރު އޮންނަނީ ނ. އަތޮޅުގެ މެދުތެރޭ ސަރަހައްދުގައެވެ. އެ ރަށުގެ ވަށައިގެން އޮންނަނީ ސިންގަޕޫރުގެ ރޮކްސީ ޕެސިފިކް ކުންފުނިން ނޯކޫ ބްރޭންޑުގެ ރިސޯޓެއް ތަރައްގީކުރަމުން އަންނަ ނ. ކުޑަފުނަރުގެ އިތުރުން، ނ. އަތޮޅުގެ ހަތަރު ފަޅުރަށް ކަމުގައިވާ ހުއިވަނި، ދީފުރާމު، ކެނދިވަރު އަދި މާފުނަފަރެވެ. މީހުން އުޅޭ ރަށަކަށް އެންމެ ކައިރީގައި އޮންނަނީ ކުޑަފަރީއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓު ބުނާ ގޮތުން، ނ. ކުރެދިވަރު ކުއްޔަށް ދޫކޮށްފައިވަނީ ޒެން ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ދިވެހި ކުންފުންޏަކަށެވެ.

މޫވެންޕިކް ހޮޓެލްސްއިން ސްރީލަންކާގެ ކޮލޮމްބޯ އަދި އިންޑިއާގެ ބެންގަލޫރުގައިވެސް ހޮޓެލް ހިންގައެވެ.

comment ކޮމެންޓް